21 ޑިސެމްބަރ 2017
ހދ. ކުޅުދުއްފުށީ ކުޅި ހިއްކުމާ ގުޅޭގޮތުން އިކޯކެއާއިން ސިވިލް ކޯޓަށް ހުށަހެޅީ ބިމާ ބެހޭ މައްސަލައެއް ނޫން ކަމަށާއި އެއީ އިދާރީ ތަބީއަތުގެ މައްސަލައެއް ކަމަށް ބުނެ އެ މައްސަލަ ސިވިލް ކޯޓަށް ބެލޭނެ ކަމަށް އިކޯކެއާއިން މިއަދު ބުނެފި އެވެ.
ހދ. ކުޅުދުއްފުށީ ކުޅި ހިއްކުމާ ގުޅޭގޮތުން އިކޯކެއާއިން ސިވިލް ކޯޓަށް ހުށަހެޅީ ބިމާ ބެހޭ މައްސަލައެއް ނޫން ކަމަށާއި އެއީ އިދާރީ ތަބީއަތުގެ މައްސަލައެއް ކަމަށް ބުނެ އެ މައްސަލަ ސިވިލް ކޯޓަށް ބެލޭނެ ކަމަށް އިކޯކެއާއިން މިއަދު ބުނެފި އެވެ.
އެ ޖަމިއްޔާއިން، އެގޮތަށް ބުނީ ކުޅުދުއްފުށީ ކުޅި ހިއްކުމާ ގުޅޭގޮތުން އިކޯކެއާ އިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައަކީ ކުޅުދުއްފުށީ ބިމަކާ ގުޅޭ މައްސަލައެއް ކަމަށާއި އެހެންވެ، އެ މައްސަލަ ކޯޓަށް ނުބެލޭނެ ކަމަށް ބުނެ ދައުލަތުން އިޖްރާއީ ނުކުތާއެއް ނެގުމުންނެވެ. އިކޯކެއާ އިން ދައުވާކުރަނީ ކުޅި ހިއްކުމާ ގުޅޭގޮތުން ހަދާފައިވާ އެންވަޔަރްމެންޓް އެސެސްމަންޓް ރިޕޯޓް (އީއައިއޭ) އާ އެއްގޮތަށް އަމަލު ކުރުމުގެ އަމުރަކަށް އެދި އެވެ.
ދައުލަތުން ނެގި ނުކުތާއާ ގުޅިގެން އިކޯކެއާ އިން ފޮނުވި ޖަވާބުގައި ވަނީ ކުޅި ހިއްކުމާ ގުޅޭގޮތުން ހެދި އީއައިއޭގައި ބުނެފައިވާ ކަންކަން ފުރިހަމަނުކޮށް މަސައްކަތް ކުރިއަށް ގެންދާއިރު ވެސް، އެކަމާ މެދު އެންވަޔަރްމެންޓް މިނިސްޓްރީން ފިޔަވަޅު ނާޅާތީ އެކަމަށް ފިޔަވަޅު އަޅަން އެ މިނިސްޓްރީގެ މައްޗަށް އަމުރު ކޮށްދޭން އެދި ކުރި ދައުވާއެއް ކަމަށެވެ. އަދި އެއީ ކުޅުދުއްފުށީގެ ބިމެއް ނުވަތަ އިމާރާތަކާ ގުޅޭ މައްސަލައެއް ނޫން ކަމަށް އެ ޖަވާބުގައިވެ އެވެ.
"މިއީ ދައުލަތުގެ އިދާރާއެއްގެ ނިންމުމަކާ އެއްގޮތަށް އަމަލު ނުކުރުމުގެ ސަބަބުން، ދައުލަތުގެ އިދާރާއިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ދައުލަތުގެ އިދާރާއެއްގެ މައްޗަށް މެންޑަމާސް އަމުރުކޮށް ދެއްވުން އެދި ހުށަހަޅާފައިވާ މައްސަލަ އެކެވެ،" އިކޯކެއާގެ ވަކީލް އަހުމަދު ޝިނާޒް ފޮނުވި އެ ޖަވާބުގައިވެ އެވެ.
އިކޯކެއާގެ ޖަވާބުގައިވާ ގޮތުން، އެ ރަށެއްގެ ބިމާއި އިމާރާތާ ބެހޭ މައްސަލަތައް ބަލާނީ އެ ރަށެއްގެ ކޯޓަކުން ކަމަށް ކޯޓުތަކުގެ ގާނޫނުގައި ބަޔާން ކޮށްފައި އޮޮތަސް އެއީ އެއްވެސް އިސްތިސްނާއެއް ނެތި އޮންނަ އޮތުމެއް ނޫނެވެ. އަދި ބިމެއް ނުވަތަ އިމާރާތެއްގެ މައްސަލަ ނަންގަނެވޭ ކޮންމެ މައްސަލައަކީ ކޯޓުތަކުގެ ގާނޫނުގެ ބޭނުމަށް، ބިމެއް ނުވަތަ އިމާރާތެއްގެ މައްސަލަ ކަމުގައި ނުބެލެވޭނެ ކަމަށް ހައި ކޯޓުން ކުރިން ކަނޑައަޅާފައިވާ ކަމަށް އެ ޖަވާބުގައިވެ އެވެ.
މީގެ އިތުރުން އެ މައްްސަލާގައި ދައުވާ ލިބޭ އެންވަޔަރްމެންޓް މިނިސްޓްރީ އާއި އެންވަޔަރްމެންޓް ޕްރޮޓެކްޝަން އޭޖެންސީއަކީ މާލޭގައި ހުރި ދެ އިދާރާ ކަމަށްވާއިރު، ދައުލަތުގެ އިދާރާއެއްގެ މައްޗަށް ދައުވާ ކުރާ ނަމަ، އެ މައްސަލައެއް ހުށަހަޅަން ޖެހޭނީ އެ އިދާރާއެއް ހުންނަ ދާއިރާއެއްގެ ކޯޓަކަށް ކަމަށް ކޯޓުތަކުގެ ގާނޫނުގައި ބުނާ ކަން ވެސް އިކޯކެއާއިން ފާހަގަ ކޮށްފައިވެ އެވެ.
އެ މައްސަލަ ކުޅުދުއްފުށީ މީހަކު އެ ރަށު ކޯޓަށް ހުށަހެޅުމުން މައްސަލަ ބެލުމުގެ އިހްތިސާސް އެ ކޯޓަށް ނެތް ކަމަށް ބުނެ އެ މައްސަލަ ބަލައިގެންފައި ނުވާ ކަން ވެސް އިކޯކެއާއިން ކޮށްފައިވެ އެވެ. އަދި އެ މައްސަލަ މިހާރު ބަލަމުންދާ ސިވިލް ކޯޓުގެ އިދާރީ މައްސަލަ ބަލާ ޑިވިޝަނަކީ އެ މައްސަލަ ބެލުމުގެ ބާރު ލިބިފައި އޮތް ހަމައެކަނި ކޯޓު ކަމަށާއި އެ ބާރު ލިބިފައިވަނީ ސިވިލް ކޯޓުގެ ޑިވިޝަންތައް އުފައްދަން ސުޕްރީމް ކޯޓުން ނެރުނު ސާކިއުލާގެ ދަށުން ކަމަށް ވެސް އެ ޖަވާބުގައި ބުނެފައި ވެ އެވެ.
އެކަންކަން ފާހަގަކޮށް، އިކޯކެއާ އިން އެދިފައިވަނީ އެ މައްސަލަ ސިވިލް ކޯޓަށް ބެލޭނެ ކަމަށް ކަނޑައަޅައި ދިނުމަށެވެ.
އެއާޕޯޓް އެޅުމަށް ކުޅުދުއްފުށީގެ ކުޅި ހިއްކުމާ ގުޅޭގޮތުން ހެދި އީއައިއޭ ރިޕޯޓުގައިވާ ގޮތުން ކުޅި ހިއްކައިފި ނަމަ، އެ ރަށުގައި ފެންބޮޑުވުމުގެ ނުރައްކާ ކުރިމަތިވެ، ގުދުރަތީ ދިިރުންތައް ނެތިގެންދާނެ އެވެ. އެހެންވެ، އެކަންކަން ދިމާ ނުވާނެ ފަދަ ގޮތަކަށް އެ މަޝްރޫއު ކުރިއަށް ގެންދަން އެ ރިޕޯޓުގައި ލަފާ ދީފައިވެ އެވެ.
ކުޅި ހިއްކުމުގެ މަސައްކަތް މިހާރު ކުރަމުން ދާއިރު ސަރުކާރުން ބުނެފައިވަނީ އެ މަޝްރޫއަށް ހިއްކާނީ ކުޅީގެ ވަކި ބައެއް ކަމަށް ސަރުކާރުން ބުނެފައިވެ އެވެ. އެއާޕޯޓްގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ އޮގަސްޓް މަހު ނިންމައި، އެއާޕޯޓް ހުޅުވާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
ކުޅި ހިއްކާ މައްސަލަ ސިވިލް ކޯޓަށް ނުބެލޭނެ: ދައުލަތް
އީއައިއޭއަށް އަމަލު ކުރުމުގެ އަމުރަކަށް އެދި ކޯޓަށް
ކުޅުދުއްފުށި އެއާޕޯޓު މައްސަލަ ނުބެލޭނެކަމަށް ނިންމައިފި
ދޫނި ޖައްސަމުން އައި ތަނަށް މިހާރު ފްލައިޓް!
ކުޅުދުއްފުށީ އެއާޕޯޓަށް ޓެސްޓު ފްލައިޓް ޖައްސަނީ
އިންތިހާބުގެ ކުރިން ކުޅުދުއްފުށީ އެއާޕޯޓު ނިންމަނީ
ކުޅުދުއްފުށި އެއާޕޯޓު ރަންވޭގެ މަސައްކަތް އެމްޓީސީސީއަށް
ކުޅިި ހިއްކާތީ ހުށަހެޅި މައްސަލަ ބަލައެއްނުގަތް
ކުޅި ނެތިއްޔާ ކުޅުދުއްފުއްޓަކަށް ނުވާނެ: ނަޝީދު
ފަސް ރަށެއްގައި އެއާޕޯޓް ހަދަން މެލޭޝިއާ ބަޔަކަށް ދީފި