Roadha Mihaaru
ހަވީރު މުވައްޒަފުންގެ ހުކުމް ލިޔުނީ އަލީ ހަމީދު

"ހަވީރު" މުވައްޒަފުންނަށް ވަޒީފާ އަދާކުރުން މަނާކުރާ ހުކުމް ލިޔުނީ އަލީ ހަމީދު: ހަލީމް

02 މެއި 2018

ހަވީރު" ނޫހާއި "ހަވީރު އޮންލައިން"ގައި ކުރިން މަސައްކަތްކުރި މުވައްޒަފުން ދެ އަހަރު ވަންދެން އެހެން މީޑިއާއެއްގައި މަސައްކަތް ކުރުން މަނާކޮށް، ސިވިލް ކޯޓުން ހުކުމްކުރީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު، އެގޮތަށް ހުކުމް ބަދަލުކުރުމުން ކަމަށް ހުކުމް ކުރެއްވި ގާޒީ މުހައްމަދު ހަލީމް ވިދާޅުވެއްޖެ އެވެ.

ހަވީރު" ނޫހާއި "ހަވީރު އޮންލައިން"ގައި ކުރިން މަސައްކަތްކުރި މުވައްޒަފުން ދެ އަހަރު ވަންދެން އެހެން މީޑިއާއެއްގައި މަސައްކަތް ކުރުން މަނާކޮށް، ސިވިލް ކޯޓުން ހުކުމްކުރީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު، އެގޮތަށް ހުކުމް ބަދަލުކުރުމުން ކަމަށް ހުކުމް ކުރެއްވި ގާޒީ މުހައްމަދު ހަލީމް ވިދާޅުވެއްޖެ އެވެ.

މިދިޔަ ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ފުލުހުންގެ ތަހުގީގަށް ނެގި ބަޔާންތަކުގެ ތެރެއިން ސިވިލް ކޯޓުގެ ގާޒީ ހަލީމްގެ ބަޔާން ވަނީ ސޯޝަލް މީޑިއާގައި ލީކުވެފަ އެވެ. ލީކުކޮށްލީ ސައްހަ ބަޔާންތަކެއް ކަމަށް ފުލުހުން ބުނާއިރު، އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ގާޒީ ހަލީމް، މިދިޔަ މަހުގެ އަށް ވަނަ ދުވަހު ފުލުހުންނަށް ދެއްވި ބަޔާނުގައި ވިދާޅުވީ ސިވިލް ކޯޓުގައި މަސައްކަތް ފެއްޓެވި ފަހުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ބޭނުންފުޅުވާ ގޮތަށް މައްސަލަތަކުގައި އަމަލު ކުރުމަށް ސިވިލް ކޯޓުގެ އިސް ގާޒީ އަބްދުﷲ އަލީ މެދުވެރިކޮށް އިރުޝާދު ދެއްވާފައިވާ ކަމަށެވެ. ހަލީމްގެ ބަޔާނުގައި ތިން ކަމެއް ފާހަގަކުރެއްވި އެވެ.

ފުރަތަމަ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ ހަވީރު ނޫހުގެ މިލްކުވެރިކަމާ ގުޅިގެން ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި ކަންތައްތައް ހިނގައިދިޔަ ގޮތެވެ.

ހަލީމް ވިދާޅުވެފައިވާ ގޮތުގައި އެ މައްސަލައިގެ ލިޔެކިޔުންތަކާއި އޭނާ ލިޔުއްވި ހުކުމް ހިފައިގެން އެންމެ ފުރަތަމަ ވަޑައިގެންނެވީ ސުޕްރީމް ކޯޓަށެވެ. ސުޕްރީމް ކޯޓަށް ވަޑައިގެންނެވީ އަލީ ހަމީދުގެ އެންގެވުމަށް ކަމަށާއި އޭނާއާ އެކު ސިވިލް ކޯޓުގެ އިސް ގާޒީ ވެސް އެ ކޯޓަށް ވަޑައިގެންނެވި ކަމަށް ހަލީމް ވިދާޅުވި އެވެ.

ލިޔެކިޔުންތައް ގެންދިއުމުން، އަލީ ހަމީދު ބޭނުންވާ ގޮތަށް ބަދަލުކުރުމަށް ފަހު، އެގޮތަށް ހަވީރުގެ މައްސަލައިގެ ހުކުމް ނެރުއްވުމަށް އަލީ ހަމީދު އެންގެވި ކަމަށް ހަލީމް ވިދާޅުވި އެވެ. އެ ހުކުމުގައި، ހަވީރު ނޫހުގައި މަސައްކަތް ކުރާ އެއްވެސް މުވައްޒަފެއްގެ ވާހަކަ އޭނާ ހުކުމް ލިޔުއްވި އިރު ހިމަނާފައި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ނަމަވެސް ފަނޑިޔާރު އަލީ ހަމީދު ގެންނެވި ބަދަލުތަކުގެ ތެރޭގައި ހަވީރު ނޫސް އިދާރާގެ އެއްވެސް މުވައްޒަފަކަށް އެއްވެސް މީޑިއާއެއްގައި އެއްވެސް މަސައްކަތެއް ނުކުރެވޭނެ ކަމަށް ހިމަނުއްވާފައިވެ އެވެ. މިހެންވުމުން އެ ހުކުމަށް ފަނޑިޔާރު އަލީ ހަމީދު ގެންނަވާފައިވާ ބަދަލުތަކާ އެކު އަޅުގަނޑު އެ ހުކުމް ކުރީމެވެ،" ސިވިލް ކޯޓުގެ ގާޒީ ކަން ކުރައްވާތާ ތިން އަހަރުވެފައިވާ ހަލީމް ފުލުހުންނަށް ދެއްވި ބަޔާނުގައި ވިދާޅުވި އެވެ.

ދުވަހު ނޫހެއްގެ ގޮތުގައި ހިންގަމުން އަންނަތާ 37 އަހަރަށް ފަހު، "ހަވީރު" ނޫހާއި ހަވީރު އޮންލައިން ހުއްޓާލީ ސިވިލް ކޯޓުން ކުރި ކުއްލި އަމުރަކާ ގުޅިގެންނެވެ. ހަތަރު ހިއްސާދާރަކު ހިއްސާވާ ތަނެއް ކަމަށް ބުނެ، ސިވިލް ކޯޓުގެ، މާޗް 31ގެ އަމުރާ އެކު "ހަވީރު"، ހުއްޓާލަން ޖެހުނެވެ. އެކަމަކު ނިއުސް އެޖެންސީ 1985 ގައި އުފެއްދުމުގެ ކުރިން ވެސް އަދި އޭގެ ފަހުން 2013 އާ ހަމައަށް "ހަވީރު" ހިންގަމުން ގެންދެވީ ނޫހުގެ މަސްއޫލުވެރިޔާ ޑރ. މުހަންމަދު ޒާހިރު ހުސެއިން އެވެ. ހަވީރު ހުއްޓާލި އިރު "ހަވީރު" ހިންގަމުން ގެންދިޔައީ ހަވީރު މީޑިއާ ގްރޫޕުންނެވެ.

"ހަވީރު" ގެ މިލްކުވެރިކަމާ ގުޅޭ ގޮތުން ކޯޓުގައި ދައުވާކުރި އިބްރާހިމް ރަޝީދު މޫސާ އާއި އަބްދުﷲ ފާރޫގް ހަސަނާއި މުހައްމަދު ނައީމްގެ ފަރާތުން 2016 ގައި ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި އެ ކޯޓުން އެ އަހަރު ހުކުމްކުރީ "ހަވީރު" ގައި މަސައްކަތްކުރި މުވައްޒަފުން ދެ އަހަރު ވަންދެން އެހެން މީޑިއާއެއްގައި މަސައްކަތް ނުކުރެވޭނެ ކަމަށެވެ. އެ ހުކުމުގައި މުވައްޒަފުންނާ ގުޅޭ ބައި ބާތިލް ކުރަން މިހާރު ވެސް ވަނީ ހައި ކޯޓަށް ވަނީ ހުށަހަޅައިފަ އެވެ. އެކަމަކު، އެ މައްސަލައިގައި އަދި ގޮތެއް ނުނިންމަ އެވެ.

"މިހާރު" އަކީ "ހަވީރު" ނެތުމުގެ ފަޅުކަން ރާއްޖޭގެ ނޫސްވެރިކަމަށް އަޔަ ނުދިނުމަށް ޓަކައި "ހަވީރު"ގެ ކުރީގެ މުވައްޒަފުން ގުޅިގެން އުފެއްދި ނޫހެކެވެ. "ހަވީރު"ގެ ހުރިހާ މުވައްޒަފުން ބަދަލުވީ "މިހާރު" އަށެވެ.

މީގެއިތުރުން ހަލީމް ފުލުހުންނަށް ދެއްވި ބަޔާނުގައި ވަނީ ހަމަ އެ އަހަރުގެ ތެރޭގައި ސިވިލް ކޯޓަށް ހުށަހެޅި ޕީޕީއެމްގެ ހިންގުމާ ގުޅޭ މައްސަލަ ބަލައި ހުކުމް ކުރި ފަހުން، އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު ގުޅުއްވާ ދައުލަތާއި، އެ ފަރާތްތަކުގެ މަސްލަހަތު ހިމެނޭ މައްސަލަތައް ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅުވާ ގޮތަށް ނިންމެވުމަށް ކަމަށް ބުނެ އިރުޝާދު ދެއްވާ ކަމަށް ވެސް ހަލީމް ވިދާޅުވެފައި ވެ އެވެ. އަދި އެގޮތަށް ދެ ފަނޑިޔާރުން ވިދާޅުވުމުން، އުސޫލުތަކުގެ ތެރެއިން އެގޮތަށް ހަމަޖައްސާ ކަމަށް ވެސް އޭނާ ވިދާޅުވެފައި ވެ އެވެ.

މީގެއިތުރުން ވިލާ އެއާ ޕްރައިވެޓް ލިމިޓެޑް ހިންގުމަށް ހަވާލުކޮށްފައިވާ ގދ. ކާޑެއްދޫ އެއާޕޯޓު އެ ފަރާތުގެ އަތުން ނެގުމަށް ޓޫރިޒަމް މިނިސްޓްރީން އެންގުމާ ގުޅިގެން އެކަން ފަސްކުރުމަށް ވަގުތީ އަމުރެއް ނެރެދެއްވުމަށް ވިލާގެ ފަރާތުން މައްސަލަ ހުށަހެޅުމުން ކަންތައް ހިނގައިދިޔަ ގޮތް ހަލީމްގެ ބަޔާނުގައި ތަފްސީލްކޮށް ދެއްވައިފައިވެ އެވެ.