Roadha Mihaaru
ހަވީރުގެ ހުކުމަށް ކުރީގެ ފަނޑިޔާރަކު ފާޑު ވިދާޅުވެއްޖެ

ހަވީރުގެ ކުރީގެ މުވައްޒަފުންނަށް ކުރި ހުކުމަށް ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އައްބާސް ފާޑު ވިދާޅުވެއްޖެ

03 ޖުލައި 2016

"ހަވީރު" ނޫހާއި އެ ނޫހުގައި މިދިޔަ ފެބްރުއަރީ މަހާ ހަމަ އަށް މަސައްކަތް ކުރި އެއްވެސް މީހަކު އެހެން މީީޑިއާއެއްގައި މިއަދުން ފެށިގެން ދެ އަހަރު ވަންދެން މަސައްކަތް ކުރުން މަނާކޮށް ސިވިލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އައްބާސް ޝަރީފް މިރޭ ފާޑު ވިދާޅުވެއްޖެ އެވެ.

"ހަވީރު" ނޫހާއި އެ ނޫހުގައި މިދިޔަ ފެބްރުއަރީ މަހާ ހަމަ އަށް މަސައްކަތް ކުރި އެއްވެސް މީހަކު އެހެން މީީޑިއާއެއްގައި މިއަދުން ފެށިގެން ދެ އަހަރު ވަންދެން މަސައްކަތް ކުރުން މަނާކޮށް ސިވިލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އައްބާސް ޝަރީފް މިރޭ ފާޑު ވިދާޅުވެއްޖެ އެވެ.

ފަނޑިޔާރު ކަމުން ރިޓާޔާ ކުރެއްވި އައްބާސް ވިދާޅުވީ "ހަވީރު"ގެ މުވައްޒަފުންނަށް ލިބިފައިވާ މަސައްކަތް ކުރުމުގެ ހައްގު ހަނި ކުރެވޭނީ ދެ ހާލަތެއްގައި ކަމަށެވެ. އެއީ ރައްޔިތުންގެ މަޖިލީހުން ހަދާ ގާނޫނަކުން ނުވަތަ މުވައްޒަފުންނާ "ހަވީރު"އާ ދެމެދު ވެފައިވާ މަދަނީ އެއްބަސްވުމަކުން ކަމަށް އޭނާ ވިދާޅުވި އެވެ.

މި ނޫން ހާލަތެއްގައި އެކަން ކުރުމުގެ އިހްތިޔާރު ޝަރުއީ ކޯޓަކަށް ލިބިގެން ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގާނޫނު އަސާސީގެ 37 ވަނަ މާއްދާ އިން ހަވީރުގެ މުވައްޒަފުންނަށް ލިބިފައިވާ މަސައްކަތް ކުރުމުގެ ހައްގު ހަނިކުރެވޭނީ ރައްޔިތުންގެ މަޖިލީހުން ހަދާ ގާނޫނަކުން ނުވަތަ އެ މުވައްޒަފުންނާ ހަވީރާ ދެމެދު ވެފައިވާ މަދަނީ އެއްބަސްވުމަކުން. މި ނޫން ހާލަތެއްގައި އެކަން ކުރުމުގެ އިހްތިޔާރު ޝަރުއީ ކޯޓަކަށް ލިބިގެންވާ ކަމަކަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ." ފޭސްބުކްގައި އައްބާސް ލިޔުއްވާފައިވެ އެވެ.

އައްބާސް ފަނޑިޔާރު ކަމުން ރިޓަޔާ ކުރެއްވީ މިދިޔަ އަހަރު އެވެ. ހައިކޯޓުގެ ފަނޑިޔާރުކަން އައްބާސް ކުރެއްވީ 2011 އިން ފެށިގެންނެވެ. އައްބާސް ވަނީ ޖޭއެސްސީގައި ހުންނަވާ ރައީސްގެ މެމްބަރުކަމާއި ރައީސް އޮފީހުގެ ޑިރެކްޓަރު ޖެނެރަލް ކަމާއި އެފްއޭއެމްގެ އެޕީލް ކޮމެޓީގެ މެމްބަރުގެ މަގާމު ވެސް ފުރައްވައިފަ އެވެ.

ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އައްބާސް އޭނާގެ ފޭސްބުކްގައި ލިޔުއްވާފައިވާ ލިޔުއްވުން

ގާނޫނު އަސާސީގެ 37 ވަނަ މާއްދާގެ (ހ) ގައި ވަނީ ކޮންމެ ރައްޔިތަކުމެ އެމީހަކު އިހްތިޔާރުކުރާ ވަޒީފާއެއް އަދާކުރުމުގެ ނުވަތަ މަސައްކަތެއް ކުރުމުގެ ހައްގު ލިބިގެންވާ ކަމަށެވެ.

"ހަވީރު" ނޫހާއި އެ ނޫހުގައި މިދިޔަ ފެބްރުއަރީ މަހާ ހަމަ އަށް މަސައްކަތް ކުރި މުވައްޒަފަކަށް އެހެން މީޑިއާއެއްގައި މަސައްކަތް ކުރުން މަނާ ކުރުމާ ގުޅިގެން ސޯޝަލް މީޑިއާގައި އެތައް ބަޔަކު ދަނީ ހުކުމަށް ފާޑު ކިޔަމުންނެވެ. އަދި މިއީ ބާތިލް ހުކުމެއް ކަމަށް ވެސް އެ މީހުން ދަނީ ސިފަ ކުރަމުންނެވެ.

ކޯޓުގެ ހުކުމުގައިވަނީ "ހަވީރު"ގެ މުވައްޒަފުން އެހެން މީޑިއާއެއްގައި ނުވަތަ މީޑިއާއަކާ ގުޅުން ހުރި ވިޔަފާރިއެއްގައި ބައިވެރިވުމަކީ ހަވީރުގެ ވިޔަފާރި އަށް ގެއްލުންވެ، އެ ތަނުގެ ހިއްސާދާރުންގެ ހައްގު ގެއްލިގެންދާނެ ސަބަބެއް ކަމަށެވެ. އެހެންވެ މިދިޔަ ފެބްރުއަރީ މަހުގެ ތިން ވަނަ ދުވަހާ ހަމަ އަށް އެ ތަނުގައި މަސައްކަތްކުރި އެއްވެސް މުވައްޒަފަކު މިއަދުން ފެށިގެން ކުރި އަށް އޮތް ދެ އަހަރު ވަންދެން "ހަވީރު" ފިޔަވައި އެހެން މީޑިއާއެއްގައި މަސައްކަތް ނުކުރެވޭނެ ކަމަށް ކޯޓުގެ ހުކުމުގައިވެ އެވެ. އެގޮތަށް މަސައްކަތް ކުރާ ނަމަ އެކަން ހުއްޓުވަން ހޯމް މިނިސްޓްރީ އާއި ބްރޯޑްކާސްޓިން ކޮމިޝަނަށް ވެސް ކޯޓުން ވަނީ އަމުރުކޮށްފި އެވެ.

ނަމަވެސް ހޯމް މިނިސްޓްރީ ވަގުތީ ގޮތުން ހިންގުމާ ހަވާލުވެ ހުންނެވި ބަންޑާރަ ނައިބު މުހައްމަދު އަނިލް މިރޭ "މިހާރު" އަށް ވިދާޅުވީ، "ހަވީރު"ގެ ކުރީގެ މުވައްޒަފުން އެހެން މީޑިއާއެއްގައި މަސައްކަތް ކުރިޔަސް، ގާނޫނުއަސާސީ އާއި ގާނޫނުތައް ހުރި ގޮތުން އެޅޭނެ އަދި އެޅިދާނެ ފިޔަވަޅެއް ނެތް ކަމަށެވެ.

"ހަވީރު" ހުއްޓާލި އިރު އެތަނުގައި މަސައްކަތްކުރި ގިނަ މުވައްޒަފުން ވަޒީފާ އަދާކުރަމުން ދަނީ "މިހާރު" ނޫހުގަ އެވެ.