Roadha Mihaaru
2017ގެ އެންމެ މުހިންމު ބައެއް ކަންތައް

2017ގެ އެންމެ މުހިންމު ބައެއް ކަންތައް

01 ޖެނުއަރީ 2018

އިއްޔެ ނިމި ދިޔަ 2017 ވަނަ އަހަރަކީ، ދުނިޔޭގެ މަސްރަހުގައި މުހިންމު އެތައް ކަމެއް ހިނގައި ދިޔަ އަހަރެކެވެ. އޭގެ ތެރޭގައި އެކި ސަރަހައްދުތަކަށް އަސަރު ފޯރުވި ކަންކަމާއި މުޅި ދުނިޔޭގެ ގުޅުމަށް އަސަރު ފޯރުވި ކަންތައް ހިމެނެ އެވެ. އުފާވެރި އެތައް ކަމެއް ހިނގި ފަދައިން ހިތާމަ އާއި ކަރުނައިން ލޯތައް ތެންމައިލި އެތައް ކަމެއް ހިނގައި ދިޔަ އެވެ. އޭގެ ތެރެއިން ވެސް ފާހަގަ ކޮށްލެވޭ 17 ކަމަކަށް ބަލައިލުން މުހިންމެވެ.

އަހުމަދު އަބުދުﷲ ސައީދު އަހުމަދު އަބުދުﷲ ސައީދު

އިއްޔެ ނިމި ދިޔަ 2017 ވަނަ އަހަރަކީ، ދުނިޔޭގެ މަސްރަހުގައި މުހިންމު އެތައް ކަމެއް ހިނގައި ދިޔަ އަހަރެކެވެ. އޭގެ ތެރޭގައި އެކި ސަރަހައްދުތަކަށް އަސަރު ފޯރުވި ކަންކަމާއި މުޅި ދުނިޔޭގެ ގުޅުމަށް އަސަރު ފޯރުވި ކަންތައް ހިމެނެ އެވެ. އުފާވެރި އެތައް ކަމެއް ހިނގި ފަދައިން ހިތާމަ އާއި ކަރުނައިން ލޯތައް ތެންމައިލި އެތައް ކަމެއް ހިނގައި ދިޔަ އެވެ. އޭގެ ތެރެއިން ވެސް ފާހަގަ ކޮށްލެވޭ 17 ކަމަކަށް ބަލައިލުން މުހިންމެވެ.

އުމުރުން 70 އަހަރުގެ ބިލިއަނަރު ޑޮނަލްޑް ޓްރަމްޕު، އެމެރިކާގެ ރައީސްގެ މަގާމާ ހަވާލުވެވަޑައިގަތެވެ. އެމެރިކާ ވަރުގަދަ ކުރުމުގެ ޝިއާރެއްގެ ދަށުން ވެރިކަމަށް އިންތިޚާބުވެވަޑައިގެންނެވި ޓްރަމްޕުގެ ހަރުކަށި ސިޔާސަތުތައް ފުޅާވަމުންދާ އިރު، އެ ސިޔާސަތުގެ ސަބަބުން، މެދުއިރުމަތީގައި ބޮޑެތި ހަމަނުޖެހުންތައް ވެސް ދަނީ ހިނގަމުންނެވެ.

އިސްލާމީ ދުނިޔެއާ މެދު ހަރުކަށި ސިޔާސަތެއް ގެންގުޅުއްވާ ޓްރަމްޕު، މެއި މަހުގެ ތެރޭގައި ސައޫދީ އަރަބިއްޔާ އަށް ވަޑައިގެން، އަރަބި އިސްލާމީ އެމެރިކާ ސަމިޓްގައި ބައިވެރިވެވަޑައިގަތެވެ.

މި އަހަރުގެ މެއި މަހުގެ 21 ވަނަ ދުވަހު ޓެރަރިޒަމާ ދެކޮޅަށް ސައޫދީ އަރަބިއްޔާގައި ބޭއްވި އަރަބި އިސްލާމީ އެމެރިކާ ސަމިޓްގައި، ސައޫދީ ރަސްގެފާނުގެ އަރިހުގައި އެމެރިކާގެ ރައީސް ޓްރަމްޕު ބައިވެރިވަނީ.

މި އަހަރުގެ މެއި މަހުގެ 21 ވަނަ ދުވަހު ޓެރަރިޒަމާ ދެކޮޅަށް ސައޫދީ އަރަބިއްޔާގައި ބޭއްވި އަރަބި އިސްލާމީ އެމެރިކާ ސަމިޓްގައި، ސައޫދީ ރަސްގެފާނުގެ އަރިހުގައި އެމެރިކާގެ ރައީސް ޓްރަމްޕު ބައިވެރިވަނީ.

ގަލްފުގެ އެންމެ ނުފޫޒު ގަދަ ގައުމުތައް ކަމަށްވާ ސައޫދީ އަރަބިއްޔާ، އެމިރޭޓްސް، ބަހްރައިން އަދި މިސްރުން ގަތަރާ އެކު އޮތް ހުރިހާ ގުޅުންތަކެއް ކަނޑައިލި ކަން ޖޫން މަހުގެ ކުރީކޮޅު އިއުލާން ކުރި އެވެ. ގަތަރާ އެކު އޮތް ގުޅުން ކަނޑައިލުމަށް އެ ގައުމުތަކުން ދެއްކި ބަހަނާއަކީ، ހައްދުފަހަނަޅާފައިވާ އިސްލާމީ ޖަމާއަތްތަކަށް ގަތަރުން ވާގިވެރިވާ ކަމަށް ކުރި ތުހުމަތެވެ.

ސައޫދީ އަރަބިއްޔާ އަށް 2017ގެ ތެރޭގައި ބޮޑެތި ގިނަ ބަދަލުތަކެއް އައިސްފައިވެ އެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ ފާހަގަ ކޮށްލެވެނީ ރަސްގެފާނު ސަލްމާންގެ ދަރިކަލުން މުހައްމަދަށް، ޖޫން މަހުގެ ފަހުކޮޅު އެ ގައުމުގެ ވަލީ އަހުދުގެ މަގާމު ދެއްވުމެވެ. އެއާ އެކު ޒަމާނީ އިސްލާހީ ބަދަލުތަކެއް އެ ގައުމުން ފެންނަން ފެށި އެވެ.

ސެޕްޓެމްބަރު މަސް ނިމިގެން ދިޔައީ، ސައޫދީ އަރަބިއްޔާގެ އަންހެނުންނަށް ކާރު ދުއްވުމުގެ ހުއްދަ ދެއްވުމަށް ރަސްގެފާނު ނެރުއްވި ޚާއްސަ ގަރާރާ އެކުގަ އެވެ. އެ ގަރާރުގައިވާ ގޮތުން ޖޫން 2018ގެ ތެރޭގައި ސައޫދީ އަންހެނުންނަށް އެކަމުގެ ހުއްދަ ލިބޭނެ އެވެ. މި ނިންމެވުމާ އެކު އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކާއި ޑިމޮކްރެސީގެ ޖަމާއަތްތަކުން ސައޫދީ އަށް ތާރީފު ކުރަން ފެށި އެވެ.

ސައުދީ އަރަބިއާގެ ރިޔާޒުގައި އަންހެނަކު ކާރަށް އަރަނީ: ސައުދީ އަންހެނުން ކާރު ދުއްވުން މަނާކޮށްފައި އޮތް އޮތުން ވަނީ ނިމުމަކަށް ގެނެސްފައި. --ފޮޓޯ:އޭއެފްޕީ

ސައުދީ އަރަބިއާގެ ރިޔާޒުގައި އަންހެނަކު ކާރަށް އަރަނީ: ސައުދީ އަންހެނުން ކާރު ދުއްވުން މަނާކޮށްފައި އޮތް އޮތުން ވަނީ ނިމުމަކަށް ގެނެސްފައި. --ފޮޓޯ:އޭއެފްޕީ

ޖެހިގެން އައި އޮކްޓޫބަރު މަސް ނިމިގެން ދިޔައީ، ސައޫދީ އަރަބިއްޔާގެ ސްޓޭޑިއަމްތަކުގައި ބާއްވާ ތަފާތު ކުޅިވަރު މުބާރާތްތައް ބަލަން، ވަނުމުގެ ހުއްދަ އަންހެނުންނަށް ދިނުމަށް ނިންމި ނިންމުމާ އެކުގަ އެވެ. ކުޅި ބަލަން އަންހެނުން ސްޓޭޑިއަމްތަކަށް ވަނުމަކީ ސައޫދީގައި ޒަމާނުއްސުރެ މަނާ ކަމެކެވެ.

ސައޫދީ އަރަބިއްޔާގައި ކުރިން ފިލްމުތައް ދައްކާ ސިނަމާތައް ހުރި ނަމަވެސް މީގެ 35 އަހަރު ކުރިން ވަނީ ހުރިހާ ސިނަމާތައް ބަންދުކޮށް ފިލްމު ދެއްކުން މަނާކޮށްފަ އެވެ. ނަމަވެސް އެ ނިންމުން ބާތިލުކޮށް، އަލުން ސިނަމާތައް ހުޅުވުމަށް ސައޫދީ ސަރުކާރުން ނިންމީ ޑިސެމްބަރު މަހުގެ ކުރީކޮޅުގެ ތެރޭގަ އެވެ. ސައޫދީ ސަރުކާރުން ލަފާކުރާ ގޮތުގައި މާޗް 2018ގެ ތެރޭގައި ސިނަމާތަކުގައި ފިލްމު ދައްކަން ފެށޭވަރު ވާނެ އެވެ.

މި ހުރިހާ ކަންކަމަކީ ވެސް، ސައޫދީގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ މޭސްތިރި ކަމުގެ ދަށުން ފަށާފައިވާ 2030ގެ ތަސައްވުރުގެ ނަމުގައި ފަށާފައިވާ އިޖްތިމާއީ އަދި އިގްތިސާދީ އިސްލާހީ މަޝްރޫއުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

މީގެ އިތުރުން އެންމެ ފާހަގަ ކޮށްލެވޭ ކަމަކީ ކޮރަޕްޝަނާއި ފަސާދައާ ދެކޮޅަށް ސައޫދީ ސަރުކާރުން ފެށި މަޝްރޫއުގެ ދަށުން ގިނަ އަދަދެއްގެ ވިޔަފާރިވެރިންނާއި މަހުޖަނުންނާއި ޝާހީ އާއިލާގެ އަމީރުންތަކެއް ހައްޔަރު ކުރުމެވެ. ނޮވެމްބަރު މަސް ނިމެނިކޮށް ފެށި މި މަޝްރޫއުގެ ދަށުން 200 އަށް ވުރެ ގިނަ މީހުން ހައްޔަރު ކޮށް 2،000 ބޭންކު އެކައުންޓް ފްރީޒްކުރި އެވެ. ނަމަވެސް އޭގެ ތެރެއިން ގިނަ މީހުން މިހާރު ވަނީ، އެމީހުންގެ މިލްކިއްޔާތުގެ ވަކި ވަރެއް ސައޫދީ ސަރުކާރަށް ދިނުމުން މިނިވަން ކޮށްފަ އެވެ.

މުސްލިމުންގެ ފުރަތަމަ ގިބްލަ ކަމަށްވާ މަސްޖިދުލް އަގްސާ ފޮޓޯގެ ތިރީގައި ކުޑަ ކަޅު ގުއްބަކާ އެކު. އަދި އެ މިސްކިތުގެ ގޯތި ތެރޭގައި ހުންނަ މަސްޖިދު ގުއްބަތުއް ސަޚްރާ ރަން ކުލައިގެ ގުއްބަކާ އެކު.

މުސްލިމުންގެ ފުރަތަމަ ގިބްލަ ކަމަށްވާ މަސްޖިދުލް އަގްސާ ފޮޓޯގެ ތިރީގައި ކުޑަ ކަޅު ގުއްބަކާ އެކު. އަދި އެ މިސްކިތުގެ ގޯތި ތެރޭގައި ހުންނަ މަސްޖިދު ގުއްބަތުއް ސަޚްރާ ރަން ކުލައިގެ ގުއްބަކާ އެކު.

މެދުއިރުމަތީގެ މަސްރަހުން އެންމެ ފާހަގަ ކޮށްލެވުނު ކަމަކަށް ހިނގީ، ގުދުސަކީ އިޒްރޭލުގެ ވެރިރަށް ކަމަށް އެމެރިކާ އިން ރަސްމީކޮށް އިއުތިރާފްވެ އިޒްރޭލުގައި ހުންނަ އެމެރިކާގެ އެމްބަސީ ގުދުސަށް ބަދަލުކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު، ޑިސެމްބަރު 6، 2017 ގައި އިއުލާން ކުރެއްވުމެވެ. އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް ފަލަސްތީނުގެ ބިންތަކުގައި ދަނީ އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް މުޒާހަރާ ކުރަމުންނެވެ. އަދި އެކި ގައުމުތަކުގައި ދަނީ މުޒާހަރާ ކުރަމުންނެވެ.

ޓްރަމްޕުގެ އެ ނިންމުމަކީ ޣައިރު ގާނޫނީ ނިންމުމެއް ކަމަށް ކަނޑައަޅައި މިސްރުން އދ.ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރު އެމެރިކާގެ ވީޓޯގެ ސަބަބުން ބާތިލުވެފައި ވަނިކޮށް، އެ މައްސަލައިގައި ޔަމަނުން ހުށަހެޅި ގަރާރު އދ.ގެ އާންމު މަޖިލީހުގައި ފާސްވީ 128 ގައުމުގެ ބޮޑު ތާއީދަކާ އެކުގަ އެވެ. އެ ގަރާރާ ދެކޮޅަށް ވޯޓު ދިނީ އެންމެ ނުވަ ގައުމެވެ.

ސީރިޔާ އަށް އަތް ގަދަކޮށްގެން އުޅުނު އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުގެ ހަނގުރާމަވެރިން، ރައްގާ އިން ފައްސާލެވިއްޖެ ކަމަށް، ސިރިޔާ ސަރުކާރަށް ވާގިވެރިވަމުން ދިޔަ ރަޝިޔާ އިން އިއުލާން ކުރީ އޮކްޓޫބަރު މަހުގެ މެދުތެރޭގަ އެވެ. އަދި އިރާގުގައި ހަނގުރާމަ ކުރަމުން ދިޔަ އައިއެސްގެ ހަނގުރާމަވެރިން ބަލިކޮށްލެވިއްޖެ ކަން އިރާގު ސަރުކާރުން އިއުލާން ކުރީ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.

އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ބާރުގެ ދަށުން މޫސަލް ހިފުމަށް އިރާގު ސިފައިން ދިން އެންމެ ފަހުގެ ހަމަލާތަކުގެ ތެރެއިން. --ފޮޓޯ:އޭއެފްޕީ

އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ބާރުގެ ދަށުން މޫސަލް ހިފުމަށް އިރާގު ސިފައިން ދިން އެންމެ ފަހުގެ ހަމަލާތަކުގެ ތެރެއިން. --ފޮޓޯ:އޭއެފްޕީ

ނިމިދިޔަ އަހަރުގެ ތެރޭގައި ދިންް އެންމެ ބޮޑު ޓެރަރިސްޓް ހަމަލާއަކީ މިސްރުގެ ސައިނާގައި ހުރި މަސްޖިދުއް ރައުޟާ އަށް ދިން ބަޑީގެ ހަމަލާތަކެވެ. ނޮވެމްބަރު 24 ވީ ހުކުރު ދުވަހުގެ ހުކުރު ވަގުތު އެ މިސްކިތަށް ދިން ހަމަލާގައި 230 އަށް ވުރެ ގިނަ މީހުން މަރުވެ އެތައް ސަތޭކަ ބަޔަކު ޒަޚަމްވި އެވެ.

ވިލާތުގެ ގައުމުތަކުން އެންމެ ފާހަގަ ކޮށްލެވެނީ ފަރަންސޭސި ވިލާތުގެ ރައީސްގެ މަގާމަށް އިމަނުއެލް މެކްރޯން އިންތިހާބު ވުމެވެ. އުމުރުން 39 އަހަރުގެ އިމަނުއެލް އިންތިހާބުވީ ވާދަކުރެއްވި އެހެން ކެންޑިޑޭޓުންގެ މައްޗަށް ބޮޑު ތަފާތަކުން ކުރި ހޯއްދަވައިގެންނެވެ.

އޭޝިޔާ ސަރަހައްދުން އެންމެ ފާހަގަ ކުރެވެނީ، މިޔަންމާގައި ދިރިއުޅޭ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނާ ދެކޮޅަށް މިޔަންމާ ސަރުކާރުން ހިންގި ނަސްލު ނައްތައިލުމުގެ ހަރަކާތްތަކެވެ. މިޔަންމާ ސިފައިންގެ ހަމަލާތަކުގައި ރޮހިންޖާގެ އެތައް ހާސް މުސްލިމުންނެއް މަރާލާފައިވާ އިރު، ރެފިއުޖީންގެ ގޮތުގައި އަވައްޓެރި ބަންގާޅަށް 665،000 އަށް ވުރެ ގިނަ މީހުން ހިޖުރަ ކުރި އެވެ.

މަޖްބޫރު ވެގެން ޒިމްބާބުވޭގެ ވެރިކަން ދޫކޮށްލި ރޮބަޓް މުގާބޭ. --ފޮޓޯ:އޭއެފްޕީ

މަޖްބޫރު ވެގެން ޒިމްބާބުވޭގެ ވެރިކަން ދޫކޮށްލި ރޮބަޓް މުގާބޭ. --ފޮޓޯ:އޭއެފްޕީ

ޒިމްބާބުވޭގެ ރައީސްގެ މަގާމުގައި 39 އަހަރު ވަންދެން ހުންނެވި ރޮބަޓް މުގާބޭއާ ދެކޮޅަށް އެ ގައުމުގެ ސިފައިން ތެދުވުމުން، އަދި އެންމެ ފަހުން އޭނާގެ ޕާޓީން ވެސް މަޖުބޫރު ކުރުމުން، އެނޫން ގޮތެއް ނެތިގެން މަގާމުން އިސްތިއުފާ ދެއްވުމަށް ވުރެ މުހިންމު ކަމެއް އެފްރިކާ ބައްރުން ފާހަގައެއް ނުކުރެ އެވެ. މުގާބޭގެ ބަދަލުގައި ވެރިކަމާ ހަވާލުވެވަޑައިގަތީ ކުރީގެ ނައިބު ރައީސް އެމާސަން މިނަންގަގްވާ އެވެ.

އަހަރު ނިމިގެން ދިޔައީ، އީރާންގެ ބޮޑެތި ސަހަރުތަކުގައި ސަރުކާރާ ދެކޮޅަށް ފަށާފައިވާ މުޒާހަރާތަކުންނެވެ. މި މުޒާހަރާތަކުގައި 200 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ އިރު، ސިފައިން ބަޑި ޖެހުމުގެ ސަބަބުން ބައެއް މީހުން މަރުވެފައިވާ ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ. މުދަލުގެ އަގުތައް މައްޗަށް ދިއުމާ ދެކޮޅަށް ފެށި އިހުތިޖާޖްތައް މިހާރު ވަނީ ސިޔާސީ ބޮޑު މުޒާހަރާއަކަށް ބަދަލުވެފަ އެވެ. މުޒާހަރާތަކުގައި އެންމެ ބޮޑަށް އަޑު އުފުލަމުން ދަނީ، ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީއާ ދެކޮޅަށެވެ.