Roadha Mihaaru
އިންޑިއާ އިން ނެގި ލޯނުތަކުގެ ތަފްސީލަށް އެދިއްޖެ

އިންޑިއާ އިން ނެގި ލޯނުތަކުގެ ތަފްސީލް ހާމަކޮށްދޭން އެދި ރައީސަށް ސިޓީއެއް

17 އޯގަސްޓް 2020

މި ސަރުކާރު ވެރިކަމަށް އައި ފަހުން އިންޑިއާ އެކު އުފެދުނު ގާތް ގުޅުމުގެ ތެރެއިން ނަގާފައިވާ ލޯނުތަކުގެ ތަފްސީލް ހާމަކޮށްދޭން އެދި އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއެއް ފޮނުވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މި ސަރުކާރު ވެރިކަމަށް އައި ފަހުން އިންޑިއާ އެކު އުފެދުނު ގާތް ގުޅުމުގެ ތެރެއިން ނަގާފައިވާ ލޯނުތަކުގެ ތަފްސީލް ހާމަކޮށްދޭން އެދި އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއެއް ފޮނުވައިފި އެވެ.

ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ފޮނުއްވި ސިޓީގައި ވިދާޅުވީ އިންޑިއާ އިން ބޮޑެތި އަދަދުތަކުން ލޯނު ހޯދަމުންދާ މައްސަލައިގައި ރައްޔިތުންގެ ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. އޭގެތެރޭގައި ރާއްޖެ ބަޖެޓަރީ ޑިފޯލްޓަކަށް ވެއްޓުނަ ނުދޭން އިންޑިއާ ސަރުކާރުން ހޯދައި މީގެ ހަފުތާއެއްހާ ދުވަސްކުރިން އިއުލާންކޮށްފައިވާ 250 މިލިއަން ޑޮލަރުގެ ލޯނާއި ގުޅީފަޅުގައި އިތުރު ބަނދަރެއް ގާއިމްކުރުމާއި މާލެ ސަރަހައްދު ގުޅާލާ ބްރިޖް އެޅުމަށް ނަގާ 400 މިލިއަން ޑޮލަރުގެ ލޯނުގެ އިތުރުން އެހެން ކަންކަމަށް ނަގާ 150 މިލިއަން ޑޮލަރުގެ ލޯނު ހިމެނޭ ކަމަށް ސިޓީގައި ވެއެވެ.

އެ ސިޓީގައިވާ ގޮތުގައިި މި އަދަދުތަކާ ގުޅިގެން ރައްޔިތުންގެ ހިތްތަކުގައި ސުވާލުތަކެއް ވަނީ އުފެދިފަ އެވެ. ގައުމުގެ ދުރު މުސްތަގުބަލަށް އަސަރުފޯރާނެ ފަދަ މިފަދަ ނިންމެވުންތައް ވަންހަނާ ނުކުރައްވައި ހާމަކަން ބޮޑު ގޮތަކަށް އަމަލު ކުރައްވަން އަބްދުއްރަހީމް އެދިވަޑައިގަތެވެ.

"އޭގެ ސަބަބުން އޮއްޓަރު ހުރި ދިރާސާތަކެއް ހެދުމަށް ފަންނަނީ ބޭބޭފުޅުންނަށް މަގުފަހިވެގެން ދިއުމާ އެކު އަޅުވެތިކަމާއި ނުފޫޒުން ދިވެހި ގައުމު ސަލާމަތްކޮށް، ގައުމީ ސިޔާދަތީ ބާރު ރައްކާތެރިކުރުމަށް ފާރަވެރިވެވޭނެ އެވެ،" އިދިކޮޅުގެ ސިޓީގައިވެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިންޑިއާ ސަރުކާރުން ނަގާ 700 މިލިއަން އެމެރިކާ ޑޮލަރުގެ ދަރަނީގެ އިންޓްރެސްޓް ރޭޓެއް ރައްޔިތުންނަކަށް ނޭނގެ އެވެ. އެ ދަރަނި އަދާކުރަން އޮތް މުއްދަތު ނޭނގުމަކީ ވެސް ކަންބޮޑުވުމެއް ކަމަށް އިދިކޮޅުން ބުނެފައިވެ އެވެ.

އިދިކޮޅު ކޯލިޝަނުން ބޭއްވި މީޑިއާ ބްރީފިންގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް ނޫސްވެރިންނާ ވާހަކަ ދައްކަވާއިރު، އެ ކޯލިޝަންގެ އެހެން ބައެއް އިސްވެރިން އަރިހުގައި.---ފޮޓޯ: ޕީޕީއެމް

އިދިކޮޅު ކޯލިޝަނުން ބޭއްވި މީޑިއާ ބްރީފިންގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް ނޫސްވެރިންނާ ވާހަކަ ދައްކަވާއިރު، އެ ކޯލިޝަންގެ އެހެން ބައެއް އިސްވެރިން އަރިހުގައި.---ފޮޓޯ: ޕީޕީއެމް

އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައި ވަނިކޮށް ހަރުދަނާ ނިޒާމެއް ނެތި ހަތަރު ބިލިއަން ރުފިޔާ ޗާޕްކުރުން ގޯސްކޮށް ކަމަށް ބުނެ އޭނާ ކަންބޮޑުވުންފާޅުކުރެއްވި އެވެ. އޭގެ ސަބަބުން އިންފްލޭޝަން އުފުލި ބޭރު ފައިސާ ދަތިވެފައިވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"ކޮވިޑް-19ގެ ސަބަބުން ބޯޑަރު ބަންދުކޮށް ފުރަބަންދަކަށް ދާން ޖެހުނުއިރު ޚަރަދުތައް ކުޑަކުރެވިފައި ނުވާތީ ދައުލަތުގެ ރިޒާވުން މެދު ނުކެނޑި ފައިސާ ނެގުމުގެ ސަބަބުން ރިޒާވް މިއަދު މިވަނީ ގާތްގަނޑަކަށް ހުސްވުމާ ގާތަށް ގޮސްފަ އެވެ،" ސިޓީގައިވެ އެވެ.

"މިފަދަ ދަނޑިވަޅެއްގައި އިތުރު ލޯނުތަކެއް ނަގަމުންދާ ޚަބަރަކީ ރައްޔިތުން އެކަމާ ވަރަށް ބޮޑަށް ހާސްވެ ނުތަނަވަސްވާ ކަމެކެވެ. ރާއްޖޭގެ ދަރަނީގެ ފަންގިފިލާ ފޫއަޅުވާލައި އޭގެ އެތައް ގުނައެއް އިތުރަށް ދަރަންޏަށް ފައިސާ ނެގެމުންދާއިރު އެ ދަރަނި އަދާކުރުމުގެ އިންތިޒާމް ހާމަކުރައްވާފައި ނުވާކަން ފާހަގަކުރަމެވެ."

މާލެ ސަރަހައްދު ގުޅުވާލުމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ރައްޔިތުންނާ ފުރަތަމަ ހިއްސާކުރި މަޝްރޫއެއްކަން ފާހަގަކުރައްވައި އަބްދުއްރަހީމް ވިދާޅުވެފައި ވަނީ، އެފަދަ ބޮޑެތި މަޝްރޫއުތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޝައުގުވެރިވެވަޑައިގަންނަވާ ކަން އެނގުމުން އުފާކުރައްވާ ކަމަށެވެ. އެކަމަކު ބަލިމަޑުކަމުގެ މި ހާލަތަކީ މިފަދަ މަޝްރޫއެއް ހިންގަން އެންމެ ރަނގަޅު ދަނޑިވަޅުތޯ އިދިކޮޅުން ވަނީ ސުވާލު އުފައްދައިފަ އެވެ.

ސިޓީގައި ބުނެފައިވާ ގޮތުގައި މޫޑީސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށްފައިވީ ހިނދު މިފަދަ އިތުރު ދަރަނިތަކާ އެކު ކުރިއަށް ދިއުމާއި އެ ދަރަނިތައް އަދާކުރެވޭނެ ހަކަތަ ގައުމުގެ އިގްތިސާދުގައި މިވަގުތު ނެތް ކަން ހާމަވެ އެވެ.

"އިތުރު ބަނދަރެއް ގާއިމްކުރައްވާއިރު އެތަން އޮންނާނީ ދިވެހިންގެ މިލްކިއްޔާތެއްގެ ގޮތުގައި ސައްތައިން ސައްތަ ދިވެހި މެނޭޖްމެންޓް އަދި މުވައްޒަފުންގެ ބެލުމުގެ ދަށުގައި ކަން ކަށަވަރުވުން ވަރަށް މުހިއްމެވެ. މި ކޯލިޝަންގެ ލީޑަރު ހުށަހަޅުއްވާފައި އޮންނާނީ އެހެންނެވެ،" ސިޓީގައިވެ އެވެ.

ބޮޑެތި އަދަދުތަކުން ލޯނު ނަގާއިރު އެ ދަރަނި އަދާކުރެވޭނެ ގޮތެއް ނެތް ކަމަށާއި އެއީ ކުރިމަގުގައި ބޮޑެތި އުނދަގޫތަކެއް ކުރިމަތިވާނެ ކަމެއް ކަމަށް ވެސްް ސިޓީގައިވެ އެވެ. ދަރަނި އަދާނުކުރެވުމުން އޭގެ ބަދަލަކީ ހައްގު ނޫން އަދި ހުއްދަ ނޫން މިންވަރުތަކަށް ބޭރުގެ ފަރާތްތަކަށް ގައުމުގެ އަސާސީ ބަހާތަކަށް ބާރާއި ނުފޫޒު ފޯރުވަން ފުރުސަތު ޖެހިވަޑައިގެންފާނެ ހާލަތެއް ކަން ވެސް ރައީސަށް އިދިކޮޅުން ވަނީ ހަނދާންކޮށްދީފަ އެވެ.

އިދިކޮޅުން އެދިފައި ވަނީ ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް ބުރޫއަރާފާނެ ފަދަ އެއްވެސް ކަމަކަށް ޖާގަ ނުދެއްވުމަށެވެ.