Roadha Mihaaru
ތޫފާނުގައި ޓަމިލް ނާޑޫން ހަތަރު މީހުން މަރުވެއްޖެ

ތޫފާނުގައި ޓަމިލް ނާޑޫން ހަތަރު މީހުން މަރުވެއްޖެ

30 ނޮވެމްބަރ 2017

މެޑްރާސް (ނޮވެމްބަރު 30) - އިންޑިއާގެ ޓަމިލް ނާޑޫ ސަރަހައްދަށް އެރި ތޫފާން އޮކީގައި މިހާތަނަށް ހަތަރު މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

މެޑްރާސް (ނޮވެމްބަރު 30) - އިންޑިއާގެ ޓަމިލް ނާޑޫ ސަރަހައްދަށް އެރި ތޫފާން އޮކީގައި މިހާތަނަށް ހަތަރު މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ޑިޕްރެޝަން ތޫފާނަކަށް ބަދަލުވެ ގަޑިއަކު 60 ކިލޯ މީޓަރުގެ ބާރު މިނުގައި ދަނީ ވައި ޖެހެމުންނެވެ. ޓަމިލް ނާޑޫގެ ވަރަށް ގިނަ ސްކޫލްތައް މިއަދު ވަނީ ބަންދުކޮށްފަ އެވެ. ގިނަ އަދަދެއްގެ ގަސްތައް ވަނީ މުލުހުން ލުހިގެން ވެއްޓިފަ އެވެ. އަދި އައްސޭރިއާ ކައިރީގައިވާ އިމާރަތްތަކަށް ވަނީ ބޮޑެތި ގެއްލުންތައް ލިބިފަ އެވެ. މޫސުމާ ބެހޭ އޮފިޝަލުން ބުނީ ތޫފާން އޮކީ މިހާރު ދަތުރު ކުރަމުން ދަނީ ލަޖްޝަދީޕްއާ ދިމާލަށް ކަމަށެވެ.

ތޫފާނުގައި ޓަމިލް ނާޑޫ އިން ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް މިހާރު ވަނީ ނޭޝަނަލް ޑިޒާސްޓާ ރެސްޕޮންސް ޓީމުގެ މެންބަރުން ނެރެފަ އެވެ. ތޫފާނުގައި ޗެންނާއީ އަށް ވެސް ދަނީ ބޯކޮށް ވާރޭ ވެހެމުންނެވެ. ޓަމިލް ނާޑޫ އާއި ކެރެލާ އަދި ލަކްޝަދީޕުގެ މަސްވެރިން މަހަށް ނުނިކުތުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

ކުރިއަށް އޮތް 24 ގަޑިއރު ތެރޭ ކެރެލާގެ ދެކުނުގެ ހިސާބުތަކަށް ތޫފާން އަރާނެ އިންޑިއާގެ މޫސުމާ ބެހޭ އިދާރާ އިން ވަނީ ލަފާކޮށްފަ އެވެ.

ސްރީ ލަންކާ ސަރަހައްދުގައި އުފެދިފައިވާ ކޮޅިގަނޑުގެ ބާރުގަދަވެ ލަންކާ އަށް ވެސް މިހާރު ދަނީ ގަދައަށް ވިއްސާރަ ކުރަމުންނެވެ. އެ ގައުމުން މިހާތަނަށް ފަސް މީހުން މަރުވެފައިވާ ކަމަށް ވަނީ ބުނެފަ އެވެ. ލަންކާ ސަރަހައްދުގައި އުފެދިފައިވާ ކޮޅިގަނޑުގެ އަސަރު ރާއްޖެ އަށް ވެސް ދަނީ ކުރަމުންނެވެ.