Roadha Mihaaru
300 އަށް ވުރެ ގިނަ ދިވެހި ޑޮކްޓަރުން ހޯދަނީ

300 އަށް ވުރެ ގިނަ ދިވެހި ޑޮކްޓަރުން ހޯދަނީ

27 ނޮވެމްބަރ 2017

ސަރުކާރު ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް 300 އަށްވުރެ ގިނަ ދިވެހި ޑޮކްޓަރުން ހޯދަން ހެލްތް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސަރުކާރު ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް 300 އަށްވުރެ ގިނަ ދިވެހި ޑޮކްޓަރުން ހޯދަން ހެލްތް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

އެ މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ކުރިި އިއުލާނުގައި ބުނީ ރާއްޖޭގެ އެކި ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގައި މަސައްކަތް ކުރަން 332 ސީނިއާ މެޑިކަލް އޮފިސަރުންނާއި މެޑިކަލް އޮފިސަރުން ބޭނުންވާ ކަމަށެވެ.

އެހެންކަމުން އެކަމަށް ޝައުގުވެރިވާ ޑޮކްޓަރުން އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ ކުރިން ކުރިމަތިލާން މިނިސްޓްރީން ވަނީ އެދިފަ އެވެ. ޝަރުތު ހަމަވާ މީހުންގެ އިންޓަވިއު ވެސް އަންނަ މަހުގެ ތެރޭގައި އޮންނާނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

ހެލްތު މިނިސްޓްރީގެ އިއުލާނުގައިވާ ގޮތުން ސީނިއާ މެޑިކަލް އޮފިސަރުން އަދި މެޑިކަލް އޮފިސަރުންގެ މުސާރަ އާއި އިނާޔަތްތައް ކަނޑައަޅަނީ ރޭންކަށް ބެލުމަށްފަހުގަ އެވެ. ސީނިއާ މެޑިކަލް އޮފިސަރުންގެ މުސާރަ 19,230ރ އާއި 22,040ރ.އާ ދެމެދު އުޅޭއިރު ސާވިސް އެލަވަންސްގެ އުޅެނީ 6150ރ. އާއި 8250ރ. އާ ދެމެދު އެވެ. މެޑިކަލް އޮފިސަރުންގެ މުސާރަ އުޅެނީ 19،230ރ. އާއި 22،040ރ. އާ ދެމެދުގަ އެވެ. ސާވިސް އެލަވަންސްގެ ގޮތުގައި ލިބޭނީ 8،250ރ. އެވެ.

އެ މިނިސްޓްރީގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ ޑިރެކްޓާ ހުސެއިން މާނިއު ވިދާޅުވި ގޮތުގައި އެހާ ގިނަ ޑޮކްޓަރުން ހޯދަން އިއުލާނުކުރީ ދިވެހިންނަށް ވީހާ ވެސް ގިނަ ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން ކަމަށެވެ. އެހެންކަމުން 332 ޑޮކްޓަރުން ލިބުމުން، ސިއްހީ ހިދުމަތް ދިނުމަށް ގިނައިން މަސައްކަތް ކުރާނީ ދިވެހި ޑޮކްޓަރުންކަން އޭނާ ފާހަގަކުރެއްވި އެވެ.

"ކިޔަވައިގެން އައިސް ވަޒީފާ ނުލިބިފައި ވެސް އެބަތިބި ބައެއް ޑޮކްޓަރުން. އެެހެންވެ އަޅުގަނޑުމެން މި ހޯދައިދެނީ ވަޒީފާގެ ފުރުސަތުތައް. ބޭރު މީހުން މަދުކޮށްފައި، ހުސް ދިވެހީންނަށް ބަދަލުކުރުން،" މާނިއު ވިދާޅުވި އެވެ.

"މިސާލަކަށް ރަށެއްގެ ސިއްހީ މަރުކަޒުގައި ދެ ބިދޭސީ ޑޮކްޓަރުން މަސައްކަތް ކުރާއިރު، އެ މީހުންގެ ރިޕްލޭސްމަންޓަށް ދިވެހިން މި ހޯދަނީ. ދެން ދިވެހި ޑޮކްޓަރުން ލިބިއްޖެނަމަ، ބިދޭސީ ޑޮކްޓަރުން އެހެން ތަނަކަށް ބަދަލުކުރަނީ. އެގޮތަށް ބަދަލު ނުކުރެވިއްޖެނަމަ އެއްބަސްވުމާ އެއްގޮތަށް ފޮނުވާލަނީ،"

ސިއްހީ ހިދުމަތްދޭ ތަންތަނަށް ޑޮކްޓަރުން ހޯދަން އިއުލާނުކުރިއިރު، މި މަހުގެ ކުރީކޮޅު ހެލްތް މިނިސްޓްރީން ވަނީ 160 ސުޕަ ސްޕެޝަލިސްޓް ޑޮކްޓަރުން ހޯދަން އިއުލާނުކޮށްފަ އެވެ. އޭގެތެރޭގައި، ގައިނޮކޮލޮޖީ އާއި މެޑިސިން އާއި އެނެސްތީސިއޮލޮޖީ އާއި އޯތޯޕީޑިކްސް އާއި ސާޖަރީ އާއި ޕީޑިއެޓްރިކްސް އާއި ޑާމެޓޮލޮޖީ އާއި އޮބްސްޓެޓްރިކްސް އާއި ސައިކޭޓްރީ އާއި އީއެންޓީ އާއި ރޭޑިއޮލޮޖީ އާއި ނެފްރޮލޮޖީ އާއި އޮޕްތަލްމޮޖޮލިސްޓް ހިމެނެ އެވެ.

ގިނަ އަދަދެއްގެ ޑޮކްޓަރުން ހޯދަން އިއުލާންކުރިއިރު، ސިއްހީ ދާއިރާ އަށް އަންނަމުންދާ ކުރިއެރުންތަކާ އެކު އެ ދާއިރާ އަށް މީހުން ބޭނުންވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އައިޖީއެމްއެޗުގެ 25 ބުރީގެ އާ އިމާރާތާ އެކު ރާއްޖޭގެ ސިއްހީ ދާއިރާ އިތުރު ހަރުފަތަކަށް ބަދަލުވާއިރު، ދިވެހި ޑޮކްޓަރުންނާއި ނަރުހުންނަށް އިސްކަން ދޭނެ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.

އެ އިމާރާތް މުޅިން ނިމި ހުޅުވަން ލަފާކޮށްފައި ވަނީ އަންނަ އަހަރުގެ ޖުލައި 26ގަ އެވެ. އައިޖީއެމްއެޗްގެ އާ އިމާރާތަކީ އެންމެ ރަނގަޅު ވަސީލަތްތައް ގާއިމުކުރެވޭނެ ހޮސްޕިޓަލަށް ވެގެންދާނެތީވެ، އައިޖީއެމްއެޗުން ވަކިވި ދިވެހި ޑޮކްޓަރުން ވެސް އެނބުރި ރާއްޖެ އައުމަށް ރައީސް އަބްދުﷲ ޔާމީން ވަނީ ދައުވަތު ދެއްވައިފަ އެވެ.