Roadha Mihaaru
މި ފޯމުގައި ނިއު ބަލިކުރަން އުނދަގޫވާނެ: އޮސްކާ

މި ފޯމުގައި އޮއްވައި ނިއު ބަލިކުރަން އުނދަގޫވާނެ: އޮސްކާ

03 ޑިސެމްބަރ 2017

އެފްއޭ ކަޕް ސެމީ ފައިނަލުގައި މިރޭ ކްލަބް ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ނިއު ރޭޑިއަންޓް ނުކުންނައިރު އެ ޓީމު މިހާރު އޮތް ފޯމުގައި ބަލިކުރަން އުނދަގޫވާނެ ކަމަށް ނިއުގެ ކޯޗު ސްޕެއިނުގެ އޮސްކާ ބްރުޒޮން ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އެފްއޭ ކަޕް ސެމީ ފައިނަލުގައި މިރޭ ކްލަބް ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ނިއު ރޭޑިއަންޓް ނުކުންނައިރު އެ ޓީމު މިހާރު އޮތް ފޯމުގައި ބަލިކުރަން އުނދަގޫވާނެ ކަމަށް ނިއުގެ ކޯޗު ސްޕެއިނުގެ އޮސްކާ ބްރުޒޮން ބުނެފި އެވެ.

މި މުބާރާތުގެ ފައިނަލުން ނިއު ޖާގަ ހޯދީ ކުއާޓާ ފައިނަލުގައި ކްލަބް އީގަލްސް އިން ވާދަކުރި ޔޫތު ޓީމުގެ މައްޗަށް 5-1 އިން ކުރި ހޯދައިގެންނެވެ. މިއީ ނިއު އިން ޖެހިޖެހިގެން މޮޅުވި 13 ވަނަ މެޗެވެ. އީގަލްސް މެޗަށް ފަހު ނިއުގެ ކޯޗު އޮސްކާ އެންމެ ބޮޑަށް ފާހަގަކުރީ އެ ޓީމު އޮތް ފޯމު ރަނގަޅު ވާހަކަ އެވެ.

"އަހަރެމެން ބޭނުންވާ ގޭމް ކޮންމެ މެޗެއްގައި އެބަކުޅެވޭ. އެއީ ހިތްހަމަ ޖެހޭ ކަމެއް. މި ފޯމު ދެމެހެއްޓުން އެންމެ މުހިއްމީ. ކުރިން ވެސް އަހަރެން ބުނިން މިގޮތަށް މި ޓީމު ކުޅޭނަމަ ބަލިކުރަން އުނދަގޫވާނެއޭ. އިދިކޮޅަށް ކޮންމެ ޓީމެއް ކުޅުނަސް އަހަރެމެން ވިސްނާނީ އަހަރެމެންގެ ގޭމަށް. އެއީ އިތުބާރާ އެކު އެ ގޮތަށް ކުޅެފި ނަމަ އަހަރެމެންނަށް މޮޅު ވެވޭނެކަން އެނގޭތީ،" އޮސްކާ ބުންޏެވެ.

މި މެޗަށް ނުކުންނައިރު ނިއު އަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ކާޑު ހަމަވުމުގެ ސަބަަބުން އީގަލްސް މެޗަށް ސަސްޕެންޑްވެފައިހުރި އަލީ ފާސިރު (ސެންޓޭ) އަށް ކުޅެވުމެވެ. ޕްރިމިއާ ލީގަށް ފަހު ސްޕެއިނުގެ ފޯވާޑް އެޑްރިއަން ގަލާޑޯ ނިއު ދޫކޮށްލާފައިވާއިރު، މިހާރު އެ ޓީމުގެ ފޯވާޑް ލައިން ބަލަހައްޓާނީ ސެންޓޭގެ އިތުރުން ގައުމީ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އެވެ.

ގްރީން ސްޓްރީޓްސްގެ ޕެޓްރޯ (ކ) ކައިރިން ނިއުގެ ސެންޓޭ ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ގްރީން ސްޓްރީޓްސްގެ ޕެޓްރޯ (ކ) ކައިރިން ނިއުގެ ސެންޓޭ ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ގަދަ ހަތަރަކުން ކެޓުމުން ގްރީން ސްޓްރީޓްސް އަށް މި ސީޒަނުގައި ދެން އޮތް ހަމަައެކަނި މުބާރާތަކީ އެފްއޭ ކަޕެވެ. ލީގުގެ ފަހު މެޗަށް ފަހު ގްރީން ސްޓްރީޓްސްގެ ކޯޗުކަމުން ސޮބާހު މުހައްމަދު (ސޮބާ) ވަކިވެފައިވާއިރު، އެފްއޭ ކަޕް ކުއާޓާ ފައިނަލުގައި ކޮންފެރޭ ސްޕޯޓްސް ކްލަބް އަތުން 16-1 އިން މޮޅުވި މެޗުގައި ގްރީން ސްޓްރީޓްސް އަށް އިރުޝާދު ދިނީ އަލީ ހަސަން އެވެ.

ނިއު އާއި ގްރީން ސްޓްރީޓްސް ވަނީ މި އަހަރު މިހާތަނަށް ހަތަރު ފަހަރެއްގެ މަތިން ބައްދަލުކޮށްފަ އެވެ. އެސްޓީއޯ މާލޭ ލީގުގެ ފުރަތަމަ ބުރުގައި ނިއު 2-1 އިން މޮޅުވި ނަމަވެސް ދެ ވަނަ ބުރުގައި ވަނީ 3-0 އިން ގްރީން ސްޓްރީޓްސް އަތުން ބަލިވެފަ އެވެ. ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުން 1-0 އިން ނިއު މޮޅުވިިއިރު، ދެ ވަނަ މެޗު އެ ޓީމުން ކާމިޔާބުކުރީ 3-0 އިންނެވެ.

އެފްއޭ ކަޕް ފައިނަލުގެ ފުރަތަމަ ޖާގަ މާޒިޔާ ބަލިކުރުމަށް ފަހު ޓީސީ ސްޕޯޓްސް ކްލަބުން ވަނީ ރޭ ހޯދައިފަ އެވެ. މިރޭގެ މެޗު ފަށާނީ 9 ޖަހާއިރު އެވެ.