Roadha Mihaaru
ދިވެހި ވެރިޔަކު ހޮވަން ފުރުސަތު ނުލިބިދާނެ: އާރިފް

ދިވެހި ވެރިޔަކު ހޮވަން ކުރިމަގުގައި ފުރުސަތު ނުލިބިދާނެ: އަލީ އާރިފް

17 ޑިސެމްބަރ 2017

ދުނިޔޭގެ ބައެއް ގައުމުތަކުން ރާއްޖެއާ މެދު ހިތްހަމަނުޖެހޭތީ ކުރިމަގުގައި ރާއްޖޭގައި ދިވެހި ވެރިއެއް ހޮވަން ވެސް ފުރުސަތު ނުލިބިދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ދުނިޔޭގެ ބައެއް ގައުމުތަކުން ރާއްޖެއާ މެދު ހިތްހަމަނުޖެހޭތީ ކުރިމަގުގައި ރާއްޖޭގައި ދިވެހި ވެރިއެއް ހޮވަން ވެސް ފުރުސަތު ނުލިބިދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ރޭ ވިދާޅުވެއްޖެ އެވެ.

ބ. ކަމަދޫގައި ޕީޕީއެމް ޖަގަހަ ހުޅުވަން ބޭއްވި ޖަލްސާގައި އާރިފް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ރާއްޖޭގެ ހުރިހާ ރަށަކަށް ބޭނުންވެފައި ހުރި ކަންކަން ފުރިހަމަކޮށްދެމުން ދާތީ އެކަން ހަޖަމް ނުކުރެވިގެން އަވައްޓެރި ގައުމުތަކާއި ދުރު ގައުމުތަކުން މައްސަލަ ޖައްސަމުން ދާ ކަމަށެވެ.

އޭނާ ސިފަކުރެއްވި ގޮތުގައި "މިތުރުން އުފަލުން ތިބިއިރު،" ހަތުރުން ތިބީ "ރުޅި އައިސްފަ" އެވެ.

"މި ދައްކަނީ ދިވެހި ރައްޔިތުންގެ ތެރެއިން އަޅުގަނޑުމެންނާ އިދިކޮޅު ފިކުރެއްގައި، ސިޔާސީ ފިކުރެއްގައި ތިބި މީހުންގެ ވާހަކައެއް ނޫން. ބޭރު ގައުމުތަކުގެ ވާހަކަ މިދައްކަނީ،" އާރިފް ވިދާޅުވި އެވެ.

"މާދަމާއަކު ހިއެއްނުވޭ އަޅުގަނޑުމެންގެ ތެރެއިން މީހަކު ނެރެ، ވެރިކަން ކޮށްލާކަށް މި ގައުމެއް އޮވެދާނެ ހެން ތިޔަ އަދާވާތްތެރިކަން ކުރިމައްޗަށް ނެރޭ ކަމުގައިވާ ނަމަ. މިއީ ލައްކަ ވާހަކަ."

އޭނާ ވިދާޅުވީ މި ދަނޑިވަޅުގައި ދިވެހިން ގައުމު ދެކެ ވަރުގަދަ ލޯތްބަކުން ލޯބިވެ، ދިވެހިންނަކީ އިހްލާސްތެރި، ގައުމުގެ ހައްގުގައި މަސައްކަތްތަކެއް ކުރާ ބަޔަކަށް ވާން ޖެހޭނެ ކަމަށެވެ.

އާރިފް ވިދާޅުވި ގޮތުގައި ދިވެހި ގައުމާ ދޭތެރޭގައި އެހާ ހިތްހަމަނުޖެހޭ އަވައްޓެރިންތަކެއް ތިބިއިރު، ދިވެހިން އެކަމަށް ވެސް ވަރަށް ބޮޑަށް ސަމާލުވާން ޖެހެ އެވެ. އަދި ދިވެހިންގެ މެދުގައި އޮތް އަދާވަތްތެރިކަން ދޫކޮށްލައި، ވަތަނީ ލޯތްބަކުން ގުޅެން ޖެހޭ ކަމަށް ވެސް ތަކުރާރުކޮށް ވިދާޅުވި އެވެ.

އާރިފް ވިދާޅުވީ ދިވެހިން ވަރަށް އުފަލުން ތިބިއިރު، ހަތުރުން ވަރަށް ވަރުގަދަ ކަޅިއެއް ރާއްޖެއާ މެދު އަޅަމުންދާ ކަމަށެވެ.

އިންޑިއާގެ ނަން ފާހަގަނުކޮށް އެކަމަކު އެ ގައުމަށް އިޝާރާތް ކުރައްވައި އާރިފް ވިދާޅުވީ އެ ގައުމުން ރާއްޖެއާ މެދު އިންތިހާއަށް ހިތްނުތަނަވަސްވެފައިވާ ކަން ހާމަވާ ކަމަށެވެ. ރާއްޖެއާ ދިމާލަށް އަންނަ އުންޑަތަކާއި ތީރުތަކުން ސަލާމަތް ކުރަން ނުކުތުމަށް ގޮވާލެއްވި އެވެ.

ބެލެވޭ ގޮތުގައި އާރިފް އެ އިޝާރާތްކުރެއްވީ އިންޑިއާގެ ޓީވީ ޗެނަލެއް ކަމަށްވާ "ރަޖްޔާ ސަބާ" ގައި އެ ގައުމުގެ ކުރީގެ ފޮރިން ސެކްރެޓަރީ ސަލްމާން ހައިދަރާއި އެހެން ދެ އެނަލިސްޓުން ދެއްކެވި ވާހަކަތަކަށެވެ. އެ ޝޯގައި ސަލާމަތީ ތަޖުރިބާކާރެއް ކަމަށްވާ ބާރަތު ކަރުނާދް ވަނީ އިންޑިއާގެ އަސްކަރިއްޔާ ބޭނުންކޮށްގެން ނަމަވެސް ރާއްޖޭގެ މިހާރުގެ ވެރިކަން ބަދަލުކޮށް، "ކަންކަން ހަމަޔަކަށް އަޅުވަން ޖެހިފައިވާ" ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް މިއީ އިންޑިއާގެ ރަސްމީ ބަހެއް ނޫނެވެ.