Roadha Mihaaru
އެއާޕޯޓަށް ބޮޑު ދުވަހެއް، 6،000 ގެސްޓުން އަންނާނެ

އެއާޕޯޓުގެ ބާރު ބޮޑު ދުވަހެއް، 6،000 ޓޫރިސްޓުން އަންނާނެ ކަމަށް ބެލެވޭ

26 ޑިސެމްބަރ 2020

މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާ ފްލައިޓްތަކުން 6،000 ޓޫރިސްޓުން އަންނާނެ ކަމަށް ލަފާކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާ ފްލައިޓްތަކުން 6،000 ޓޫރިސްޓުން އަންނާނެ ކަމަށް ލަފާކޮށްފި އެވެ.

އާންމުގޮތެއްގައި ވެސް ކްރިސްމަސް އާއި އަހަރުގެ ޗުއްޓީއާ ދިމާކޮށް ރާއްޖެއަށް ވަރަށް ގިނަ އަދަދަކަށް ޓޫރިސްޓުން އާދެ އެވެ. ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ކޮވިޑާ ގުޅިގެން އަދިވެސް ބޯޑަރު ހުޅުވައެއް ނުލަ އެވެ. އެހެން ނަމަވެސް މި ދުވަސްވަރުގައި ރާއްޖެ އަށް އެހެން އަހަރުތަކޭ އެއްވަރަށް ޓޫރިސްޓުން އަންނާނެ ކަމަށް ގިނަ ރިސޯޓުތަކުން ލަފާކުރެ އެވެ. އާންމުގޮތެއްގައި ވެސް ޕީކް ސީޒަންގެ އެންމެ ބިޒީ ދުވަސްވަރުގައި ރާއްޖެ އަށް ދުވާލަކު 5،000 އާއި 6،000 ދެމެދުގެ އަދަދަށް ޓޫރިސްޓުން އާދެ އެވެ.

އެއާޕޯޓުން ބުނީ މިއަދު 35 ފްލައިޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާނެ ކަމަށެވެ. މިހާރު 20 އެއާލައިނަކުން އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް އަންނަނީ ކުރަމުންނެވެ. މިއަދު 6،000 ޓޫރިސްޓުން އަންނާނެ ކަމަށް ލަފާ ކުރި ނަމަވެސް، އަދަދުތައް ޔަގީން ވާނީ މިއަދަށް ޝެޑިއުލްކޮށްފައިވާ ހުރިހާ ފްލައިޓެއް އައުމުންނެވެ.

މިމަހު ރާއްޖެ އަންނަ ޓޫރިސްޓުން އިތުރުވުމާ އެކު އެއާޕޯޓަށް ބާރު ބޮޑުވެ، ޓޫރިސްޓުންނަށް ހިދުމަތްތައް ދިނުމުގައި ވަރަށް ބޮޑަށް ލަސްވެގެންދިޔަ އެވެ. އެއާޕޯޓުން ބުނީ ހިދުމަތް ދޭން ލަސްވަނީ އެޗްޕީއޭގެ އުސޫލުތަކާ އެއްގޮތަށް އަމަލު ކުރަން ޖެހޭތީ ކަމަށެވެ. އިމިގްރޭޝަނުން މިހާރު ވެސް ޓޫރިސްޓުންނަށް ހިދުމަތް ދިނުމުގައި ވަރަށް ބޮޑުތަން އަވަސްކޮށްފަ އެވެ. އެގޮތުން ފްލައިޓަކުން އަންނަ އެންމެން އިމިގްރޭޝަން ކައުންޓަރުތަކުން 15 ވަރަކަށް މިނެޓް ތެރޭ ކްލިއާ ކޮށްލެވެ އެވެ.

ކޮވިޑްގެ ހާލަތާ ގުޅިގެން މިއަހަރު ކުރީކޮޅު ހަތަރު ވަރަކަށް މަހަށް ބޯޑަރު ބަންދު ކުރުމަށް ފަހު ރާއްޖޭގެ ބޯޑަރު ޓޫރިސްޓުންނަށް ހުޅުވައިލީ ޖުލައި މަހު އެވެ. ޖުލައި މަހު ބޯޑަރު ހުޅުވައިލި ނަމަވެސް ރާއްޖެއަށް ރަނގަޅު އަދަދަކަށް ޓޫރިސްޓުން އަންނަން ފެށީ އޮކްޓޫބަރުން ފެށިގެންނެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 530,000 ޓޫރިސްޓުން ރާއްޖެއަށް އަތުވެއްޖެ އެވެ. ސަރުކާރުގެ މިހާރުގެ ޓާގެޓަކީ މިއަހަރު ނިމުމުގެ ކުރިން 540،000 ޓޫރިސްޓުން ގެނައުމެވެ.

މިވަގުތު 139 ރިސޯޓެއް އަދި 222 ގެސްޓްހައުސް އަކުން އަންނަނީ ހިދުމަތް ދެމުންނެވެ.