Roadha Mihaaru
ރަޝިޔާގެ ސުލްހައަށް ސީރިޔާގެ އިދިކޮޅު ފަރާތްތައް ދެކޮޅު

ރަޝިޔާގެ ސުލްހަ އަށް ސީރިޔާގެ އިދިކޮޅު ފަރާތްތައް ދެކޮޅު

26 ޑިސެމްބަރ 2017

ރަޝިޔާ އަަކީ ސީރިޔާގެ ދާޚިލީ ހަނގުރާމަ އަށް ސުލްހަވެރި ހައްލެއް ހޯދައިދޭން އުޅޭ ގައުމެއް ނޫން ކަމަށް ބުނެ، ރަޝިޔާ އިން ބާއްވަން އުޅުނު ސީރިޔާގެ ސުލްހައިގެ ވާހަކަތަކަށް ސީރިޔާގެ އިދިކޮޅު ފަރާތްތަކުން ދެކޮޅުހަދައިފި އެވެ.

އަހުމަދު އަބުދުﷲ ސައީދު އަހުމަދު އަބުދުﷲ ސައީދު

ރަޝިޔާ އަަކީ ސީރިޔާގެ ދާޚިލީ ހަނގުރާމަ އަށް ސުލްހަވެރި ހައްލެއް ހޯދައިދޭން އުޅޭ ގައުމެއް ނޫން ކަމަށް ބުނެ، ރަޝިޔާ އިން ބާއްވަން އުޅުނު ސީރިޔާގެ ސުލްހައިގެ ވާހަކަތަކަށް ސީރިޔާގެ އިދިކޮޅު ފަރާތްތަކުން ދެކޮޅުހަދައިފި އެވެ.

ސީރިޔާގެ އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި ރަޝިޔާ އިން މަސައްކަތް ކުރަނީ ޖެނީވާގައި މިހާރު ކުރިއަށްދާ ސުލްހައިގެ ވާހަކަތައް ފެއިލްކޮށްލާށެވެ. އަދި ރަޝިޔާ އަކީ ސީރިޔާގެ ދާޚިލީ ހަމަނުޖެހުމުގެ ތެރޭގައި ހަނގުރާމައިގެ ޖަރީމާތައް ހިންގަމުންދާ ގައުމެއް ކަމަށް ވެސް އެ ފަރާތްތަކުން ބުނެ އެވެ.

ސީރިޔާގެ އިދިކޮޅު ފަރާތްތަކުން މި މޭރުމުން ރަޝިޔާ އަށް ފާޑު ކީ، ސީރިޔާގެ އިދިކޮޅު ސާޅީހަކަށް ޖަމާއަތުން ނެރުނު ގުޅިފައިވާ ބަޔާނެއްގަ އެވެ. އޭގެ ތެރޭގައި، ރައީސް ބައްޝާރުލް އަސަދުގެ ވެރިކަމާ ދެކޮޅަށް ހަނގުރާމަކުރާ ބައެއް އަސްކަރީ ޖަމާއަތްތައް ވެސް ހިމެނެ އެވެ.

އެ ބަޔާނުގައި އިދިކޮޅު ފަރާތްތަކުން ބުނި ގޮތުގައި ސީރިޔާގެ ދާޚިލީ ހަނގުރާމަ އަށް ސުލްހަވެރި ހައްލެއް ހޯދުމަށް ރަޝިޔާ އިން އެއްވެސް މަސައްކަތެއް ނުކުރެ އެވެ. އޭގެ ބަދަލުގައި ރަޝިޔާ އިން މަސައްކަތް ކުރަނީ ހަނގުރާމައިގެ ޖަރީމާތައް ހިންގައިގެން ވެސް، ރައީސް ބައްޝާރުލް އަސަދުގެ ވެރިކަން ދަމަހައްޓައި ދިނުމަށެވެ.

ރަޝިޔާ އިން ބާއްވަން އުޅުނު ސުލްހައިގެ މަޝްވަރާތަކާ ދެކޮޅު ހަދަމުން އިދިކޮޅު ފަރާތްތަކުން ބުނި ގޮތުގައި ސީރިޔާގެ އާންމު ރައްޔިތުން މިހާރު ތަހައްމަލު ކުރަމުންދާ ވޭންތައް ލުއިކޮށްދޭން ރަޝިޔާ އިން އެއްވެސް މަސައްކަތެއް ނުކުރެ އެވެ. އަދި ސުލްހަވެރި ހައްލެއް ހޯދުމަށް ސީރިޔާ ސަރުކާރަށް ރަޝިޔާ އިން އެއްވެސް ވަރަކަށް ބާރު ނާޅާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ރަޝިޔާ އިން ރާވާފައި އޮތީ އަންނަ ޖެނުއަރީ މަހުގެ 29، 30 ގައި ރަޝިޔާގެ ސޯޗީ ކިޔާ ރަށުގައި، ސީރިޔާގެ އިދިކޮޅު ފަރާތްތައް ބައިވެރިކޮށްގެން ސުލްހައިގެ މަޝްވަރާތަކެއް ކުރުމަށެވެ. ނަމަވެސް އެ މަޝްވަރާތަކުގައި، ބައްޝާރުލް އަސަދު ވެރިކަމުން ދުރުކުރުމާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ނުދެއްކޭނެ ކަމަށް ރަޝިޔާ އިން އޮތީ އަންގައިފަ އެވެ. އަދި އެމެރިކާ އިން އެ ވާހަކަތަކުގައި ބައިވެރިވެވޭނީ، އޮބްޒާވަރެއްގެ ގޮތުގައި ކަމަށް ވެސް ރަޝިޔާ އިން ބުނެ އެވެ.

ސީރިޔާގެ ދާޚިލީ ހަނގުރާމަ ސުލްހަވެރި ގޮތެއްގައި ނިމުމަކަށް ގެނައުމަށް އދ. މަޖިލީހުން އިސްނަގައިގެން ވެސް އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. ސީރިޔާ ސަރުކާރުގެ މަންދޫބުންނާޢި އިދިކޮޅު ފަރާތްތައް ބައިވެރިކޮށްގެން ސުލްހައިގެ ވާހަކަތަަކުގެ ހަ ބުރެއް މިހާތަނަށް ބާއްވައި ވަނީ ނާކާމިޔާބުވެފަ އެވެ.