Roadha Mihaaru
ގައުމު މި ހާލަތަށް ވެއްޓުނު ގޮތުގެ ހަގީގަތް

ގައުމު މި ހާލަތަށް ވެއްޓުނު ގޮތުގެ ހަގީގަތް

16 ނޮވެމްބަރ 2017

"ސަރުކާރުގައި ރަނގަޅު އެއް ކަމެއް ވެސް ނެތެވެ. ސަރުކާރުން ރައްޔިތުންގެ ލާބަޔާއި މަންފާ އަށް އެއް ކަމެއް ވެސް ކުރަނީކީ ނޫނެވެ. ގައުމުގައި ހަމަޖެހުމެއް އަމާންކަމެއް ނެތެވެ. ސަރުކާރަށް ރައްޔިތުންގެ އުދާސްތަކެއް ނޭނގެ އެވެ. ރައްޔިތުންގެ ހައްގުގައި ސަރުކާރުން ކޮށްދޭ ކަމެއް ނެތެވެ. ރައްޔިތުންގެ އަޑު ސަރުކާރަކުން ނާހަ އެވެ."

އަހުމަދު އަބުދުﷲ ސައީދު އަހުމަދު އަބުދުﷲ ސައީދު

"ސަރުކާރުގައި ރަނގަޅު އެއް ކަމެއް ވެސް ނެތެވެ. ސަރުކާރުން ރައްޔިތުންގެ ލާބަޔާއި މަންފާ އަށް އެއް ކަމެއް ވެސް ކުރަނީކީ ނޫނެވެ. ގައުމުގައި ހަމަޖެހުމެއް އަމާންކަމެއް ނެތެވެ. ސަރުކާރަށް ރައްޔިތުންގެ އުދާސްތަކެއް ނޭނގެ އެވެ. ރައްޔިތުންގެ ހައްގުގައި ސަރުކާރުން ކޮށްދޭ ކަމެއް ނެތެވެ. ރައްޔިތުންގެ އަޑު ސަރުކާރަކުން ނާހަ އެވެ."

މިއީ އަދުގެ ސަރުކާރާ މެދު ރާއްޖޭގެ އިދިކޮޅު ފަރާތްތަކުގެ ތަސައްވުރު ހުރި ގޮތެވެ. އަދި ސަރުކާރުން ކޮށްދޭ ކަންތައް ވެސް އެއީ ހަގީގަތެއް ނޫން ކަން ރައްޔިތުންނަށް ވިސްނައިދެވޭތޯ ހުރިހާ ގޮތަކުން ވެސް ދަނީ މަސައްކަތް ކުރަމުންނެވެ. މާލެ-ހުޅުލެ ބްރިޖް ވެސް ނާޅާނެ ކަމަށް ތަކުރާރު ކޮށް ބުނަމުން ދަނިކޮށް ބްރިޖް އެއޮއް ނިމެނީ އެވެ. އެންމެ ފަހުން ކުޅުދުއްފުށީގައި އެއާޕޯޓް އަޅަން ބިން ހިއްކަން ފެށުމުން، އެއާޕޯޓް ވެސް ނުހަދާނެ ކަމަށް ބުނެ ބޮޑު ބަޔާނެއް ވެސް ނެރުނެވެ.

މި ހުރިހާ ކަމެއްގެ ވެސް ހަގީގީ ލަނޑުދަނޑިއަކީ 2018ގެ ރިއާސީ އިންތިޚާބެވެ. އަންނަ އަހަރުގެ ރިއާސީ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި ދެ ފަރާތުން ވެސް މިހާރު އެ ގެންދަނީ ރައްޔިތުންގެ "ބޯ ކެވޭނެ" ހުރިހާ ގޮތަކުން ބޯ ކެވޭތޯ ބަލަމުންނެވެ.

ސަރުކާރުން ދައްކަނީ ތަރައްގީގެ މަޝްރޫއުތަކެވެ. އިދިކޮޅު ފަރާތްތަކުން ދައްކަނީ ސަރުކާރުގައި ހުރި ޚިޔާނަތާއި ފަސާދަ އާއި ކޮރަޕްޝަންގެ ވާހަކަ އެވެ. ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީގެ ނާޖާއިޒު ފައިދާ ނަގައި، ހިތުހުރިހާ ގޮތަކަށް ގާނޫނުތަކަށް ބަދަލުތައް ގެންނަމުންދާ ވާހަކަ އެވެ.

އެކަމަކު ސުވާލަކީ، އެ ހުރިހާ ކަމެއްގައި ހަމައެކަނި ސަރުކާރު ބަދުނާމު ކޮށް، ތިމާމެން ހުދު ފޮތިކޮޅަކަށް ވެގެން ތިބުމުގެ ހައްގު، ރައީސް ޔާމީނަށް ފާޑު ކިޔަމުންދާ "އިދިކޮޅު" ފަރާތްތަކުގެ ބޯޑު އަޅުވައިގެން ތިއްބެވި ބޭފުޅުންނަށް އެބަ އޮތް ހެއްޔެވެ؟

މަޖިލީހުގެ އިދިކޮޅު މެމްބަރުންތަކަކާއި ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުންތަކެއް މަޖިލީހުގައި. - ފޮޓޯ: މިހާރު

މަޖިލީހުގެ އިދިކޮޅު މެމްބަރުންތަކަކާއި ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުންތަކެއް މަޖިލީހުގައި. - ފޮޓޯ: މިހާރު

ހަގީގަތަށް ބަލާއިރު، ރާއްޖެ މިއަދު މި އޮތް ހާލަތަށް ވެއްޓުނީ ވެރިކަމުގައި ތިބި ފަރާތްތަކާއި މަޖިލީހުގައި އިދިކޮޅު މެންބަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުން ގުޅިގެން ހިންގި "ސިޔާސީ ވިޔަފާރިތަކު"ގެ ސަބަބުންނެވެ. އެއީ ދެ ފަރާތް ގުޅިގެން ގާނޫނުއަސާސީއާ ކުޅެން ފެށި ހިސާބުންނެވެ.

އެހެންކަމުން، ސަރުކާރާ އެކު ހެދި "ޑީލެއްގެ ދަށުން"، މިހާރުގެ ގާނޫނުއަސާސީ އަށް ގެނައި ފުރަތަމަ އިސްލާހު ފާސް ކުރަން ޖޫން 24، 2015 ގައި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ ބައެއް މެމްބަރުން ވޯޓު ދިން ހިސާބުން، އިދިކޮޅު ޕާޓީތަކުގެ ހައިސިއްޔަތުން ސަރުކާރުގެ ކަންކަމަށް ފާޑު ކިޔުމުގެ ހައްގު ގެއްލިއްޖެ އެވެ.

އެއީ 65 އަހަރުން މަތީގެ މީހުންނަށް ރައީސުލް ޖުމްހޫރިއްޔާ އާއި ނައިބު ރައީސްގެ މަގާމަށް ކުރިމަތިނުލެވޭ ގޮތަށް އަދި 30 އަހަރު ވުމުން އެ ދެ މަގާމަށް ކުރިމަތިލެވޭ ގޮތަށް ގާނޫނުއަސާސީގެ 109 ވަނަ މާއްދާ ބަދަލު ކުރި ކުރުމެވެ. އެ އިސްލާހު ގެނެސް، އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު، ނައިބު ރައީސް ކަމަށް ގެނައުމަށް ގާނޫނުއަސާސީ ބަދަލުކޮށްލީ އެމްޑީޕީ އާއި ޖޭޕީގެ މެމްބަރުންނާ އެކު ޖުމްލަ 77 މެމްބަރުން ވޯޓު ދީގެންނެވެ.

ގާނޫނުއަސާސީ އަށް ގެނައި ދެ ވަނަ އިސްލާހު، ޖުލައި 22، 2015 ގައި މަޖިލީހުން ފާސްކުރީ ވެސް އެމްޑީޕީ އާއި ޖޭޕީ މެމްބަރުން ހިމެނޭ ގޮތަށް 70 މެމްބަރުންގެ ވޯޓުންނެވެ. މިއީ ރާއްޖޭގެ ބިން ބޭރުގެ ފަރާތްތަކަށް މިލްކު ކުރެވޭ ގޮތަށް ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީ އަށް ހުށަހެޅި އިސްލާހެވެ.

ސަރުކާރުން މިހާރު ކަމެއް ގޯސްކޮށް ކުރަމުންދާ ނަމަ، އެ ކަމެއްގެ އަސްލަކީ، އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބާއި މަޖިލީހުގެ އިދިކޮޅު (އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ) މެމްބަރުންނާ ދެމެދު އޮތް "ގާތް ގުޅުމުގެ" ތެރެއިން މަޖިލީހުގައި ހިންގި މިފަދަ "ސިޔާސީ ވިޔަފާރިތަކެ"ވެ.

ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގަތް ދުވަހު، ކުރީގެ ރައީސް ނަޝީދު އެމަނިކުފާނަށް މަރުހަބާ ދަންނަވާ އިރު، އަރިހުގައި އޭރުގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް

ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގަތް ދުވަހު، ކުރީގެ ރައީސް ނަޝީދު އެމަނިކުފާނަށް މަރުހަބާ ދަންނަވާ އިރު، އަރިހުގައި އޭރުގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް

އެ ވިޔަފާރީގައި މާލީ ގޮތުން ލިބުނު މަންފާތައް އެ މެންބަރުންނަށް ނޫނީ ނޭނގޭނެ އެވެ. އިދިކޮޅު ފަރާތްތައް ލައްވައި އެ ހުރިހާ ވިޔަފާރިއެއް ހިންގުވީ، އެމްޑީޕީގެ ރޫހާނީ ލީޑަރު ކަމަށް ބަލާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖަލުން މިނިވަން ކުރުމަށެވެ. އެކަން ކިތަންމެހާ ވެސް ރީއްޗަކަށް އެމްޑީޕީން ކާމިޔާބު ކުރި އެވެ. އަދި ސަރުކާރު ވެސް އެމީހުންގެ މަގްސަދު ހާސިލު ކުރި އެވެ.

ނަމަވެސް ނަޝީދު މިނިވަންވުމުން ގައުމަށް ލިބުނީ ކޮން ފައިދާއެއް ހެއްޔެވެ؟ ސަރުކާރުން ރައްޔިތުންގެ ހައްގުތައް ނިގުޅައިގަންނަމުންދާ ކަމަށް ތުހުމަތު ކުރާ އިރު، އެ ހައްގުތައް އަނބުރާ ހޯދައިދޭން ނަޝީދު ކުރެއްވީ ނުވަތަ ކުރައްވަނީ ކޮން ކަމެއްތޯ އެވެ؟

"އަސްލު ސަރުކާރު ލައްވައި މި ހުރިހާ ޖަރީމާތަކެއްގެ ތަޅުދަނޑި ދިނީ ދެ ހާދިސާއަކުން. އެއީ އަދީބަށް ނައިބު ރައީސްކަން ހޯދައިދޭން ގާނޫނުއަސާސީ ބަދަލުކުރުމާއި ބިން ވިއްކޭ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރަން ހެދި ޑީލް. ރައީސް ޔާމީން ހިތުހުރި ގޮތަކަށް ކަންތައް ކުރެއްވުމަށް ދޮރު ހުޅުވައިދިނީ މި ދެ ކަންތައް،" މި ސަރުކާރުގެ މިނިސްޓަރުކަން ކުރެއްވި ބޭފުޅަކު ވިދާޅުވި އެވެ.

އޭރުގެ އިދިކޮޅު ފަރާތްތައް ވެސް ގުޅިގެން ގާނޫނުއަސާސީ ބަދަލު ކޮށްލި އިރު، އިދިކޮޅު ފަރާތްތަކުގެ ގޮތުގައި އޭރު މަޖިލީހުގައި އޮތީ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އެވެ. މަޖިލީހުގެ ތެރޭގައި މި ހިންގެވި ވިޔަފާރީގައި އެމްޑީޕީން ކުރި ކަމަކީ އެންމެ ފަރުދެއްގެ ހައްގު ހޯދައިދިނުމެވެ. ޖުމްހޫރީ ޕާޓީ އެ ވިޔަފާރީގައި ބައިވެރިވާން މަޖުބޫރުވީ އެތައް ގޮތަކުންނެވެ.

"އެމްޑީޕީން އެ ޑީލް ހެދީ ނަޝީދު މިނިވަން ކުރަން. އެ ނޫން ކަމެއް ނެތް އެ ޑީލަކު. ޑިކޮމްރެސީ ހަރުދަނާ ކުރުން، ރައްޔިތުންގެ އަސާސީ ހައްގުތައް ކަށަވަރު ކޮށްދިނުން، މިއިން މިއިން އެއްވެސް ކަމެއް ކުރާކަށް އެ ޑީލްގައި ހިމަނާފައެއް ނެތެންނުންތޯ،" ކުރީގެ މިނިސްޓަރު ވިދާޅުވި އެވެ.

"ނަޝީދު މިނިވަން ކުރުމުގެ ބޭނުމުގައި ރައީސް ޔާމީނާ ގުޅިގެން ގާނޫނުއަސާސީ އަށް ހިތުހުރި ގޮތެއް ހެދި އިރު، ރައްޔިތުންނަށް ވީ ފައިދާއެއް، ގައުމަށް ވީ ފައިދާއެއް ކޮބައިތޯ؟ ނަޝީދު ޖަލުން ނުކުމެވަޑައިގެން ލަންޑަނުގައި ހުންނަވާ އިރު، އެނގޭބާ ރާއްޖޭގައި ރައްޔިތުން ދިރިއުޅެމުން ދަނީ ކޮން ހާލެއްގައި ކަން. ރައްޔިތުންގެ ހައްގުތައް އޮތީ ކިހާ ހިސާބެއްގައި ކަން؟"

ވެރިކަން ކުރާ ޕާޓީގެ ފުރިހަމަ ތާއީދާ އެކު، މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް އިންތިހާބު ކޮށްދިން، އޭރު އިދިކޮޅު އެމްޑީޕީގެ މެމްބަރަކަށް ހުންނެވި ރީކޯ މޫސަ މަޖިލީހުގެ ޖަލްސާއެއްގެ ރިއާސަތު ބަލަހައްޓަވަނީ. - ފޮޓޯ: މަޖިލިސް

ވެރިކަން ކުރާ ޕާޓީގެ ފުރިހަމަ ތާއީދާ އެކު، މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް އިންތިހާބު ކޮށްދިން، އޭރު އިދިކޮޅު އެމްޑީޕީގެ މެމްބަރަކަށް ހުންނެވި ރީކޯ މޫސަ މަޖިލީހުގެ ޖަލްސާއެއްގެ ރިއާސަތު ބަލަހައްޓަވަނީ. - ފޮޓޯ: މަޖިލިސް

މި ސަރުކާރުގެ ކުރީގެ އެހެން މިނިސްޓަރަކު ވިދާޅުވި ގޮތުގައި އެމްޑީޕީ އާއި ރައީސް ޔާމީންގެ ސަރުކާރުން ޑީލް ހަދަން ފެށީ ގާނޫނުއަސާސީއާ ކުޅެން ފެށުމުގެ މާ ކުރިންނެވެ.

"މަޖިލީހުގެ ރައީސާއި ނައިބު ރައީސް އިންތިހާބު ކުރި ހިސާބުން ފެށިގެން އެ ޑީލްތައް ފެށިއްޖެ. ވެރިކަން ލިބުމަށް ފަހު ރައީސް ޔާމީން އެންމެ ފުރަތަމަ ވެސް ބޭނުންފުޅުވީ (ޖުމްހޫރީ ޕާޓީގެ ލީޑަރު) ގާސިމަށް ލަނޑު ދޭން. މަޖިލީހުގައި އެމްޑީޕީ އާއި ރައީސް ޔާމީން (ޕީޕީއެމް) އެއްގަލަކަށް އެރީ. އެކަމަކު ރައީސް ޔާމީންގެ އިންތިހާބީ ޕާޓްނަރަކީ ޖޭޕީ. އެކަމަކު ޑީލް ހަދާފައި މަޖިލީހުގެ ނައިބު ރައީސް ކަން މި ދިނީ އެމްޑީޕީ އަށް،" ކުރީގެ މިނިސްޓަރަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ހިސާބުން އެމްޑީޕީ އާއި ރައީސް ޔާމީން ގުޅުން އުފައްދައިގެން އަޑިއަޑިން ކަންތަކުގައި ބައިވެރިވެ މީހުންނަށް ލަނޑު ދިނުމުގެ ކަންތައް ފެށުނެވެ. ގާނޫނުއަސާސީ އާއި އެހެން ގާނޫނުތަކާ ކުޅެން ސަރުކާރު ކުރިމަތިލި އިރު، ގާސިމް ހުންނެވީ ވިޔަފާރީގެ ގޮތުން ހިސޯރު ކުރެވިފަ އެވެ. ބައެއް އެކައުންޓްތައް ފްރީޒް ކުރެވި، ބައެއް މައްސަލަތައް ކޯޓުތަކާ ހަމައަށް ދިޔަ އެވެ.

ނަޝީދު ޖަލުން ނެރުމަށް ކަމަށް ވިޔަސް، އަދި ސިޔާސީ އެހެން މަގްސަދެއްގައި ކަމަށް ވިޔަސް އެންމެ ބޮޑު އިދިކޮޅު ޕާޓީ އާއި އިދިކޮޅު އެހެން މެމްބަރުން މަޖިލީހުގައި އެ މުޑުދާރު އަމަލު ނުހިންގެވި ނަމަ، މިއަދު އަޅުގަނޑުމެންގެ ރާއްޖެ ދެކެމުންދާ ކަންތަކާ ކުރިމަތިލާކަށް ނުޖެހުނީސް ބާ އެވެ؟

"އެ ދުވަހު ހިތްވަރު ލާފައި އޭރުގެ އިދިކޮޅު ފަރާތްތައް، ސަރުކާރުގެ ވިޔާނުދާ އަމަލުތަކާ ދެކޮޅަށް ތެދުވި ނަމަ، މިއަދު ސަރުކާރުގެ ޚުދުމުޚުތާރުކަން ހައްދުފަހަނައިގެން ނުދާނެ. ގާނޫނުއަސާސީއާ ކުޅެ، ގާނޫނުތަކަށް ބޭނުންހާ ބަދަލެއް ގެންނާކަށް ނުކުރޭނެ،" ކުރިން ވާހަކަދެއްކެވި އެއް ބޭފުޅާ ވިދާޅުވި އެވެ.

"އެ ދުވަހު އެ ޑީލްތައް ހެދި އިރު އެމީހުން ހިތަކަށް ނޭރި ތިމަންނާމެން މިއީ އިދިކޮޅު ފަރާތްތައް ކަމެއް، އަދީބު ނުވަތަ ރައީސް ޔާމީނަކީ ސަރުކާރު ކަމެއް. އޭރު ސަރުކާރުން ބޭނުންވީ ކޮންމެ އަގެއް ދީގެން ވިޔަސް، މަޖިލީހުގައި އެމްޑީޕީގެ ވޯޓު ހޯދަން. އޭގެ ބަދަލުގައި އެމްޑީޕީން އޭރު ބޭނުންވީ ސަރުކާރުން ބުނާހާ ކަމެއް ކޮށްދީގެން ވިޔަސް ނަޝީދު ޖަލުން ނެރެން."

އޭނާ ވިދާޅުވި ގޮތުގައި 2018 ގައި ރިއާސީ އިންތިޚާބަށް ދާއިރު ވެސް، ރާއްޖޭގެ ސިޔާސީ މަސްރަހުން ފެންނާނީ އޭރު އެމްޑީޕީން ސަރުކާރާ އެކު ހެދި ޑީލްގެ އަސަރުތަކެވެ. އޭގެ ނަތީޖާ ފެންނާނީ އެމްޑީޕީން ދައްކާ ކެންޑިޑޭޓަކާ މެދު އިދިކޮޅު ފަރާތްތަކަށް އެއްބަސް ނުވެވިއްޖެ ނަމަ އެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހު ދިރާސާ ކުރައްވާ ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރެން އެމްޑީޕީގެ ގައުމީ މަޖިލީހުން ނިންމިޔަސް އެ ކެންޑިޑޭޓަކީ، ނަޝީދު ކަމަށް ނުވެއްޖެ ނަމަ، އިދިކޮޅު ފަރާތްތަކުގެ މެދުގައި ގުޅުމެއް ނޯންނާނެ އެވެ.

މަޖިލީހުގެ ފަހުގެ ޖަލްސާއެއްގައި، ވެރިކަން ކުރާ ޕީޕީއެމްގެ މެމްބަރަކު ވާހަކަ ދައްކަވާއިރު، އިދިކޮޅު މެމްބަރުން އަޑުގަދަ ކުރައްވަނީ: މަޖިލީހުގެ ތެރެއިން ސަރުކާރުން ބޭނުންވާ ގޮތަށް އިދިކޮޅު މެމްބަރުން ވެސް މަސައްކަތްކުރެއްވި

މަޖިލީހުގެ ފަހުގެ ޖަލްސާއެއްގައި، ވެރިކަން ކުރާ ޕީޕީއެމްގެ މެމްބަރަކު ވާހަކަ ދައްކަވާއިރު، އިދިކޮޅު މެމްބަރުން އަޑުގަދަ ކުރައްވަނީ: މަޖިލީހުގެ ތެރެއިން ސަރުކާރުން ބޭނުންވާ ގޮތަށް އިދިކޮޅު މެމްބަރުން ވެސް މަސައްކަތްކުރެއްވި

ނަޝީދުގެ ވާހަކަތަކަށް ބަލާއިރު، އެމަނިކުފާނު ހުންނެވީ، ކިތަންމެ ބޮޑު ޖަލު ހުކުމެއްގައި ބެދިފައި ހުންނެވިޔަސް، އެހެން ކެންޑިޑޭޓަކަށް ދުލެއް ދެއްވާ ގޮތަކަށް ނޫނެވެ. އެއީ އެމަނިކުފާނުގެ ސިޔާސީ ހިސާބު ޖެއްސެވުމުގައި ވިޔަ އަކުރުތައް ދައްކާ ގޮތުން ކަމަށް ވެދާނެ އެވެ.

ނަޝީދު ޖައްސަވާ ހިސާބަކީ، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިން އެމަނިކުފާނުގެ ފަހަތްޕުޅަށް އަރާވަޑައިގަތުމެވެ. އެއީ ބޮޑު ޖަލު ހުކުމެއް ކޮނޑު އަޅުއްވައިގެން ގިނިކަންޏާ އިންތިޚާބާ ކުރިމަތިލައްވަން އުޅުއްވިޔަސް، ބައިނަލްއަގުވާމީ މުޖްތަމައުން އެންމެ އެކަށީގެންވާ ގޮތުގައި އެމަނިކުފާނަށް އެއްބާރުލުން ނުދީފާނެތީ އެވެ.

އޭގެ ބަދަލުގައި ހުރިހާ ސިޔާސީ ޕާޓީތައް އެމަނިކުފާނުގެ ފަހަތަށް އަރައިފިއްޔާ، އެމަނިކުފާނުގެ ޖަލު ހުކުމަކީ، ރާއްޖޭގެ ސިޔާސީ މަސްރަހު ގަބޫލުކުރާ އެއްޗެއް ނޫން ކަމާއި ރާއްޖޭގެ ސިޔާސީ ލީޑަރުން ވެސް ބޭނުންވަނީ އެމަނިކުފާނު ވެރިކަމަށް ގެންނަން ކަން ގަބޫލުކުރަން ބައިނަލްއަގުވާމީ މުޖްތަމައަށް ވެސް ފަސޭހަ ވާނެ އެވެ.

ނަމަވެސް އެމަނިކުފާނަށް ހިސާބު ނުޖެއްސެވޭ ބައެއް ކަންތައް އެބަ ހުއްޓެވެ. މިހާރު ރާއްޖޭގައި އޮތީ 2008 ގައި އޮތް، ރައީސް މައުމޫންގެ ސަރުކާރު ނޫން ކަމެވެ. އަދި ރައީސް މައުމޫން ބަލިކުރައްވަން ނުކުންނެވި އިރު އޮތް ޖުޑިޝަރީ ނޫން ކަމެވެ. އަދި 2008 ގައި އޮތް ރައްޔިތުންގެ މަޖިލީހެއް ވެސް ނޫން ކަމެވެ. އަދި ހަނދުމަފުޅުގައި ނެތީ، މިއަދު ވެސް ރާއްޖޭގެ ސަލާމަތީ ކަންތައް ބަލަހައްޓަމުން ދަނީ ފެބްރުއަރީ 7، 2012 ގައި އެ މަނިކުފާނާ ދެކޮޅަށް ނުކުތް ފުލުހުންނާއި ސިފައިން ކަމެވެ.