އޮސްޓްރޭލިއާގެ ހަރުކަށި ކަނާތު ފިޔައިގެ މަޖިލިސް މެންބަރަކު މޫނުބުރުގާއާ ދެކޮޅަށް ކުރަމުން އަންނަ ކެމްޕެއިންގައި މަޖިލީހުގެ ޖަލްސާއަށް މޫނުބުރުގާގައި ވަނުމުން މައްސަލަ ހޫނުވެއްޖެ އެވެ.
އޮސްޓްރޭލިއާގެ ހަރުކަށި ކަނާތު ފިޔައިގެ މަޖިލިސް މެންބަރަކު މޫނުބުރުގާއާ ދެކޮޅަށް ކުރަމުން އަންނަ ކެމްޕެއިންގައި މަޖިލީހުގެ ޖަލްސާއަށް މޫނުބުރުގާގައި ވަނުމުން މައްސަލަ ހޫނުވެއްޖެ އެވެ.
މޫނުބުރުގާ އަޅައިގެން ޖަލްސާއަށް ވަނީ ހިޖުރަކުރާ މީހުންނާ ދެކޮޅު ވަން ނޭޝަން ޕާޓީގެ އަންހެން މެންބަރު ޕައުލިން ހޭންސަން އެވެ. އޭނާ އަކީ މޫނު އެއްކޮށް ނިވާވާ ގޮތަށް ބުރުގާ އެޅުން އޮސްޓްރޭލިއާގައި މަނާކުރުމަށް ކެމްޕެއިން ކުރާތާ އެތައް ދުވަހެއް ވެފައިވާ އަދި މިކަމާ ބެހޭ ގޮތުން ސެނެޓަށް ބިލެއް ހުށަހެޅުމަށް މަސައްކަތްކުރަމުން އަންނަ މީހެކެވެ.
އޭނާ މޫނުބުރުގާގައި މަޖިލިސް ޖަލްސާއަށް ވަދެ އޭނާގެ ގޮނޑީގައި އިށީނީ މޫނުބުރުގާ މަނާކުރުމަށް އޭނާ ހުށަހެޅި ބިލަށް މެންބަރުންގެ ތާއީދު ނުލިބުމުން ޖަލްސާ ދޫކޮށް ނުކުމެގެން ދިއުމަށް ފަހުގަ އެވެ.
އެއާ އެކު މެންބަރުންގެ ނުރުހުން ހޭންސަން އަށް އަމާޒުވި އެވެ.
އޮސްޓްރޭލިއަން ގްރީންސްގެ ލީޑަރު ލަރީސާ ވޯޓާސް ސެނެޓްގައި ވިދާޅުވީ އެ އަމަލަކީ ދީނަށް އުޅޭ މީހުންނަށް "މެދު އިނގިލިން އިޝާރާތްކުރުން" ފަދަ ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ.
"މިއީ ވަރަށް ބޮޑު ނަސްލީ ފުރައްސާރައެއް އަދި ނުރައްކާތެރި ކަމެއް،" އޭނާ ވިދާޅުވި އެވެ.
ސެނެޓުގައި ސަރުކާރުގެ ލީޑަރުކަން ވެސް ކުރައްވާ ފޮރިން މިނިސްޓަރު ޕެނީ ވޮންގް ވަނީ މިއީ "އިހުތިރާމް ކުޑަކުރުމުގެ ހުތުރު އަމަލެއް" ކަމަށް ސިފަ ކުރައްވައިފަ އެވެ.
"މި ޗެމްބަރުގައި އަޅުގަނޑުމެން އެންމެންނަށް ވެސް ވަރަށް ބޮޑު އިމްތިޔާޒުތަކެއް ލިބިގެންވޭ،" ވޮންގް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ތަމްސީލްކުރަނީ އަޅުގަނޑުމެންގެ ސްޓޭޓްތައް، ހުރިހާ ދީންތަކެއް މީހުން، އެންމެން، ހުރިހާ ވައްތަރެއްގެ. އެހެންވެ [އެ މީހުން ތަމްސީލް] ކުރަންވާނީ އިހުތިރާމާ އެކު."
މެންބަރުންގެ ރުޅިވެރި ފާޑުކިޔުމާ އެކު ވެސް ހޭންސަން ވަނީ މޫނުބުރުގާ ނަގަން އިންކާރުކޮށްފަ އެވެ. އެހެންވެ އެ ހިސާބުން ޖަލްސާ މެދުކަނޑާލި އެވެ.
މިއީ އޭނާ މުސްލިމުންގެ ހެދުންއެޅުމަށް ފުރައްސާރަވާ ގޮތަށް މަޖިލީހުގައި އަމަލުކުރި ދެ ވަނަ ފަހަރެވެ. އޭނާ 2017 ވަނަ އަހަރު ވެސް މޫނުބުރާގައި މަޖިލީހަށް ވަދެ، އެއީ ސަލާމަތީ ގޮތުން ނުރައްކަލެއްކަން ވިސްނައިދޭން މަސައްކަތްކުރި އެވެ.
ހޭންސަން އަކީ އިސްލާމް ދީނަކީ އޮސްޓްރޭލިއާއަށް އެކަށީގެންނުވާ "ފިކުރެއް" ކަމަށް ބުނާ މީހެކެވެ.
އޮސްޓްރޭލިއަން ފައިނޭންޝަލް ރިވިއު އިން މި މަހު ކުރި ސާވޭއަކުން ދައްކާ ގޮތުގައި އެ ގައުމުގެ މައި ކޮންޒަވެޓިވް ޕާޓީ ތެރޭގައި އޮތް އެތެރޭގެ ކޯޅުންތަކާ ހެދި ހޭންސަންގެ ޕާޓީއަށް ދަނީ ތާއީދު ބޮޑުވަމުންނެވެ. މިހާރު އެ ޕާޓީއަށް 18 ޕަސެންޓް މީހުން ތާއީދުކުރާ ކަމަށް ދައްކަ އެވެ.
މޫނުބުރުގާގެ މި މައްސަލަ ހިނގާފައި މި ވަނީ އިސްލާމް ދީނާ ދެކޮޅު އަމަލުތައް ހުއްޓުވުމުގައި ފެއިލްވެފައިވާ ކަމަށް ސަރުކާރުގެ މަންދޫބަކު ސެޕްޓެމްބަރު މަހު ވިދާޅުވެފައި ވަނިކޮށެވެ. -- އޭއެފްޕީ
"މޫނުބުރުގާ ސްޓަންޓް" ހެދި މެންބަރު ސަސްޕެންޑްކޮށްފި
ކިރްގިސްތާންގައި މޫނުބުރުގާ މަނާކުރުމަށް ތާއީދު
މަހްސާގެ ބައްޕަ ހައްޔަރުކޮށް، ހަނދާން އާކުރުން މަނާ
ފަރަންސޭސި ސްކޫލްތަކުގައި އަބާޔާ މަނާކުރަނީ
މޫނުބުރުގާގައި ސްކޫލަށް ދާން ވަގުތީ އަމުރެއް ނުލިބުނު
މުސްކާންގެ ހިތްވަރަށް މެމްބަރަކު ހަދިޔާކުރީ އައިފޯނެއް
ބުރުގާ އަޅާ އަންހެނުންގެ ދިފާއުގައި ސޯނަމް އާއި ރިޗާ
ބުރުގާއެޅި ފުރަތަމަ ސުޕަމޮޑެލް އެކަން ހުއްޓާލީ ކީއްވެ؟
އަލީ ގަބޫލުކުރީ ކެންސަރަކީ ހަދިޔާއެއް ކަމަށް
އެމެރިކަން ޔުނިވަސިޓީގައި މޫނުބުރުގާ އަލުން ހުއްދަކޮށްފި