07 ޖުލައި 2016
"ހަވީރު" ނޫހުގެ ކުރީގެ މުވައްޒަފުންގެ މައްޗަށް ސިވިލް ކޯޓުން މިދިޔަ އާދިއްތަ ދުވަހު ކޮށްފައިވާ އަމުރަކީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ޚިލާފު، ޣައިރު ގާނޫނީ އަމުރެއް ކަމަށް ގަބޫލުކުރެވޭ ކަމަށާއި އެ އަމުރުގައިވާ މުވައްޒަފުންގެ ބައި ދައުލަތުން އިސްތިއުނާފު ކުރަން ނިންމާފައިވާ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުނެފި އެވެ.
"ހަވީރު" ނޫހުގެ ކުރީގެ މުވައްޒަފުންގެ މައްޗަށް ސިވިލް ކޯޓުން މިދިޔަ އާދިއްތަ ދުވަހު ކޮށްފައިވާ އަމުރަކީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ޚިލާފު، ޣައިރު ގާނޫނީ އަމުރެއް ކަމަށް ގަބޫލުކުރެވޭ ކަމަށާއި އެ އަމުރުގައިވާ މުވައްޒަފުންގެ ބައި ދައުލަތުން އިސްތިއުނާފު ކުރަން ނިންމާފައިވާ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުނެފި އެވެ.
އެ އޮފީހުން ދާދިދެންމެއަކު ނެރުނު ތިން ސަފުހާގެ ބަޔާނުގައި ވަރަށް ގިނަ ކަންތައްތަކެއް ފާހަގަކުރުމަށް ފަހު ބުނެފައި ވަނީ، އަމުރާ ޚިލާފު ވެއްޖެ ނަމަ އެ މީހުންނާ މެދު ފިޔަވަޅު އެޅުމަށް ސިވިލް ކޯޓުން ކޮށްފައިވާ އަމުރަށް ނިސްބަތްވާ ބައި ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައި ކޯޓުގައި އިސްތިއުނާފު ކުރުމަށް މިހާރު ނިންމައިފައިވާ ކަމަށެވެ.
އެޓާނީ ޖެނެރަލް އޮފީހުން ފާހަގަކޮށްފައިވާ މައިގަނޑު ކަންތައްތަކުގެ ތެރޭގައި ހިމެނެނީ:
1. އެ މީހުންނާ މެދު ފިޔަވަޅު އެޅުމަށް ހޯމް މިނިސްޓްރީ އަށް ނުވަތަ ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކަށް އަމުރުކޮށްފައިވާއިރު، ނޫސްތަކާއި މަޖައްލާތަކުގައި މަސައްކަތްކުރަމުންދާ ވަކިވަކި މުވައްޒަފުންނާ މެދު ވަކި ތަނެއްގައި މަސައްކަތް ކުރުން މަނާކޮށް ފިޔަވަޅު އެޅުމުގެ ބާރު ގާނޫނުއަސާސީ ނުވަތަ މިހާރު އަމަލުކުރަމުންދާ އެއްވެސް ގާނޫނެއްގެ ދަށުން ހޯމް މިނިސްޓްރީ އަށް ވެސް އަދި ސަރުކާރުގެ އެއްވެސް މިނިސްޓްރީ އަކަށް ލިބިފައި ނެތުމުން މިއީ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފަށް ކޮށްފައިވާ އަމުރަކަށް ވުން.
2. މި ހުކުމް ތަންފީޒު ކުރަން ހޯމް މިނިސްޓްރީގެ މައްޗަށް އަމުުރުކޮށްފައިވާ އިރު، މިހާރު އަމަލުކުރަމުންދާ ގާނޫނުތަކަށް ރިއާޔަތް ކުރާއިރު ސިވިލް ކޯޓުގެ ނިންމުމަކީ ތަންފީޒު ކުރެވޭނެ ނިންމުމެއް ކަމުގައި ނުވާތީ، މިއީ ސުޕްރީމް ކޯޓުގެ ރޫލިންއެއްގައި ކަނޑައަޅާފައިވާ ގާނޫނީ އުސޫލުތަކާ ހިލާފަށް ކޮށްފައިވާ އަމުރެއް ކަމަށް ވުން.
3. ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމަކުން ނުވަތަ ގާނޫނު އަސާސީގެ 16 ވަނަ މާއްދާ އަށް ރިއާޔަތް ކޮށް ގާނޫނަކުން މެނުވީ ގާނޫނު އަސާސީގެ 37 ވަނަ މާއްދާގެ ހ.ގެ ދަށުން ކޮންމެ ރައްޔިތަކަށްމެ އެ މީހަކު އިޚުތިޔާރު ކުރާ ވަޒީފާއެއް އަދާކުރުމުގެ ނުވަތަ މަސައްކަތެއް ކުރުމުގެ ހައްގު ހިފެހެއްޓުމަކީ ނުވަތަ ހަނިކުރުމަކީ ގާނޫނު އަސާސީ އާ ހިލާފު ކަމެއް ކަމަށްވީ ހިނދު، ހަވީރު ނޫހާއި ހަވީރު އޮންލައިނާއި ޗާޕްޚާނާ އާއި ހަވީރަށް ނިސްބަތްވާ ވިޔަފާރިތަކުގައި ވަޒީފާ އަދާކޮށްފައިވާ މީހަކު ނުވަތަ ބައެއް އިސްވެ ދެންނެވި ހުކުމާ ހިލާފުވެއްޖެ ނަމަ، އެ މީހުންނާ މެދު ފިޔަވަޅު އެޅުމަށް ސިވިލް ކޯޓުން ކޮށްފައިވާ އަމުރަކީ ގާނޫނުއަސާސީ އާ ހިލާފު ބާތިލް އަމުރަކަށް ވުން.
4. މި މައްސަލައާ ގުޅޭ ގޮތުން ހައި ކޯޓުން ނެރެފައިވާ ނިހާއީ ހުކުމްގެ ގަޒިއްޔާ އާއި އެ ގަޒިއްޔާ އާ ގުޅިގެން ސިވިލް ކޯޓަށް ހުށަހެޅުނު ގަޒިއްޔާ އިން ބެލި މައްސަލާގައި ވެސް ދައުވާކުރި ފަރާތްތަކުން އެދިފައިވާ ކަންތައްތަކުގެ ތެރޭގައި ވަކިވަކި މުވައްޒަފުންނަށް ފިޔަވަޅު އަޅަން އެދިފައި ނުވާއިރު، އެއީ ސުޕްރީމް ކޯޓުގެ ގަޒިއްޔާއަކުން ކަނޑައަޅާފައިވާ އުސޫލާ ހިލާފަށް ނިންމާފައިވާ ނިންމުމަކަށް ވުން.
5. ސިވިލް ކޯޓުގެ ހުކުމްގެ މި ބައި ރައްދުވާ ފަރާތްތައް ކަމަށްވާ ފެބްރުއަރީ 3، 2016 އިން ފެށިގެން "ހަވީރު"ގައި ވަޒީފާ އަދާކޮށްފައިވާ އެންމެހާ މުވައްޒަފުންގެ މައްޗަށް އެ ފަރާތްތަކުގެ އަސާސީ ހައްގުތަކެއް ހިފެހެއްޓިގެންދާ ނުވަތަ ހަނިވެގެންދާ އަމުރެއް ސިވިލް ކޯޓުން ކުރިއިރު ކޯޓުން އެ ފަރާތްތަކުގެ ބަހެއް ހޯދާފައި ނުވުމަކީ ގާނޫނުއަސާސީގެ 42 ވަނަ މާއްދާ އާއި ނެޗުރަލް ޖަސްޓިސްގެ އުސޫލެއް ކަމަށްވާ އަނެއް ޚަސްމުގެ ބަހެއް ހޯދުމާ ހިލާފަށް ނިންމާފައިވާ ނިންމުމަކަށް ވުން.
6. ސިވިލް ކޯޓުގެ ހުކުމްގެ މި ބައި ރައްދުވާ ފަރާތްތަކުގެ ތެރޭގއި ފެބްރުއަރީ 3، 2016އިން ފެށިގެން "ހަވީރު"ގައި ވަޒީފާ އަދާކޮށްފައިވާ އެންމެހާ މުވައްޒަފުން ހިމެނޭ އިރު، އެކިއެކި މުއްދަތުތަކުގެ ތެރޭގައި އެކިއެކި ހައިސިއްޔަތުތަކުން، އެކިއެކި ފެންވަރުގެ އަދި އެކިއެކި ފަންނުގެ ވަޒީފާ އަދާކޮށްފައިވާ ނުވަތަ އަދާކުރަމުންދާ ފަރާތްތައް ހިމެނޭއިރު، އެއިން އެއްވެސް ކަމަކަށް ރިއާޔަތް ކޮށްފައި ނުވުން.
Press release regarding the decision to appeal part of Civil Court case number 220/Cv-C/2016. pic.twitter.com/xow2Q4yf94
— AG Office Maldives (@agofficemv) July 7, 2016
"ހަވީރު" ނޫހުގެ މިލްކުވެރިކަމާ މެދު ސިވިލް ކޯޓުން ހުކުމް ކުރިއިރު، އެ ނޫހާއި ނޫހުގެ ވިޔަފާރިތަކާ ގުޅުން ހުރި ކަންކަމުގައި މަސައްކަތް ކުރި އެއްވެސް މުވައްޒަފަކަށް "ހަވީރު" ނޫން މީޑިއާއެއްގައި ދެ އަހަރު ވަންދެން އެއްވެސް މަސައްކަތެއް ކުރުން ވަނީ މަނާކޮށްފަ އެވެ. "ހަވީރު" ހުއްޓާލި އިރު، އެ ވިޔަފާރިތަކުގައި 80އެއްހާ މުވައްޒަފުން ދިޔައީ ވަޒީފާ އަދާކުރަމުންނެވެ. އޭގެ ތެރެއިން 50 އަށް ވުރެ ގިނަ މުވައްޒަފުން ވަޒީފާ އިން އިސްތިއުފާ ދިނުމަށް ފަހު މިހާރު މަސައްކަތް ކުރަމުން އަންނަނީ "މިހާރު" ނޫހުގަ އެވެ.
"ހަވީރު"ގެ ކުރީގެ މުވައްޒަފުންގެ މައްޗަށް އައި ހުކުމާ އެކު، މައްސަލައިގައި ސަރުކާރަށް އެޅޭނެ ފިޔަވަޅެއް ނެތް ކަމަށް ބަންޑާރަ ނައިބު މުހަންމަދު އަނިލް ކުރިން ވެސް ވަނީ ވިދާޅުވެފަ އެވެ. އެހެން ނަމަވެސް ސިވިލް ކޯޓުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އަނިލް ވިދާޅުވެފައި ވަނީ ބާތިލް ވާހަކަތަކެއް ކަމަށެވެ.
މި މައްސަލަ ދައުލަތުން އިސްތިއުނާފު ކުރަން ނިންމިއިރު، "ހަވީރު"ގެ ކުރީގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ ބުރާސްފަތި ދުވަހު މި މައްސަލަ އިސްތިއުނާފު ކުރަން ވެސް ހުށަހަޅައިފަ އެވެ.
ހަވީރު މުވައްޒަފުންގެ ހުކުމް ލިޔުނީ އަލީ ހަމީދު
އަނިލްގެ ނިންމެވުމަށް ޝިފާގްގެ ތައުރީފު
ހުކުމްތަކުގެ ތެރެއިން މިއީ ވަރުގަދަ ހުކުމެއް!
އަނިލްގެ ވާހަކަ ތަކަށް ސިވިލް ކޯޓުން ގޮންޖަހައިފި
ހަވީރުގެ ހުކުމަށް ކުރީގެ ފަނޑިޔާރަކު ފާޑު ވިދާޅުވެއްޖެ
"ހަވީރު" އަކީ ޑރ.ޒާހިރުގެ މިލްކެއް: ސުޕްރީމް ކޯޓު
ދިވެހި ނޫސްވެރިކަން ބަދަލުކޮށްލި ސިކުނޑި
"މިހާރު" ތިން އަހަރު: ފަސް އެނބުރި ބެލުމެއް ނެތް
ހަވީރު މުވައްޒަފުންނަށް ކުރި ހުކުމް ފަސްކޮށްދޭން އެދެފި
ހަވީރު މުވައްޒަފުންގެ ހައްގު ހިފެހެއްޓި މައްސަލަ ބަލަނީ