Roadha Mihaaru
ޓޫރިސްޓުން އިތުރު ނުކުރެވެނީ އެއާޕޯޓު ތޮއްޖެހުމުން

ޓޫރިސްޓުންގެ އަދަދު އިތުރު ނުކުރެވެނީ އެއާޕޯޓް ތޮއްޖެހިފައި އޮތުމުން: މިނިސްޓަރު ޒަމީރު

24 ޑިސެމްބަރ 2017

ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އިތުރު ނުކުރެވެނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތޮއްޖެހިފައި އޮތުމުން ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އިތުރު ނުކުރެވެނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތޮއްޖެހިފައި އޮތުމުން ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

"މިހާރު"އާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ސަރުކާރުން މި އަހަރު ލަފާކުރީ 1.4 މިލިއަން ޓޫރިސްޓުން ރާއްޖެ އަންނާނެ ކަމަށެވެ. އެކަމަކު އެ މިންވަރަށް ޓޫރިސްޓުން ނުގެނެވުނު ނަމަވެސް މި މަހުގެ ނިޔަލަށް 1،37500 އަށް ވުރެ ގިނަ ޓޫރިސްޓުން އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށް ޒަމީރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ލަފާކުރީ މި އަހަރު އަންނާނީ ފަސް ޕަސެންޓްގެ ގްރޯތެއް ކަމަށް. އެ ޓާގެޓް ހާސިލްވެ މިހާރު ވަނީ ގާތްގަނޑަކަށް ހަތް ޕަސެންޓާ ކައިރިވެފައި،" މިނިސްޓަރު ވިދާޅުވި އެވެ.

ޒަމީރު ވިދާޅުވި ގޮތުގައި، ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުކުރެވޭނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކޮށް ނިމުމުންނެވެ.

"މިހާރު އެއާޕޯޓުން ދެވެން އޮންނަ އެންމެ ގިނަ އަދަދަކަށް ހިދުމަތް ދެމުން ގެންދަނީ. އެންމެ ޕީކް ގަޑީގައި ބޯޓު ނުޖެއްސިގެން އެތައް އިރެއް ވަންދެން އޮންނަން އެބަޖެހޭ. އެ މައްސަލަ ހައްލުކުރެވޭނީ އާ ރަންވޭ އާއި ޓާމިނަލްގެ މަސައްކަތް ނިމިގެން،" މިނިސްޓަރު ވިދާޅުވި އެވެ.

ޒަމީރު ވިދާޅުވީ އަންނަ އަހަރު ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރާއިރު އެންމެ ބޮޑު އިސްކަމެއް ދޭނީ އިތުރު އެއާލައިންތައް ގެނައުމަށް ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހުގެ ނިޔަލަށް ރާއްޖެއަށް އައިސްފައި ވަނީ 1،246.501 ޓޫރިސްޓުންނެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 6.8 ޕަސެންޓްގެ ކުރިއެރުމެކެވެ.