Roadha Mihaaru
ކައުންސިލް މެމްބަރުންގެ ސަސްޕެންޝަން އުވާލަން ގޮވާލައިފި

ގއ. އަތޮޅު ކައުންސިލް މެމްބަރުންގެ ސަސްޕެންޝަން އުވާލަން ގޮވާލައިފި

17 ޑިސެމްބަރ 2017

ހުއްދަ ނެތި ބޭރުގެ ސަފީރަކާ ބައްދަލު ކުރެއްވި ކަމަށް ބުނެ، ގއ. އަތޮޅު ކައުންސިލްގެ ހުރިހާ މެމްބަރުންނަށް ކުރި ސަސްޕެންޝަން އުވާލަން ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން މިއަދު ގޮވާލައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ހުއްދަ ނެތި ބޭރުގެ ސަފީރަކާ ބައްދަލު ކުރެއްވި ކަމަށް ބުނެ، ގއ. އަތޮޅު ކައުންސިލްގެ ހުރިހާ މެމްބަރުންނަށް ކުރި ސަސްޕެންޝަން އުވާލަން ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން މިއަދު ގޮވާލައިފި އެވެ.

އިދިކޮޅު ޕާޓީތަކުން ނެރުނު ބަޔާނެއްގައި ބުނީ ރައްޔިތުންނަށް ހިދުމަތް ދިނުމަށް އިންތިހާބުކޮށްފައިވާ ކައުންސިލު މެމްބަރުން ސަސްޕެންޑް ކުރުމުގެ ގާނޫނީ އެއްވެސް ބާރެއް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ލިބިގެން ނުވާނެ ކަމަށެވެ. އަދި ކައުންސިލް މެމްބަރުން، ވަކި ޖަމާއަތަކާއި ނުވަތަ ވަކި ފަރުދަކާ ބައްދަލު ކުރުމަށް ގާނޫނީ އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

"އެލްޖީއޭގެ އަމަލުތައް ހުރީ ގާނޫނީ ގޮތުން ބާރު ލިބިދީފައިވާ ކައުންސިލްތަކުގެ ގާނޫނީ ބާރު ގާނޫނާ ހިލާފަށް ކަނޑުވާލައި، ކައުންސިލްތަކުން ދިވެހި ރައްޔިތުންނަށް ދެމުން ގެންދާ ހިދުމަތްތައް ހުއްޓުވާލައި ގޮތަށެވެ. މިގޮތަށް ގާނޫނާ ހިލާފަށް މި ސަރުކާރުން އަމަލު ކުރަމުން އެ ގެންދަނީ، ދިވެހި ރައްޔިތުންނަށް ސީދާ ގޮތުގައި ބިރު ދައްކައި އަނިޔާވެރިކަން ދެއްކުމަށެވެ،" ބަޔާނުގައިވެ އެވެ. ކައުންސިލަރުން ސަސްޕެންޑް ކުރުމަކީ ލާމަރުކަޒީ ނިޒާމު ފުނޑުފުނޑުކޮށްލައި، އެ ނިޒާމުން ރައްޔިތުންނަށް ލިބޭ ހިދުމަތްތައް ހުއްޓުވައި ސިޔާސީ ބޭނުމަށް ވަކި ފަރާތެއްގެ މުށުތެރެއަށް ހުރިހާ ބާރެއް އެއްކުރުމަށް ސަރުކާރުން ހިންގާ ހުދުމުހުތާރު އަމަލެއް ކަމަށް ވެސް އިދިކޮޅު ޕާޓީތަކުން ބުނެ އެވެ.

އެ ބަޔާނުގައި ބުނި ގޮތުގައި ރައްޔިތުންނަށް ބޭނުންވާ ކަންކަމުގައި އެހީތެރިވެދޭ ބޭރު ގައުމުތަކުގެ ސަފީރުން ދިވެހިންގެ ހާލަތާއި މަސައްކަތްތައް ބައްލަވާލެއްވުމަކީ ރާއްޖެއަށާއި ދިވެހިންނަށް މަންފާ ލިބޭނެ ކަމެކެވެ. ވަކިން ހާއްސަކޮށް ކައުންސިލަރުންނާ ބައްދަލުކުރެއްވުމުން ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި އެއިރަކު ދިމާވާ ދަތިތައް ދެނެގަނެވޭނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

"ކައުންސިލަރުންނާ އެކި ގައުމުތަކުގެ ސަފީރުންނާއި ބޭރުގެ އެކި ޖަމިއްޔާތަކާ ގުޅުން ބަދަހިކުރުމަކީ ރަށްރަށުގެ ތަރައްގީއަށް ވަރަށް ބޭނުންތެރި ކަމެއް ކަމުގައި ގުޅިފައިވާ ޕާޓީތަކުން ދެކެމެވެ. އަދި މިކަން ކަމަކީ އެއްވެސް ކައުންސިލަކަށް ލާމަރުކަޒީ ގާނޫނުން މަނާކުރާ ކަންކަމެއް ނޫނެވެ،" ބަޔާނުގައިވެ އެވެ.

ޕާޓީތަކުން ބުނި ގޮތުގައި އެލްޖީއޭގެ ނިންމުމަކީ ބޭރުގެ ފަރާތްތަކަށް ކުރާ އިހްތިރާމް ކުޑަވެ އެ ފަރާތްތަކާ އެކު އޮންނަ ގުޅުމަށް ބުރޫ އަރާނެ ކަމެކެވެ.

އެހެންވެ، ކައުންސިލަރުންގެ ގާނޫނީ ޒިންމާ އަދާކުރުމަށް ދައުލަތުގެ މުއައްސަސާތަކުން ފުރިހަމައަށް އެއްބާރުލުން ދިނުމަށާއި އެލްޖީއޭ އިން ގާނޫނީ އިމުގެ ތެރެއަށް ރުޖޫއުވުމަށް ބަޔާނުގައި ވަނީ ގޮވާލައިފަ އެވެ.

ގއ. އަތޮޅު ކައުންސިލްގެ ހުރިހާ މެމްބަރުން ތިން މަހަށް ސަސްޕެންޑް ކުރީ ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު އަކިލޭޝް މިޝްރާއާ ގއ. އަތޮޅު ކައުންސިލުން ބައްދަލުކޮށްފައިވަނިކޮށެވެ. އެލްޖީއޭއިން ކައުންސިލްތަކަށް އަންގާފައި އޮތީ ކައުންސިލްތަކަށް ޑިޕްލޮމެޓުންނާ ބައްދަލު ކުރެވޭނީ އެލްޖީއޭ މެދުވެރިކޮށް ހޯމް މިނިސްޓްރީން ހޯދާ ހުއްދައެއްގެ ދަށުން ކަމަށެވެ. އެ ނިންމުމާ ގުޅިގެން ބޭރުގެ ބައެއް ސަފީރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

އެ ކައުންސިލަރުން މިޝްރާއާ ބައްދަލުކުރީ އެލްޖީއޭ އިން އެގޮތަށް އެންގުމުގެ ކުރިންނެވެ.