Roadha Mihaaru
ރާއްޖެ-އިންޑިއާގެ ގުޅުން ހީނަރުވިޔަ ނުދޭނަން: ސަފީރު

ރާއްޖެ-އިންޑިއާގެ މައްސަލައެއް ނެތް، ގުޅުން ހީނަރުވިއަ ނުދޭނަން: ސަފީރު

27 ޑިސެމްބަރ 2017

ރާއްޖެ އާއި އިންޑިއާގެ މީޑިއާގައި، ދެ ގައުމުގެ ގުޅުމާ ގުޅޭ ގޮތުން ނޭދެވޭ ތަފާތު ވާހަކަތަކެއް ފެތުރި ނަމަވެސް ރާއްޖެ-އިންޑިއާ ދެމެދު އެއްވެސް މައްސަލައެއް ނެތް ކަމަށާއި ހަގީގަތެއް ނެތް ތުހުމަތުތަކުން ދެ ގައުމުގެ ގުޅުން ހީނަރުވިޔަ ނުދެއްވާނެ ކަމަށް އިންޑިއާގައި ހުންނަވާ ދިވެހި ސަފީރު އަހްމަދު މުހައްމަދު (އަންޑޭ) މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ އާއި އިންޑިއާގެ މީޑިއާގައި، ދެ ގައުމުގެ ގުޅުމާ ގުޅޭ ގޮތުން ނޭދެވޭ ތަފާތު ވާހަކަތަކެއް ފެތުރި ނަމަވެސް ރާއްޖެ-އިންޑިއާ ދެމެދު އެއްވެސް މައްސަލައެއް ނެތް ކަމަށާއި ހަގީގަތެއް ނެތް ތުހުމަތުތަކުން ދެ ގައުމުގެ ގުޅުން ހީނަރުވިޔަ ނުދެއްވާނެ ކަމަށް އިންޑިއާގައި ހުންނަވާ ދިވެހި ސަފީރު އަހްމަދު މުހައްމަދު (އަންޑޭ) މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅިގެން ރާއްޖެ އާއި އިންޑިއާއާ ދެމެދު ސިޔާސީ ނުތަނަވަސްކަމެއް އުފެދިފައިވާއިރު، މި ވާހަކަ އެކި ގޮތްގޮތަށް ދެ ގައުމުގެ ވެސް މީޑިއާތަކުގައި ދަނީ ރިޕޯޓް ކުރަމުންނެވެ. ދެ ގައުމުގައި އުފެދިފައިވާ މައްސަލަ ހައްލުކުރަން އިންޑިއާ ސަރުކާރުގެ އިސް ވަފުދެއް އަންނަ މަހުގެ ކުރީކޮޅު ރާއްޖެ އަންނަ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

އަހުމަދު ވިދާޅުވީ މީޑިއާގައި އެ ގޮތަށް ރިޕޯޓް ކޮށްފައި އޮތަސް، ދިވެހި ސަރުކާރާ އެކު މަޝްވަރާތަކެއް ބާއްވަން އިންޑިއާގެ ވަފުދެއް ރާއްޖެ އަންނަން އުޅޭ ކަމެއް ރަސްމީކޮށް މިހާތަނަށް އަންގާފައި ނުވާ ކަމަށެވެ. އެކި ކަންކަމާ ގުޅިގެން ދެ ގައުމުން އަބަދުވެސް މަޝްވަރާ ކުރާކަން ފާހަގަ ކުރައްވަމުން އޭނާ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް އެކަން ބަދަލެއް ނުވާނެ ކަމަށެވެ.

"އިންޑިއާގެ އިސް ވަފުދެއްގެ ބޭފުޅުން ރާއްޖެ ވަޑައިގެން މަޝްވަރާ ބާއްވާނަމަ އަޅުގަނޑުމެން އެކަމަށް މަރުހަބާ ކިޔަން، ނޫސްތަކުގައި އެ ދައްކާ ވާހަކަތަކާ ގުޅޭގޮތުން ބައްދަލުކުރާނަމަ، އެއީ ވަރަށް ރަނގަޅު ފުރުސަތެއް ދެ ގައުމަށް،" އަހުމަދު ވިދާޅުވި އެވެ.

ރައީސް ޔާމީން އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ބޮޑުވަޒީރު މޯދީއާ ބައްދަލުކުރައްވަނީ.-- ފައިލް ފޮޓޯ: ރައީސް އޮފީސް

ރައީސް ޔާމީން އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ބޮޑުވަޒީރު މޯދީއާ ބައްދަލުކުރައްވަނީ.-- ފައިލް ފޮޓޯ: ރައީސް އޮފީސް

އޭނާ ވިދާޅުވި ގޮތުގައި ދެ ގައުމުގެ ގުޅުމާ ދޭތެރޭ ސުވާލު އުފައްދައި މީޑިއާގައި ތަފާތު ވާހަކަތައް ދައްކަމުން ދިޔަ ނަމަވެސް އިންޑިއާ ސަރުކާރުން އެކަމާ ކަންބޮޑުވެ އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެ އެވެ.

ސަފީރު ވިދާޅުވީ ރާއްޖެ އާއި އިންޑިއާ ދޭތެރޭގައި ސިޔާސީ ގޮތުން އަދި އެ ނޫން ކަމެއްގައި ވެސް އެއްވެސް ނުތަނަވަސްކަމެއް ނެތް ކަމަށެވެ. ދެ ގައުމުގައި މައްސަލަތަކެއް ހުރި ކަމަށް ސިފަކޮށް ވާހަކަދައްކަމުން ދަނީ އެކި ކަންކަމުގައި ހިތްހަމަނުޖެހިފައި ތިބި މަދު ބައެއް ކަމަށް ވިދާޅުވި އެވެ.

ރާއްޖެ އާއި އިންޑިއާ ދެމެދު މައްސަލައެއް ނެތް ކަމަށް އޭނާ ވިދާޅުވިއިރު، އިންޑިއާގައި ދިރިއުޅޭ ދިވެހިންނަށް ޑިޕެންޑެންޓް ވިސާ ލިބުމުގައި ދަތިތަކެއް ވަނީ ކުރިމަތިކޮށްފަ އެވެ. އެ ޝަކުވާތައް އިންޑިއާގައި ހުންނަ ދިވެހި ހައި ކޮމިޝަނަށް ވެސް ހުށަހެޅި އެވެ.

އަހުމަދު ވިދާޅުވި ގޮތުގައި ވިސާއާ ގުޅިގެން ދިވެހިންގެ ހުރި ކަންބޮޑުވުންތައް ހައްލުކުރަން، އިންޑިއާ ސަރުކާރާއި ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީއާ ވެސް ވާހަކަ ދައްކާފައިވާ ކަމަށެވެ. މިހާތަނަށް އަމަލުކުރަމުން އަންނަ ވިސާގެ ސިޔާސަތަށް އެއްވެސް ބަދަލެއް ނުގެންނަ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިންޑިއާ އަށް އިސްކަންދޭ ސިޔާސަތަށް ބަދަލު ނާންނަ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އެ ގުޅުން އެގޮތުގައި ދެމިއޮންނާނެ ކަމަށް އަހުމަދު ވިދާޅުވި އެވެ.

"ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުމަކީ އަޅުގަނޑުމެންނާ އެހެން ގައުމަކާ އޮންނަ ގުޅުމަކުން، ބުރޫއަރާނެ ކަމެއް ނޫން. މި ގުޅުމަކީ ހަމައެކަނި ޑިޕްލޮމެޓިކް ގުޅުމެއް ނޫން، އެއަށްވުރެ ޒަމާންވީ، ދެ ގައުމުގެ ރައްޔިތުންނާ ދެމެދު ވެސް އޮންނަ ގުޅުމެއް،" އަހުމަދު ވިދާޅުވި އެވެ.

ރާއްޖެ-ޗައިނާގެ ގުޅުން ކުރިއަށް ވުރެ ބަދަހިވާތީވެ، އިންޑިއާއިން ކަންބޮޑުވާއިރު، އެ ގައުމުން ރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރު އަކިލޭޝް މިޝްރާގެ ބައްދަލުވުންތައް ދިވެހި ސަރުކާރުން ހުރަސްއަޅަމުންދާ ކަމަށް ވެސް އިންޑިއާގެ ނޫސްތަކުގައި ވަނީ ރިޕޯޓްކޮށްފަ އެވެ. މިގޮތަށް، ރިޕޯޓްކުރީ، އެކި ރަށްތަކަށް ވަޑައިގެން ކައުންސިލަރުންނާ ބައްދަލުކުރެއްވުމުން، ކައުންސިލްތަކަށް އެ ބައްދަލުވުންތައް ކުރިއަށް ގެންދެވޭނީ ހޯމް މިނިސްޓްރީގެ ހުއްދަ ހޯދައިގެން ސަރުކާރުން ނިންމުމާ ގުޅިގެންނެވެ.

މި މައްސަލައިގެ އިތުރުން، ރާއްޖެ އާއި ޗައިނާއާ ދެމެދު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް، އެ އިންޑިއާގެ ނޫސްތަކުން ދަނީ ފާޑުކިޔަމުންނެވެ.