Roadha Mihaaru
ޕީއެސްޖީ އަތުން ބަޔާން ބަދަލުހިފައިފި

ޕީއެސްޖީ އަތުން ބަޔާން ބަދަލުހިފައިފި

06 ޑިސެމްބަރ 2017

މިއުނިކް (ޑިސެމްބަރު 6) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ އަމިއްލަ ދަނޑުގައި 3-1 އިން ފްރާންސްގެ ޕީއެސްޖީ ބަލިކޮށް މީގެ ދެ މަސް ކުރިން އެ ޓީމު އަތުން ބަލިވި ބަލިވުމުގެ ބަދަލު ބަޔާން މިއުނިކުން ހިފައިފި އެވެ.

މިއުނިކް (ޑިސެމްބަރު 6) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ އަމިއްލަ ދަނޑުގައި 3-1 އިން ފްރާންސްގެ ޕީއެސްޖީ ބަލިކޮށް މީގެ ދެ މަސް ކުރިން އެ ޓީމު އަތުން ބަލިވި ބަލިވުމުގެ ބަދަލު ބަޔާން މިއުނިކުން ހިފައިފި އެވެ.

ސެޕްޓެމްބަރު މަހު މި ދެ ޓީމު ކުޅުނު މެޗުން ބަޔާން ވަނީ ޕީއެސްޖީ އަތުން 3-0 އިން ބަލިވެފަ އެވެ. އެ މެޗަށް ފަހު އޭރު ހުރި ބަޔާނުގެ ކޯޗު ކާލޯ އަންޗެލޮޓީ ވަނީ މަގާމުން ދުރުކޮށްފަ އެވެ. ދެން އެ ބަޔާނާ ހަވާލުވީ ކުރިން އެ ޓީމަށް ކޯޗުކޮށްދިން ޔުޕް ހެއިންކެސް އެވެ. ރޭގެ މެޗަށް ނުކުތުމުގެ ކުރިން ހެއިންކެސް ވަނީ ޕީއެސްޖީ ބަލިކޮށް ބަޔާނުގެ ފެންވަރު ސާބިތުކޮށްދޭން ބޭނުންވާ ކަމަށް ބުނެފަ އެވެ.

ބަޔާނުގެ ތިން ގޯލުގެ ތެރެއިން ދެ ލަނޑު ޖެހީ ފްރާންސްގެ މިޑްފީލްޑަރު ކޮރެންޓިން ޓޮލީސޯ އެވެ. އަނެއް ގޯލު ކާމިޔާބުކުރީ ރޮބަޓް ލެވަންޑޯސްކީ އެވެ. ޕީއެސްޖީގެ ހަމައެކަނި ލަނޑު ޖެހީ ކިލިއަން އެމްބާޕޭ އެވެ.

މި މެޗުން ޕީއެސްޖީ ބަލިވުމާ އެކު އެ ޓީމަށް ވަނީ އުނދަގޫތަކާ ކުރިމަތިލާން ޖެހިފަ އެވެ. އެއީ އެއް ހަފްތާ ތެރޭގައި ދެ މުބާރާތެއްގައި އެ ޓީމުން ބަލިނުވެ ދަމަަހައްޓަމުން އައި ރެކޯޑަށް ނިމުމެއް އައުމުންނެވެ. އެ ޓީމު ވަނީ މި ހަފްތާގައި ފްރެންޗް ލީގުގައި ކުޅުނު މެޗުން ރެލިގޭޝަނުގައި އޮތް ސްޓްރޯސްބާގް އަތުން ބަލިވެފަ އެވެ.

ރޭގެ މެޗުގައި ޕީއެސްޖީ އަށް ކުޅޭ ބްރެޒިލްގެ ތަރި ނޭމާގެ ފަރާތުން ފެނުނީ އާދައިގެ ކުޅުމެކެވެ. ޕީއެސްޖީގެ ކޯޗު އުނާއި އެމެރީ ބުނީ މި ވަގުތު ނޭމާގެ ފޯމު ދަށްވެފައި ހުރި ނަމަވެސް ވަރަށް އަވަހަށް އޭނާގެ މޮޅު ކުޅުން އަލުން ފެންނާނެ ކަމަށެވެ.

ބަޔާނުގެ ކޯޗު ހެއިންކެސް ބުނީ މިއީ ފަހުރުވެރިވާންޖެހޭ މޮޅެއް ކަމަށާއި ގްރޫޕްގައި އޮތް ހުރިހާ ޓީމެއް އަތުން މޮޅުވެގެން އަނެއް ބުރަށް ދެވުމަކީ ހިތްހަމަ ޖެހުމެއް ކަމަށެވެ.

ރޭގެ މެޗުން ބަޔާން މޮޅުވި ނަމަވެސް ގްރޫޕްގެ އެއް ވަނަ ލިބުނީ ޕީއެސްޖީ އަށެވެ. އެއީ ހެޑް ޓު ހެޑަށް ބަލާއިރު މި ދެ ޓީމު އެއްވަރުވާއިރު، ފައިދާ ގޯލުން ކުރި ލިބެނީ ޕީއެސްޖީ އަށް ކަމަށްވުމުންނެވެ. ދެ ޓީމަށް ވެސް ލިބިފައިވަނީ 15 ޕޮއިންޓެވެ. ރޭ މި ގްރޫޕްގެ އަނެއް މެޗުން އެންޑަލެކްޓް ވަނީ 1-0 އިން ސެލްޓިކް ބަލިކޮށްފަ އެވެ. މި ގްރޫޕުން ޔޫރޮޕާ ލީގުގެ ޖާގަ ހޯދީ ސެލްޓިކް އެވެ.

މެންޗެސްޓާ ޔުނައިޓެޑުން ވަނީ ރޭ ފަހަތުން އަރައި ސީއެސްކޭ މޮސްކޯ 2-1 އިން ބަލިކޮށް ގްރޫޕްގެ އެއް ވަނަ ހޯދައިފަ އެވެ. ފުރަތަމަ ހާފުގައި ވިޓީނިއޯގެ ގޯލުން ސީއެސްކޭއޭ ލީޑުނަގާފައި އޮއްވައި ޔުނައިޓެޑް މޮޅުވީ ދެ ވަނަ ހާފުގައި ރޮމެލޫ ލުކާކޫ އާއި މާކަސް ރެޝްފޯޑް ޖެހި ގޯލުތަކުންނެވެ.

މި މެޗުން މޮޅުވެ ޔުނައިޓެޑުން ވަނީ އަމިއްލަ ދަނޑުގައި ބަލިނުވެ 40 މެޗު ހަމަކޮށްފަ އެވެ. މިއީ އެ ކްލަބްގެ ރެކޯޑެކެވެ.

މި މޮޅާ އެކު ގްރޫޕްގެ އެއް ވަަނަ އަށް ޔުނައިޓެޑް ދިޔައީ 15 ޕޮއިންޓާ އެކު އެވެ. ދެ ވަނަ ދިޔައީ ރޭ ބެންފީކާ އަތުން 2-0 އިން މޮޅުވި ސްވިޒަލެންޑުގެ ބަސެލް އެވެ. އެ ޓީމަށް ލިބުނީ 12 ޕޮއިންޓެވެ. ސީއެސްކޭ ތިން ވަނަ ދިޔައީ ނުވަ ޕޮއިންޓާ އެކު އެވެ. އެންމެ ފުލުގައި އޮތް ބެންފީކާ އަށް ޕޮއިންޓެއް ނުލިބެ އެވެ.