Roadha Mihaaru
ރާއްޖެ-އިންޑިއާ ގުޅުމުގެ އަގު ވަޒަންކުރަން: މޯދީ

ރާއްޖެ-އިންޑިއާ ގުޅުމުގެ އަގު ވަޒަންކުރަން؛ ކައިރިން މަސައްކަތްކުރަން ބޭނުން: މޯދީ

24 މެއި 2019

ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުމުގެ އަގު އިންޑިއާ އިން އަގުވަޒަންކުރާ ކަމަށް އާންމު އިންތިހާބުގައި ތަފާތު ބޮޑުކޮށް ކާމިޔާބު ހޯއްދަވައި ދެ ވަނަ ދައުރެއް ކަށަވަރުކުރެއްވި ބޮޑުވަޒީރު ނަރެންދުރަ މޯދީ ރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުމުގެ އަގު އިންޑިއާ އިން އަގުވަޒަންކުރާ ކަމަށް އާންމު އިންތިހާބުގައި ތަފާތު ބޮޑުކޮށް ކާމިޔާބު ހޯއްދަވައި ދެ ވަނަ ދައުރެއް ކަށަވަރުކުރެއްވި ބޮޑުވަޒީރު ނަރެންދުރަ މޯދީ ރޭ ވިދާޅުވެއްޖެ އެވެ.

މޯދީ ހޯއްދެވި ކާމިޔާބީ އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ މަރުހަބާ ދެންނެވުމާ ގުޅިގެން އެކަމަށް ޝުކުރު އަދާކުރައްވައި މޯދީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖެއާ ގުޅިގެން މަސައްކަތްކުރަން ބޭނުންވާ ކަމަށާއި ބޭނުމަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުން ކަމަށެވެ.

މޯދީ ކުރެއްވި ޓުވީޓު.

މޯދީ ހޯއްދެވި ކާމިޔާބީ އަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މަރުހަބާ ދެންނެވުމާ ގުޅިގެން އެކަމަށް ޝުކުރު އަދާކުރައްވައި މޯދީ ކުރެއްވި ޓުވީޓުގައި ވިދާޅުވީ އިންޑިއާ އާއި ރާއްޖޭގެ ގުޅުން ބިނާވެފައި އޮތީ ދެ ގައުމުގެ ހަމަޖެހުމާއި ކުރިއެރުމަށް ކަމަށެވެ. އަދި ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ހާއްސަ ގުޅުން އިތުރަށް ބަދަހިކުރަން ބޭނުންވާ ކަމަށް ވެސް މޯދީގެ ޓުވީޓްގައި ވިދާޅުވި އެވެ.

މޯދީ ކުރެއްވި ޓުވީޓު.

ދޮޅު މަސް ދުވަހަށް ދިގު ދެމިގެން ދިޔަ ވޯޓުލުން ނިންމައި ވޯޓު ގުނަން ފަށާފައި ވާއިރު މަޖިލީހުގެ 542 ގޮނޑީގެ ސާފު އަޣުލަބިއްޔަތު މޯދީގެ ބީޖޭޕީ އަށް ވަނީ ލިބިފަ އެވެ. މިއީ މި 1984 ވަނަ އަހަރުގެ ފަހުން ޖެހިޖެހިގެން ދެ ދައުރު އެއް ޕާޓީއަކުން މަޖިލީހުގެ އަޣުލަބިއްޔަތު ހޯދި ފުރަތަމަ ފަހަރެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، ރާއްޖެ އިން ބޭރަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގައި އިންޑިއާ އަށް ވަޑައިގަތުމުން، އެ ގައުމުން ވަނީ ބޮޑެތި އެހީތަކެއް ރާއްޖެ އަށް ދިނުމަށް އެއްބަސްވެފަ އެވެ. އެގޮތުން 1.4 ބިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީއެއް ދޭން އިންޑިއާ އިން ވަނީ ނިންމައިފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރު އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައި ވަނިކޮށް، އެ ގުޅުން ބަދަހި ކުރީ ވެސް މި ސަރުކާރުންނެވެ. ނަތީޖާއެއްގެ ގޮތުން މިހާރު އިންޑިއާއަކީ ރާއްޖެއާ އެންމެ ބޮޑު ގުޅުމެއް އުފެދިފައި އޮތް އެއް ގައުމެވެ.