Roadha Mihaaru
އެމްޑީޕީގެ ލާމަރުކަޒީ ހާއްޔަށް ޕީޕީއެމަށް ބިހެއް ނޭޅޭނެ

އެމްޑީޕީގެ ލާމަރުކަޒީ "ހާއްޔަށް" ޕީޕީއެމަށް ބިހެއް ނޭޅޭނެ: ނަޝީދު

09 އެޕްރީލް 2021

ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ އުފެއްދުމެއް ކަމަށާއި އެއީ އެ ޕާޓީއެއްގެ "ހާއްޔެއް" ކަމުން، އިދިކޮޅު ޕީޕީއެމަށް އެ "ހާއްޔަށް" ބިހެއް ނޭޅޭނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ އުފެއްދުމެއް ކަމަށާއި އެއީ އެ ޕާޓީއެއްގެ "ހާއްޔެއް" ކަމުން، އިދިކޮޅު ޕީޕީއެމަށް އެ "ހާއްޔަށް" ބިހެއް ނޭޅޭނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.

މާދަމާ ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ އެމްޑީޕީގެ ކެމްޕޭން ނިންމުމަށް، އއ. ރަސްދޫގައި ބޭއްވި ޖަލްސާގައި، ނަޝީދު ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ "ހާއްޔެއް" ކަމަށާއި އެ ހާލީގައި ވާ ކޮންމެ ނަރުކޮޅެއް ވެސް، ކޮންމެ ފަތްކޮޅެއް ވެސް ގެންގޮސް ބޭއްވީ އެމްޑީޕީގެ "ތުނބުން" ކަމަށެވެ. އެ "ހާއްޔަށް" ބިސް އެޅީ ވެސް، ބިސް ފީކުރީ ވެސް އެ ޕާޓިން ކަމަށާއި މިހާރު ދޫނިތައް ފިޔަ ހުޅުވާލާފައި އުފަލުން އެ ދަނީ މުޅިން އާ، ރަން ރީނދޫ ފަތިހަކަށް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ކޮވެލީގެ ޒާތެއް އެއީ ކާޅުގެ ހާއްޔަށް ބިސް އެޅުން. ނޫން. މިއީ އެމްޑީޕީގެ ހާއްޔެއް. މި ހާއްޔަކަށް ޕީޕީއެމަށް ބިހެއް ނޭޅޭނެ." ރަސްދޫ ބަނދަރުގައި އޮތް ކަންނެލި އޮޑިތަކުގައި ބޭއްވި އެ ޖަލްސާގައި ނަޝީދު ވިދާޅުވި އެވެ.

"މި ހާލީގައި ބިސް އަޅާނީ ވެސް، ބިސް ފީކުރާނީ ވެސް އަދި އެ ދޫނި ނެރެ އުދުއްސާލާނީ ވެސް ހަމަ އެމްޑީޕީން."

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ އިސްވެރިންނާއި ގިނަ ސަޕޯޓަރުން ބައިވެރިވި އެ ޖަލްސާގައި ނަޝީދު ވިދާޅުވިގޮތުގައި، އެމްޑީޕީން މިހާރު ނުކުމެ ތިބީ މުޅިން އެހެން ގައުމިއްޔަތެއް އުފެއްދުމަށެވެ. އެއީ އިސްލާމްދީނުގެ އުސޫލުތައް ގަބޫލުކުރާ، އިންސާނީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތާ، ދުޅަހެޔޮ، ތާހިރު ރައްޔިތުންތަކެއް ދިރިއުޅޭ ގައުމެއް ބިނާކުރުމުގެ މަސައްކަތް ކަމަށް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ، އެ މަސައްކަތުގެ އެންމެ މުހިއްމު ތަރަހައަކީ، ރައްޔިތުންނާ ގާތުން ވެރިކަން ކުރެވޭނެ ނިޒާމެއް ހޯދުން ކަމަށެވެ. ލާމަރުކަޒީ ނިޒާމުގެ ހާލި އުފެއްދީ ރައްޔިތުންނާ ގާތުން ވެރިކަން ކުރެވޭނެ ގޮތެއް ހޯދަން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

ރާއްޖޭގެ ރައީސްކަން ވެސް ކުރެއްވި ނަޝީދުގެ އުއްމީދަކީ، އެ ނިޒާމު ބަލައިގަނެ، އެމްޑީޕީގެ ކައުންސިލް ގޮނޑިތަކެއް، މާދަމާ ރުކުރުވައިލުމެވެ.