Roadha Mihaaru
ނަޝީދަށް ފުރުސަތެއް ނެތް،ވަންނަން ޖެހޭނީ ޖަލަށް:ނިހާން

ޕްރެޝަރު ކޮށްގެން ނަޝީދަށް ފުރުސަތެއް ނެތް، ވަންނަން ޖެހޭނީ ޖަލަށް: ނިހާން

27 ޑިސެމްބަރ 2017

އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ބޭރުގެ ޕްރެޝަރާ އެކުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެ ވަޑައިގަތަސް، އެ މަނިކުފާނު ވަންނަވަން ޖެހޭނީ ޖަލަށް ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ބޭރުގެ ޕްރެޝަރާ އެކުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެ ވަޑައިގަތަސް، އެ މަނިކުފާނު ވަންނަވަން ޖެހޭނީ ޖަލަށް ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން މިއަދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީން ބަލިކޮށް، ދިވެހިން އެދޭ ގޮތަށް ރާއްޖޭގެ ހާލަތު ބަދަލު ކޮށްދެއްވާނެ ކަމަށް ނަޝީދު ރޭ ވިދާޅުވުމާ ގުޅިގެން، އެއީ "ހޮޅި ވާހަތަކެއް" ކަމަށް ވިދާޅުވެ، ނިހާން ވަނީ ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ނިހާން "މިހާރު" އަށް ވިދާޅުވީ 2018 ގެ ވޯޓު ކަރުދާސްކޮޅުގައި ނަޝީދުގެ ނަން އޮންނާނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ. ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު، ގާނޫނާ ޚިލާފަށް ގިރިފުށީގައި ބަންދުކުރި މައްސަލައިގައި ނަޝީދަކީ 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަން ޖެހޭ ކުށްވެރިއެއް ކަމަށް ނިހާން ވިދާޅުވި އެވެ.

"ނަޝީދު ދޫކޮށްލަން ޖެހޭ އެއްވެސް ސަބަބެއް، ނެތް. މާދަމާ ރާއްޖެ ވަޑައިގަތަސް އެއީ ޖަލުގައި ހުންނަވަން ޖެހޭ ކުށްވެރިއެއް،" ނިހާން ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީނާއި ނިހާން (ވ) އަދި ޖަމީލް އުސްމާން (މ). - ފައިލް ފޮޓޯ: މިހާރު

ރައީސް އަބްދުﷲ ޔާމީނާއި ނިހާން (ވ) އަދި ޖަމީލް އުސްމާން (މ). - ފައިލް ފޮޓޯ: މިހާރު

އޭނާ ވިދާޅުވި ގޮތުގައި މައިބަދައިގެ ފަރުވާއަކަށް ކަމަށް ވިދާޅުވެ އިނގިރޭސި ވިލާތަށް ވަޑައިގެންނެވި ގޮތަށް ނަޝީދު އުޅުއްވަނީ ފިއްލަވައިގެންނެވެ. ރާއްޖޭގެ ގާނޫނުތައް އޮތް ގޮތުން، މައާފް ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން، ލުޔަކަށް އެދި ހުށަހެޅޭނީ ވެސް ހުކުމުގެ ތިން ބައިކުޅަ އެއްބައި ޖަލުގައި ހޭދަކުރެއްވުމުން ކަމަށް ވިދާޅުވި އެވެ.

"ރާއްޖޭގެ އެތެރެވަރީން ފެނިއްޖެ ނަމަ ގާނޫނު ނަޝީދާ އަރައި ހަމަކުރާނެ. އަވަށްޓެރިންނާއި ދުރުން ޕްރެޝަރު ކުރިއަސް 2018 ގެ ވޯޓު ކަރުދާހުގެ އެއްވެސް ހިސާބެއްގައި ނަޝީދުގެ ނަމެއް ނޯންނާނެ،" ނިހާން ވިދާޅުވި އެވެ.

އޭނާ މި ގޮތަށް މި ވިދާޅުވީ، 2008 ގައި ބޭއްވި އިންތިހާބުގައި ވެސް ނަޝީދަށް ވާދަކުރެއްވުނީ އެންމެ ފަހު ވަގުތު ކަމަށާއި އަންނަ އަހަރުގެ އިންތިހާބުގައި ވާދަކުރަން ވެސް ނަޝީދަށް ފުރުސަތު އެބައޮތް ކަމަށް އެމްޑީޕީގެ އާއްމު މެމްބަރުން ވާހަކަ ދައްކަމުން އަންނަނިކޮށެވެ. ވެލާނާގޭ ތެރެއިން ކަރުދާސްތަކެއް ވަގަށް ނެގުމުގެ ކުށް ސާބިތުވެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލިފައި ވަނިކޮށް، 2008 ގެ އިންތިހާބުގައި ވާދަކުރަން ފުރުސަތު ލިބުނީ، ނަޝީދަށް ވާދަ ކުރެއްވޭނެ ކަމަށް އޭރުގެ ސުޕްރީމް ކޯޓުން ނިންމުމުންނެވެ. އޭރު ވެސް ބޭރުގެ ޕްރެޝަރު އިންތިހާ އަށް އޮތް ފަދައިން، މިފަހަރުގެ އިންތިހާބުގައި ވެސް، އެ ކަން ތަކުރާރުވާނެ ކަމަށް އެމްޑީޕީގެ ލީޑަޝިޕުން އަންނަނީ އާއްމު މެމްބަރުންނަށް ޔަގީންކަން ދެމުންނެވެ.

ނިހާން ވިދާޅުވީ ބޭރުގެ ފިއްތުންތަކަށް ބޯލަނބައި، ރާއްޖޭގެ ގާނޫނުގައި ކަނޑައަޅާފައިވާ ކަންކަން އެ ބަޔަކު އެދޭހާ ގޮތަކަށް މި ސަރުކާރުން ބަދަލު ނުކުރާނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ނަޝީދު މިހާރު ދައްކަވަމުން ގެންދަވަނީ 2004 ވަނަ އަހަރުން ފެށިގެން ތަކުރާރު ކުރައްވަމުން ގެންދަވާ ވާހަކަތަކެކެވެ. އެ މަނިކުފާނަށް ވެރިކަން ހަވާލުކުރުމުން ހެއްދެވި ގޮތް ދިވެހިންނަށް ސާފު ކަމަށާއި މިހާރު އެ ދައްކަވާ ވާހަކަތަކަށް ދިވެހިން ނުހެއްލޭނެ ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.

"އެއީ، ޓްރައިޑް، ޓެސްޓެޑް، ފެއިލްޑް ފޯމިއުލާއެއް. ނަޝީދު ވިދާޅުވާ ފަރިއްސާއި ޖައްސަވާ ރާގު ކަމުދާނީ ވަރަށް މަދު މީހަކަށް،" ނިހާން ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި އިދިކޮޅު އެންމެން އެއްގަލަކަށް އަރާ ވާހަކަ ދައްކަވާ އިރު، ކޯލިޝަނުން ވެރިކަމަށް ވަޑައިގެން ނަޝީދު އަމަލު ކުރެއްވި ގޮތް ވެސް ދިވެހިންނަށް އޮޅިފައި ނުވާ ކަމަށް ނިހާން ވިދާޅުވި އެވެ. ކުރިމަގުގައި ވެސް އިދިކޮޅު ފަރާތްތަކާ އެކު ނަޝީދަށް އެއްގަލަކަށް ނޭރޭނެ ކަމަށާއި އެ ކޯލިޝަން މިހާރު ވެސް އޮތީ ރޫޅި ބައިބައިވެފައި ކަމަށް ނިހާން ވިދާޅުވި އެވެ.