Roadha Mihaaru
ސުލްހައިގެ ވާހަކަތަކުގައި ހަނގުރާމަވެރިން ބައިިވެރިވާނެ

ސުލްހައިގެ ވާހަކަތަކުގައި ސީރިޔާގެ ހަނގުރާމަވެރިން ވެސް ބައިވެރިވާނެ

17 ޖެނުއަރީ 2017

ރޫސީ ވިލާތާއި ތުރުކީ ވިލާތުގެ ތާއީދާ އެކު ކަޒަކިސްތާނުގައި ބާއްވާ، ސީރިޔާގެ ސުލްހައިގެ ވާހަކަތަކުގައި ބައިވެރިވުމަށް ސީރިޔާގެ އިދިކޮޅު ހަނގުރާމަވެރިން ނިންމައިފި އެވެ.

ރޫސީ ވިލާތާއި ތުރުކީ ވިލާތުގެ ތާއީދާ އެކު ކަޒަކިސްތާނުގައި ބާއްވާ، ސީރިޔާގެ ސުލްހައިގެ ވާހަކަތަކުގައި ބައިވެރިވުމަށް ސީރިޔާގެ އިދިކޮޅު ހަނގުރާމަވެރިން ނިންމައިފި އެވެ.

ސުލްހައިގެ މި ވާހަކަތައް ބާއްވަނީ، މިހާރު ތަންފީޒު ކުރަމުންދާ، ހަމަލާ ބަދަލުކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމަށް ފުރިހަމަ އަށް ހުރުމަތްތެރިކޮށް ހިތުމަށް ބާރު އެޅުމުގެ ގޮތުންނެވެ. ރޫސީ ވިލާތުން އިސް ނަގައިގެން، ސުލްހައިގެ ވާހަކަތައް މި ބާއްވަނީ، އިރުމަތީ ހަލަބުން އިދިކޮޅު ހަނގުރާމަވެރިން ފައްސައިލުމަށް މީގެ މަހެއްހާ ދުވަސް ކުރިން ސީރިޔާ ސިފައިން ފެށި ވަރުގަދަ ހަމަލާތަކުގައި ހަނގުރާމަވެރިންނަށް ބޮޑު ނާކާމިޔާބަކާ ކުރިމަތިލާން ޖެހިފައި ވަނިކޮށެވެ.

ސުލްހައިގެ ވާހަކަތަކުގައި ބައިވެރިވުމަށް އިދިކޮޅު ހަނގުރާމަވެރިން ނިންމީ، ތުރުކީގެ އަންކަރާގައި އިއްޔެ ކުރި މަޝްވަރާތަކަށް ފަހު އެވެ. އިދިކޮޅު ހަނގުރާމަވެރި ޖަމާއަތްތަކުން މިހާރު މަސައްކަތް ކުރަމުންދަނީ، ސުލްހައިގެ ވާހަތަކުގައި ބައިވެރިވާނެ މަންދޫބުން ކަނޑައެޅުމުގެ މަސައްކަތެވެ.

ސީރިޔާގެ އިދިކޮޅު ހަނގުރާމަވެރިންތަކެއް ޓޭންކެއްގެ ތެރޭގައި. --ފޮޓޯ ރޮއިޓާސް

ސީރިޔާގެ އިދިކޮޅު ހަނގުރާމަވެރިންތަކެއް ޓޭންކެއްގެ ތެރޭގައި. --ފޮޓޯ ރޮއިޓާސް

މި ހަނގުރާމައިގައި ސީރިޔާގެ ރައީސް ބައްޝާރުލް އަސަދަށް އެންމެ ބޮޑަށް އެހީތެރިކަމާއި މަދަދު ފޯރުކޮށްދެނީ ރޫސީ ވިލާތެވެ. އަދި އިދިކޮޅު ހަނގުރާމަވެރިންނަށް އެހީތެރިކަން ފޯރުކޮށްދެނީ އެމެރިކާ އާއި ނޭޓޯގެ ގައުމުތަކުގެ އިތުރުން އަރަބި ގައުމުތަކުގެ ގުޅިފައިވާ ލަޝްކަރުންނެވެ.

އިދިކޮޅު ހަނގުރާމަވެރިން ބުނާ ގޮތުގައި ސުލްހައިގެ ވާހަކަތަކުގައި އެންމެ ފުރަތަމަ ވެސް މަޝްވަރާ ކުރާނީ ހަމަލާ ބަދަލުކުރުން ހުއްޓާލާފައި ބޭއްވުމުގެ މަގްސަދާ ބެހޭ ގޮތުންނާއި، ހަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމާ، ސީރިޔާ ސަރުކާރުން ޚިލާފުވަމުން ދިއުމާ ބެހޭ ގޮތުންނެވެ. އޭގެ އިތުރުން އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި ހައްޔަރުކޮށްފައިވާ މީހުން މިނިވަން ކުރުމާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.

ސީރިޔާގެ ރައީސް ބައްޝާރުލް އަސަދު ވެރިކަމުން ދުރުކުރުމަށް ކުރަމުންދާ ހަނގުރާމައިގައި، ތުރުކީ ވިލާތަކީ އިދިކޮޅު ހަނގުރާމަވެރިންގެ މުހިންމު ބައިވެރިއެކެވެ. ނަމަވެސް ބައްޝާރު މަގާމުން ދުރުކުރުމުގެ ބަދަލުގައި ތުރުކީން މިހާރު އިސްކަން ދެނީ ސީރިޔާ އާއި ތުރުކީ ގުޅޭ ސަރަހައްދީ ރޮނގު ކައިރީގައި އުޅޭ ކުރުދީ ހަނގުރާމަވެރިންނާއި އައިއެސްގެ ހަނގުރާމަވެރިން ބަލިކޮށްލުމެވެ.

ކަޒަކިސްތާނުގައި ބާއްވާ ސުލްހައިގެ ވާހަކަތައް އޮންނާނީ މި މަހުގެ 23 ވަނަ ދުވަހު ވެރިރަށް އަސްތާނާގަ އެވެ.