Roadha Mihaaru
އިންތިހާބުގެ ކުރިން ކުޅުދުއްފުށީ އެއާޕޯޓު ނިންމަނީ

ރިޔާސީ އިންތިޚާބުގެ ކުރިން ކުޅުދުއްފުށީ އެއާޕޯޓް ނިމޭނެ ކަމުގެ އުންމީދު ބޮޑު: ރައީސް ޔާމީން

22 އޯގަސްޓް 2018

އަންނަ މަހުގެ 23 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ކުރިން، ހދ. ކުޅުދުއްފުށީ އެއާޕޯޓުގެ މަސައްކަތް ނިންމޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަންނަ މަހުގެ 23 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ކުރިން، ހދ. ކުޅުދުއްފުށީ އެއާޕޯޓުގެ މަސައްކަތް ނިންމޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

"އިރާދަކުރެއްވިއްޔާ މި ރަށުގައި އެއާޕޯޓުގެ މަސައްކަތް ދާދި އަވަހަށް ނިމިގެން ދާނެ. އަދި އިރާދަކުރެވިއްޔާ އަޅުގަނޑުމެން އުންމީދު ކުރަނީ ސެޕްޓެމްބަރު މަހުގެ 23 ގައި މި ނަގާ ވޯޓުގައި ކުޅުދުއްފުށިން މާލޭގައި ތިއްބެވި ބޭފުޅުން މި ރަށަށް ވަޑައިގެން ވޯޓް ލައްވާނީ ހަގީގަތުގައި ވެސް މަތިންދާ ބޯޓުގައި ވަޑައިގެންނޭ،" އުތުރުގެ އެންމެ ބޮޑު ރަށް، ކުޅުދުއްފުށީގެ 16 މަގެއްގައި ތާރު އަޅައިގެން ހެދުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަ ކުރަން ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވި އެވެ.

"އެ ވަރަށް މަސައްކަތް ކުރެވޭތޯ އުންމީދު މިކުރަނީ."

ވަރަށް ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި ޖަލްސާގައި ރައީސް ޔާމީން ވަނީ، ކުޅުދުއްފުއްޓަކީ ބޮޑު ތިލަންދުންމަތީގެ އިގްސާދީ ނާރެހެއްގެ ގޮތުގައި ސިފަ ކުރައްވާ ކަމަށެވެ.

އެގޮތުން، އެ ސަރަހައްދަށް ޓޫރިޒަމް ސިނާއަތް ތަރައްގީކޮށް، ފުޅާ ކުރަން ކުރާ މަސައްކަތުގެ ވަރަށް މުހިއްމު ބަޔަކަށް ކުޅުދުއްފުށީ އެއާޕޯޓު ވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ކުޅުދުއްފުއްޓަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ކިޔަން ދިޔަ ބަޔަކާ ސަލާމް ކުރައްވަނީ: ވަރަށް ގިނަ ބަޔަކު ވަނީ ކުޅުދުއްފުށިން ރައީސަށް މަރުހަބާ ކިޔާފައި.---ފޮޓޯ: ރައީސް އޮފީސް

ރައީސް ޔާމީން ކުޅުދުއްފުއްޓަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ކިޔަން ދިޔަ ބަޔަކާ ސަލާމް ކުރައްވަނީ: ވަރަށް ގިނަ ބަޔަކު ވަނީ ކުޅުދުއްފުށިން ރައީސަށް މަރުހަބާ ކިޔާފައި.---ފޮޓޯ: ރައީސް އޮފީސް

ރައީސް ޔާމީން ވިދާޅުވިގޮތުގައި، ބޮޑު ތިލަދުންމަތީގައި 3،000 އެނދު ތަރައްގީ ކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭ އިރު، އެއާޕޯޓާ އެކު އެ ސަރަހައްދުގައި ގެސްޓް ހައުސް ވިޔަފާރި ވެސް ފަހިވާނެ އެވެ. އަދި މިއީ އެތައް ބަޔަކަށް ވަޒީފާގެ ފުރުސަރުތައް ހުޅުވޭނެ ދޮރެއް ކަމަށް ވިދާޅުވި އެވެ.

ރައީސް ކުޅުދުއްފުށީގައި ދެއްކެވި ވާހަކަފުޅުގެ ބައެެއް މުހިންމު ޕޮއިންޓުތައް:

- ކުރީ ފަސް އަހަރު ކުޅުދުއްފުއްޓަށް ހޭދަކުރީ 290 މިލިއަން ރުފިޔާ. މި ފަސް އަހަރުގެ ތެރޭގައި އެ ރަށަށް 540 މިލިއަން ރުފިޔާ ހޭދަވާނެ.

- ކުޅުދުއްފުށީގެ ކުނި އުކާލުމުގެ މަސައްކަތް ވެމްކޯއިން އަންނަ އަހަރު ފަށާނެ.

- ރައީސް ޔާމީން ރިޔާސީ ދެވަނަ ދައުރަކަށް ހޮވިއްޖެ ނަމަ، ޚާއްސަ އެހީއަށް ބޭނުންވާ ކޮންމެ ކުއްޖަކަށް 5،000ރ. ގެ އިނާޔަތެއް ދޭނެ.

"ކުޅުދުއްފުށީގައި އެއާޕޯޓެއް އޮންނަން ޖެހޭ ކަމަށް އަޅުގަނޑުމެންނަށް ގަބޫލު ކުރެވޭތީ މި މަސައްކަތް ކުރަމުން މި އަންނަނީ. އަޅުގަނޑުމެންނަށް މީގެ ދެ އަހަރު، ތިން އަހަރު ކުރިން ގަބޫލު ކުރެވުނު ކުޅުދުއްފުށީގައި އެއާޕޯޓެއް އޮންނަން ޖެހޭކަން،" ރައީސް ވިދާޅުވި އެވެ.

"މި ރަށުގައި އެއާޕޯޓަށް އޮންނަން ޖެހެނީ ހަމައެކަނި އަޅުގަނޑުމެން އެތެރޭގެ ދަތުރުފަތުރަކަށް އެކަންޏެއް ނޫން. މި ހިސާބަށް ތަރައްގީ އަންނަން އެބަ ޖެހޭ."

ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ ތަރައްގީގެ މައިބަދަ ކަމަށްވާ ޓޫރިޒަމް ރާއްޖޭގެ އުތުރަށް ތަރައްގީ ނުކުރެވިގެން އުޅޭ އެންމެ ބޮޑު ސަބަބަކީ ވެސް އުތުރުގައި އެއާޕޯޓް މަދުވުން ކަމަށެވެ.

"...މި ރަށުގެ ރައްޔިތުންނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ މިތާ އޮންނަ ކުޅި ހިއްކައިގެން މިތާ އެއާޕޯޓެއް އެޅުމަށް މިކަމާ ދޭތެރޭގައި ޖަދަލު ކުރަމުން އައި މިންވަރު. ކޮން ބައެއްގެ ގަލަމުންތޯ އެކަން ކުރަމުން އައީ. ކޮން ބައެއްގެ ޓްވީޓްތަކެއްތޯ އޭގައި ހުރީ،" އިދިކޮޅު ފަރާތްތަކަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވި އެވެ.

"އެހެންވީމާ މި ކަންކަމާ ދޭތެރޭ ވިސްނާ އިރު އަޅުގަނޑުމެން ޖެހޭ 23 ވޯޓާ ހަމައަށް ދާއިރު މި ކަންކަމާ ދޭތެރޭ ވިސްނައިލަން."

ރައީސް ޔާމީން ވިދާޅުވީ ކުޅުދުއްފުށީގެ އެއާޕޯޓް ނިމި، އެތަނުގެ ހިދުމަތް ފަށާއިރު އުތުރުގެ ސަރަހައްދަށް އިތުރުވާ ރިސޯޓާއި ގެސްޓް ހައުސްތަކުގެ އެނދާ އެކު، ޒުވާނުންނަށް މަދުވެގެން 10،000 ވަޒީފާގެ ފުރުސަތު ވެސް ހުޅުވޭނެ ކަމަށެވެ.

ރައީސް ޔާމީން މިރޭ ކުޅުދުއްފުއްޓަށް ވަޑައިގަތުމުން، އެމަނިކުފާނަށް މަރުހަބާ ކިޔުމަށް އެ ރަށުގެ ވަރަށް ގިނަ އަދަދެއްގެ ބަޔަކު ބަނދަރު ސަރަހައްދަށް ނުކުމެ ތިއްބެވެ.