Roadha Mihaaru
ރާއްޖެ-މެލޭޝިއާ ހަތަރު އެއްބަސްވުމެއްގައި ސޮއިކޮށްފި

ރާއްޖެ އާއި މެލޭޝިއާއާ ދެމެދު ހަތަރު އެއްބަސްވުމެއްގައި ސޮއިކޮށްފި

20 ޑިސެމްބަރ 2017

ރާއްޖެ އާއި މެލޭޝިއާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ހަތަރު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރާއްޖެ އާއި މެލޭޝިއާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ހަތަރު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި، ރާއްޖެ އާއި މެލޭޝިއާއާ ދެމެދު ފުރަތަމަ ސޮއިކުރީ، އެ ގައުމުގައި، ކަލްޗަރަލް ސެންޓަރެއް ގާއިމު ކުރުމުގެ އެއްބަސްވުމެވެ. މި އެއްބަސްވުމުގައި ރާއްޖޭން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމެވެ.

ސިއްހީ ދާއިރާ އިން މީހުން ތަމްރީން ކުރުމާއި ވަސީލަތްތައް ހޯދައި ދިނުމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމެވެ. އަދި މަތީ ތައުލީމްގެ ފުރުސަތު ހޯދައި ދިނުމާ ގުޅޭ ގުޅޭ އެއްބަސްވުމުގައި ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމެވެ.

އަލިފާން ނިއްވުމާ ގުޅޭ ތަމްރީން ދިނުމާ ބެހޭ އެއްބަސްވުމެއްގައި ރާއްޖޭން ސޮއިކުރެއްވީ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފެވެ.

މި އެއްބަސްވުންތަކާ ގުޅޭ އިތުރު ތަފްސީލެއް ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ.

މިއީ ގިނަ އަދަދެއްގެ ދިވެހިން މަތީ ތައުލީމް ހާސިލްކުރަމުން އަންނަ ގައުމުގެ ބޮޑު ވަޒީރުކަމާ ނަޖީބު ހަވާލުވެވަޑައިގަތުމަށްފަހު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާ ފުރަތަމަ ފަހަރެވެ. ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ރައީސް އޮފީހުގައި މިއަދު ވަނީ ރަސްމީ ވާހަކަތައް ވެސް ބާއްވައިފަ އެވެ.

މިއީ މިދިޔަ 33 އަހަރުގެ ތެރޭގައި، މެލޭޝިއާގެ ބޮޑުވަޒީރަކު ރާއްޖެ އަށް ދަތުރުފުޅެއް ކުރައްވާ ފުރަތަމަ ފަހަރެވެ. މެލޭޝިއާގެ އޭރުގެ ބޮޑުވަޒީރު މަހާތީރު މުހައްމަދު ރާއްޖެ ވަޑައިގަތީ 1984 ގަ އެވެ.

ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، މިހާތަނަށް ވަނީ ދެ ފަހަރެއްގެ މަތިން މެލޭޝިއާ އަށް ވަޑައިގެންފަ އެވެ. މި ދަތުރުފުޅުތަކުގައި އެކި ދާއިރާތަކުން ރާއްޖެ އަށް ލުއި ފަސޭހަތައް ހޯއްދަވައިދެއްވަން މަޝްވަރާކުރެއްވި އެވެ. މި މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން، މެލޭޝިއާ އަށް ދާ ދިވެހިންނަށް 90 ދުވަހުގެ އޮން އެރައިވަލް ވިސާ ދޭން އެ ގައުމުގެ ސަރުކާރުން ވަނީ ނިންމައިފަ އެވެ. ދިވެހިންނަށް ކުރިން ދެނީ 30 ދުވަހުގެ އޮން އެރައިވަލް ވިސާ އެވެ.