Roadha Mihaaru
އަހަރުގެ ފުރަތަމަ ފަތުރުވެރިއަކަށް އިނގިރޭސިއެއް

އަހަރުގެ ފުރަތަމަ ފަތުރުވެރިއަކަށް އިނގިރޭސިއެއް

01 ޖެނުއަރީ 2018

މި އަހަރު ރާއްޖެ އަށް ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިއަކަށް، އިނގިރޭސިވިލާތު މީހަކު ވެއްޖެ އެވެ.

އަލީ ޝިނާން އަލީ ޝިނާން

މި އަހަރު ރާއްޖެ އަށް ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިއަކަށް، އިނގިރޭސިވިލާތު މީހަކު ވެއްޖެ އެވެ.

ފުރަތަމަ ފަތުރުވެރިޔާ ރާއްޖެ އައީ މިއަދު ހެނދުނު 7:03 ގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި، ފްލައި ދުބާއީގެ އެފްޒީ 559 ފްލައިޓުންނެވެ. ފުރަތަމަ ފަތުރުވެރިޔާގެ ނަސީބު ލިބުނީ އެ ފްލައިޓުން ފާބައިގެން، އެންމެ ފުރަތަމަ އިމިގްރޭޝަނަށް ގޮސް ވިސާޖެހި ޖޯޖިނާ ހޮލްބްރޫކް އަށެވެ. މިއީ އޭނާ ރާއްޖެ އައި ހަ ވަނަ ފަހަރެވެ.

އޭނާ އަށް މަރުހަބާ ކިޔުމަށް، އެމްއެމްޕީއާރުސީ އާއި އެމްއޭސީއެލްގެ އިސް ވެރިން އެއާޕޯޓުގައި ތިއްބެވެ. އަދި ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލުންނާއި، އިންޑަސްޓްރީގެ ތަފާތު ދާއިރާތަކުން ވެސް މީހުން ވަނީ ޖޯޖިނާ އަށް މަރުހަބާ ކިޔާފަ އެވެ.

ފުރަތަމަ ފަތުރުވެރިޔާކަން އަންގައިދޭ ހަދާނީ ލިޔުން ޖޯޖިނާ އަށް ހަވާލު ކުރަނީ.

ފުރަތަމަ ފަތުރުވެރިޔާކަން އަންގައިދޭ ހަދާނީ ލިޔުން ޖޯޖިނާ އަށް ހަވާލު ކުރަނީ.

ވިސާ ޖެހުމާ އެކު ޖޯޖިނާ އަށް މަރުހަބާ ކިޔުމަށް ވީއައިޕީ އޭނާ ލައުންޖަށް ގެންދިޔަ އެވެ. އެތަނުން އޭނާ އަށް މަރުހަބާކީ އެމްއެމްޕީއާރުސީގެ އެކްޓިން އެމްޑީ ހާރިޝް މުހައްމަދެވެ. އަދި ފުރަތަމަ ފަތުރުވެރިޔާކަން އަންގައިދޭ ހަދާނީ ލިޔުމަކާއި ހާއްސަ ހަދިޔާއެއް ވެސް ޖޯޖިނާ އަށް ވަނީ ދީފަ އެވެ.

އޭގެ އިތުރުން ފުރަވެރި އައިލެންޑް ރިސޯޓުގެ ފަރާތުން، ރާއްޖޭގެ އެތެރޭގެ ދަތުރުފަތުރުގެ ހަރަދުތަކާ އެކު، ހަތް ދުވަހުގެ ހޮލިޑޭ ޕެކޭޖެއް ވެސް ވަނީ ދީފަ އެވެ. ޖޯޖިނާ ރާއްޖެ އައީ މައިންބަފައިންނާ އެކުގަ އެވެ.

އަހަރުގެ ފުރަތަމަ ފަތުރުވެރިޔާ އަށް ހޮވުނު ޖޯޖިނާ (މ).

އަހަރުގެ ފުރަތަމަ ފަތުރުވެރިޔާ އަށް ހޮވުނު ޖޯޖިނާ (މ).

އެމްއެމްޕީއާރުސީން ބުނީ މިދިޔަ ނޮވެމްބަރު މަހާ ހަމައަށް އިނގިރޭސި ވިލާތުން ރާއްޖެ އަށް 94،258 ފަތުރުވެރިން ޒިޔާރަތް ކުރި ކަމަށެވެ. އެއީ 2016 ވަނަ އަހަރާ އަޅާ ބަލާއިރު، 1.1 ޕަސެންޓްގެ ކުރިއެރުމެކެވެ.

މިދިޔަ އަހަރުގެ ފުރަތަމަ ފަތުރުވެރިއަކަށް ހޮވުނު ކޭޓީ ހޮލްމްސް އަކީ ވެސް އިނގިރޭސިއެކެވެ.

މިދިއަ އަހަރު ރާއްޖެ އަށް 1.4 މިލިއަން ޓޫރިސްޓުން ޒިޔާރަތްކުރި އެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު އަށް ޕަސެންޓްގެ ކުރިއެރުމެއް ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެ އެވެ.