Roadha Mihaaru
ބޭނުންވަނީ 600 ނަރުހުން، ކުރިމަތިލީ އެންމެ 15!

600 ނަރުހުން ހޯދަން އިއުލާންކުރުމުން ކުރިމަތިލީ އެންމެ 15 ނަރުހުން

12 ޑިސެމްބަރ 2017

ހެލްތު މިނިސްޓްރީން 600 އަށް ވުރެ ގިނަ ނަރުހުން ހޯދަން މިދިޔަ މަހު ކުރި އިއުލާނާ ގުޅިގެން ކުރިމަތިލީ އެންމެ 15 ވަރަކަށް ނަރުހުން ކަމަށް އެ މިނިސްޓްރީން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހެލްތު މިނިސްޓްރީން 600 އަށް ވުރެ ގިނަ ނަރުހުން ހޯދަން މިދިޔަ މަހު ކުރި އިއުލާނާ ގުޅިގެން ކުރިމަތިލީ އެންމެ 15 ވަރަކަށް ނަރުހުން ކަމަށް އެ މިނިސްޓްރީން މިއަދު ބުނެފި އެވެ.

ސަރުކާރުގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް 631 ނަރުހުން ހޯދަން މިދިޔަ މަހު އިއުލާނުކުރި އެވެ. މުއްދަތު ދީފައި އޮތީ މިދިޔަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެހާ ގިނަ އަދަދެއްގެ ދިވެހި ނަރުހުން ހޯދަން އިއުލާންކުރީ ކީއްވެގެން ކަމެއް ނޭނގެ އެވެ. ރާއްޖޭގައި ތަމްރީން ލިބިފައިވާ ދިވެހި ގިނަ ނަރުހުން މިހާރު ވެސް ތިބީ ވަޒީފާތަކުގަ އެވެ.

ރާއްޖޭގައި ބޭރުގެ ގިނަ އަދަދެއްގެ ނަރުހުން ވެސް އަންނަނީ ވަޒީފާ އަދާކުރަމުންނެވެ.

ހެލްތު މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ކުރިމަތިލި 15 ނަރުހުންގެ ތެރޭގައި ހިމެނެނީ ވަޒީފާއަށް އަލަށް ވަންނަން އެދުނު ބަޔަކާއި މިހާރު މަސައްކަތް ކުރާ ތަން ނޫން އެހެން ތަނަކަށް ބަދަލުވާން ބޭނުންވި ނަރުހުން ކަމަށެވެ.

ބާކީ އޮތް 609 ފުރުސަތަށް ނަރުހުން ހޯދަން އަލުން ވަނީ އިއުލާނުކޮށްފަ އެވެ.

"އިތުރު ދިވެހންނަށް އަނެއްކާވެސް ފުރުސަތު ދޭން މި އިއުލާނުކުރީ،" އޮފިޝަލް ވިދާޅުވި އެވެ.

މިނިސްޓްރީން އިއްޔެ ކުރި އިއުލާނުގައި މުއްދަތު ދީފައި ވަނީ މި މަހު 21 އަށެވެ. ވަޒީފާ އަށް ވަންނަން އެދޭ ހޮސްޕިޓަލަކަށް ނުވަތަ ސިއްހީ މަރުކަޒަކަށް އެކަން ހުށަހަޅަން އިއުލާންގައި ބުނެފައިވެ އެވެ.

ނަރުހުންގެ މުސާރައަކީ 5،610ރ. އެވެ. ސާވިސް އެލަވަންސަށް 2،500ރ. ލިބެ އެވެ.

ނަރުހުންގެ އިތުރުން ގިނަ އަދަދެއްގެ ޑޮކްޓަރުން ހޯދަން ވެސް ކުރިން ވަނީ އިއުލާންކޮށްފަ އެވެ. ސަރުކާރުން ބުނާ ގޮތުގައި ސިއްހީ ދާއިރާ އަށް އަންނަ ކުރިއެރުންތަކާ އެކު މީހުން ބޭނުންވާނެ އެވެ.