Roadha Mihaaru
ފަހު ދެ މުބާރާތުގެ އެވޯޑް ނޮމިނޭޝަން އިއުލާންކޮށްފި

ފަހު ދެ މުބާރާތުން އެވޯޑަށް ވާދަކުރާ ކުޅުންތެރިން ހޮވައިފި

22 ޑިސެމްބަރ 2017

"މިހާރު" ނޫހުން އަލަށް ތައާރަފްކުރި ކުޅިވަރު އެވޯޑްސް ކަމަށްވާ "މިހާރު އެވޯޑްސް" ގައި ހިމެނޭ އަހަރުގެ އެންމެ މޮޅު ފިރިހެން ވޮލީބޯޅަ ކުޅުންތެރިޔާ އާއި ޒުވާން ކުޅުންތެރިޔާ އަށް ގައުމީ ވޮލީބޯޅަ ލީގާއި ގައުމީ ވޮލީބޯޅަ މުބާރާތުން ވާދަކުރާ ކުޅުންތެރިން އިއުލާންކޮށްފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

"މިހާރު" ނޫހުން އަލަށް ތައާރަފްކުރި ކުޅިވަރު އެވޯޑްސް ކަމަށްވާ "މިހާރު އެވޯޑްސް" ގައި ހިމެނޭ އަހަރުގެ އެންމެ މޮޅު ފިރިހެން ވޮލީބޯޅަ ކުޅުންތެރިޔާ އާއި ޒުވާން ކުޅުންތެރިޔާ އަށް ގައުމީ ވޮލީބޯޅަ ލީގާއި ގައުމީ ވޮލީބޯޅަ މުބާރާތުން ވާދަކުރާ ކުޅުންތެރިން އިއުލާންކޮށްފި އެވެ.

ގައުމީ ވޮލީބޯޅަ ލީގުން އެންމެ މޮޅު ކުޅުންތެރިޔާ އަށް ވާދަކުރަނީ ޗެމްޕިއަން މޯލްޑިވިއަންގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އާއި ހުސެއިން ވިޝާމް (ބުޅިކޭ) އާއި ދިވެހި ސިފައިންގެ ކްލަބުގެ އަހުމަދު އަބްދުލްކަރީމް (ލޯންގޭ) އާއި އާދަމް ނަސީމް އަދި ސީލައިފް ސްޕޯޓްސް ކްލަބުގެ އަލީ ހުޒާމެވެ.

އެންމެ މޮޅު ޒުވާން ފިރިހެން ވޮލީބޯޅަ ކުޅުންތެރިޔާގެ އެވޯޑަށް ގައުމީ ވޮލީބޯޅަ ލީގުން ވާދަކުރަނީ މާޒިޔާގެ ހުސެއިން ރައްޒާން އާއި މުހައްމަދު އަލީ އަދި ދިވެހި ސިފައިންގެ ކްލަބުގެ މުހައްމަދު މިމްރާހް ހަސަން (މިއްމި) އެވެ.

ސީޒަނުގެ ފަހު މުބާރާތް ކަމަށްވާ ގައުމީ ވޮލީބޯޅަ މުބާރާތުން އެންމެ މޮޅު ކުޅުންތެރިޔާ އަށް ވާދަކުރަނީ ޗެމްޕިއަން ސިފައިންގެ ޓީމުގެ ލޯންގޭ އާއި އެ ޓީމުގެ ކެޕްޓަން ހުސެއިން ޝާހިދާއި އާދަމް ނަސީމް އަދި ރަނަރަޕް މޯލްޑިވިއަންގެ ކުޑަކާއްޓޭ އާއި ބުޅިކޭ އެވެ.

ގައުމީ މުބާރާތުން ޒުވާން ކުޅުންތެރިޔާ އަށް ވާދަކުރަނީ ސިފައިންގެ ޓީމުގެ މުހައްމަދު މިމްރާހް ހަސަން (މިއްމި) އެކަންޏެވެ.

މިހާރުގެ ވޮލީބޯޅަ ފަނޑިޔާރުންގެ ޕެނަލުގައި ރާއްޖޭގެ މަޝްހޫރު ކޯޗުންނާއި ކުރީގެ ކުޅުންތެރިންނާއި ކުރީގެ ރެފްރީންނާއި ކުޅިވަރު ނޫސްވެރިން އަދި ވޮލީބޯޅައިގެ ތެރޭގައި ހަރަކާތްތެރިވާ އޮފިޝަލުން ހިމެނެ އެވެ.

މި އެވޯޑްސްގައި ވޮލީބޯޅައިގެ އިތުރުން ހިމެނެނީ ފުޓްބޯޅަ އަދި އިންޑިވިޖުއަލް ކުޅިވަރުތައް ކަމަށްވާ އެތުލެޓިކްސް އާއި ޓޭބަލް ޓެނިހާއި ފެތުން އަދި ބެޑްމިންޓަނެވެ. މިއީ ރާއްޖޭގައި، އިންޑިވިޖުއަލް ކުޅިވަރުތަކެއް ހިމަނައިގެން އެވޯޑެއް ތައާރަފްކުރި ފުރަތަމަ ފަހަރެވެ.

މުޅިން އަލަށް މި ފަށާ "މިހާރު އެވޯޑްސް"ގައި ދިވެހި ހުނަރުވެރިންނަށް 24 އެވޯޑެއް މި އަހަރު ދޭނެ އެވެ. އޭގެ ތެރޭގައި ފުޓްބޯޅައިގެ އެންމެ މޮޅު ތިން ކުޅުންތެރިންނާއި ޒުވާން ކުޅުންތެރިޔާ އާއި ރަން ބޫޓް ހިމެނެ އެވެ. މީގެ އިތުރުން ވޮލީބޯޅައިން ދެ ޖިންސުން އެންމެ މޮޅު ތިން ކުޅުންތެރިންނާއި ދެ ޖިންސުން އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ ހޮވާނެ އެވެ. އަދި ބެޑްމިންޓަނާއި އެތުލެޓިކްސް އާއި ޓޭބަލް ޓެނިސް އަދި ފެތުން އެއްކޮށްގެން ދެ ޖިންސުން އެންމެ މޮޅު ތިން ކުޅުންތެރިން ހޮވައި އިނާމް ދޭނެ އެވެ. ކޯޗުންނާއި ރެފްރީގެ އެވޯޑް ދެނީ ހުރިހާ ކުޅިވަރެއް އެއްކޮށެވެ.

އެވޯޑްސްގެ މެއިން ސްޕޮންސަރުންނަކީ އުރީދޫ މޯލްޑިވްސް އާއި އެލައިޑް އިންޝުއަރެންސް އެވެ. އެވޯޑުގެ މީޑިއާ ޕާޓްނަރަކީ ރާއްޖޭގެ އެންމެ ބޮޑު އެއް މީޑިއާ ކަމަށްވާ ވީމީޑިއާ އެވެ. އެވޯޑް ފަރުމާކޮށްދީ އަދި ބްރޭންޑްކޮށްދީ މީގެ އިތުރުން ވެސް އެވޯޑާ ގުޅޭ މާކެޓިންގެ ގިނަ މަސައްކަތްތަކެއްކޮށްދެނީ އެޑްވަޓައިޒިން ޕާޓްނަރު ތިންކް އެޑްވަޓައިޒިން އިންނެވެ. އެސޯސިއޭޓް ޕާޓްނަރުންނަކީ ސޮނީ ސްޕޯޓްސް، ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ)، ވެލިގާ ހާޑްވެއާ، ބީއެޗްއެމް އަދި ޕްރިންޓް ލެބެވެ.