Roadha Mihaaru
އެމެރިކަން ޔުނިވަސިޓީގައި މޫނުބުރުގާ އަލުން ހުއްދަކޮށްފި

ގާހިރާގައި ހުންނަ އެމެރިކަން ޔުނިވަސިޓީގައި ނިގާބު އަލުން ހުއްދަ ކޮށްފި

24 ޑިސެމްބަރ 2017

މިސްރުގެ ވެރިރަށް ގާހިރާގައި ހުންނަ އެމެރިކަން ޔުނިވާސިޓީގެ ދަރިވަރުންނާއި މުވައްޒަފުން އެ ޔުނިވާސިޓީގެ ތެރޭގައި އުޅޭ އުޅުމުގައި މޫނުބުރުގާ (ނިގާބު) އަޅައިގެން އުޅުން މަނާ ކުރުމަށް ފަހު، އެކަން އިއްޔެ އަލުން ހުއްދަ ކޮށްފި އެވެ.

އަހުމަދު އަބުދުﷲ ސައީދު އަހުމަދު އަބުދުﷲ ސައީދު

މިސްރުގެ ވެރިރަށް ގާހިރާގައި ހުންނަ އެމެރިކަން ޔުނިވާސިޓީގެ ދަރިވަރުންނާއި މުވައްޒަފުން އެ ޔުނިވާސިޓީގެ ތެރޭގައި އުޅޭ އުޅުމުގައި މޫނުބުރުގާ (ނިގާބު) އަޅައިގެން އުޅުން މަނާ ކުރުމަށް ފަހު، އެކަން އިއްޔެ އަލުން ހުއްދަ ކޮށްފި އެވެ.

އެ ޔުނިވަސިޓީގެ ދަރިވަރުންނާއި މުވައްޒަފުން މޫނު ބުރުގާ އަޅައިގެން ޔުނިވާސިޓީ ތެރޭގައި އުޅުން މަނާކުރީ މި މަހުގެ 21 ވަނަ ދުވަހުން ފެށިގެންނެވެ. ނަމަވެސް އެތާނގެ ދަރިވަރުންނާއި މުވައްޒަފުންނަށް އިއްޔެ ފޮނުވި އީމެއިލެއްގައި ބުނެފައިވަނީ، ގިނަ އަދަދެއްގެ ދަރިވަރުންނާއި މުވައްޒަފުން ޔުނިވާސިޓީގެ އެ ނިންމުމާ ދެކޮޅު ހަދަމުންދާތީ ނިގާބު އެޅުން އަލުން ހުއްދަ ކޮށްފައިވާ ކަމަށެވެ.

މިސްރުގެ ބައެއް ނޫސްތައް ބުނާ ގޮތުގައި އެމެރިކަން ޔުނިވާސިޓީގެ އެ ނިންމުން އަނބުރާ ގެންދިޔައީ، އެ ނިންމުމުގެ ސަބަބުން ބައެއް ދަރިވަރުންނާއި ބައެއް މުވައްޒަފުން ޔުނިވާސިޓީ އަށް ހާޒިރުވުން ހުއްޓާލައި ޔުނިވާސިޓީ އަށް އެކަމުން ގެއްލުން ވާން ފެށުމުންނެވެ. އަދި ޔުނިވާސީޓީން މޫނުބުރުގާ މަނާ ކުރީ، ޒަމާނުއްސުރެ އެ ތަނުން ގެންގުޅެމުން އައި ސިޔާސަތާ ދެކޮޅަށް ކަމަށް އެ ތާނގެ ދަރިވަރުންނާއި މުވައްޒަފުން ބުނެ އެވެ.

ނަމަވެސް ޔުނިވާސިޓީން ބުނި ގޮތުގައި މޫނުބުރުގާ މަނާ ކުރީ ސަލާމަތީ ކަންތައް ވަރުގަދަ ކުރުމުގެ ގޮތުންނެވެ.

މިސްރުގައި ހުންނަ އެންމެ ބޮޑު އަމިއްލަ ޔުނިވާސިޓީ ކަމަށްވާ ގާހިރާ ޔުނިވާސިޓީން ވަނީ، އެ ތާނގެ ތެރޭގައި މޫނުބުރުގާ އަޅައިގެން އުޅުން 2016 ވަނަ އަހަރުން ފެށިގެން، އެ ތާނގެ މުވައްޒަފުންނަށް މަނާކޮށްފަ އެވެ. ނަމަވެސް ދަރިވަރުންނަށް މަނަލެއް ނުކުރެ އެވެ. (އަލް އަރަބިއްޔާ)