Roadha Mihaaru
ތަޅުދަނޑި ދިނަސް ފްލެޓްތަކަށް ނުވަދެވި ޝަކުވާބޮޑުވެއްޖެ

ތަޅުދަނޑި ހަވާލުކުރި ބައެއް މީހުންނަށް ފްލެޓްތަކަށް ނުވަދެވިފައި!

04 ޖެނުއަރީ 2018

މި ސަރުކާރުން ހުޅުވާލި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއުގައި ފްލެޓް ލިބުނު ބައެއް މީހުންނާ، ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރި ނަމަވެސް އެ ތަންތަނަށް ނުވަދެވި ލަސްވާތީ ޝަކުވާ ބޮޑުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މި ސަރުކާރުން ހުޅުވާލި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއުގައި ފްލެޓް ލިބުނު ބައެއް މީހުންނާ، ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރި ނަމަވެސް އެ ތަންތަނަށް ނުވަދެވި ލަސްވާތީ ޝަކުވާ ބޮޑުވެއްޖެ އެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫއުގައި ފްލެޓް ދޭނެ 600 އަށް ވުރެ ގިނަ މީހުން ކަނޑައެޅުމަށް ފަހު، އޭގެ ތެރެއިން ގިނަ ބަޔަކާ ވަނީ ތަޅުދަނޑި ހަވާލުކޮށްފަ އެވެ. ހައުސިން މިނިސްޓްރީން އެ މީހުންނަށް ޔަގީންކަން ދީފައި އޮތީ، މި އަހަރުގެ ޖެނުއަރީ 1 ގެ ކުރިން އެ ތަންތަނަށް ވަދެ، ދިރިއުޅެން ފެށޭނެ ކަމަށެވެ.

އެކަމަކު، ބައެއް ފްލެޓްތަކަށް ފެނާއި ކަރަންޓެއް އަދި ނުލިބެ އެވެ. ނަމަވެސް އެކަންކަން ހަމަޖެއްސުމަށް ފަހު، އަންގާނެ ކަމަށް ބުނެފައިވާތީ، އެކަމުގެ އިންތިޒާރުގައި ފްލެޓްތަކުގެ ވެރިން ތިބޭތާ ދެ ހަފުތާ ވެއްޖެ އެވެ.

"ތަޅުދަނޑި ދީފައި ބުނީ ޖެނުއަރީ 1 ގެ ކުރިން ފްލެޓަށް ވަދެވޭނެ ކަމަށް. އެ މީހުން [ހައުސިން މިނިސްޓްރީން] ގުޅާނެ ކަމަށް. އެކަމަކު އޭގެ ފަހުން ޚަބަރެއް ނުވޭ. އެ މީހުން ދީފައި އޮތް ނަމްބަރަށް އެތައް ފަހަރަކު ގުޅިއިރު ވެސް ފޯނެއް ނުނަގާ،" ފްލެޓް ލިބުނު އެކަކު ޝަކުވާ ކުރި އެވެ.

ހައުސިން މިނިސްޓްރީގެ ޚަބަރެއް ނުވުމުން، އެއް ބަޔަކު ވަނީ އަމިއްލަ އަަށް ފްލެޓްތަކަށް ވަދެފަ އެވެ. އޭގެ ތެރެއިން ވެސް ބައެއް މީހުން، ފެނުގެ ޚިދުމަތް ނުލިބި ގާތްގަނޑަކަށް ހަފުތާއެއް ހޭދަކުރަން ޖެހުނެވެ.

ހުޅުމާލޭގައި އަލަށް ހެދި ފްލެޓްތައް-- މިހާރު ފޮޓޯ: ހުސެން ވަހީދު

ހުޅުމާލޭގައި އަލަށް ހެދި ފްލެޓްތައް-- މިހާރު ފޮޓޯ: ހުސެން ވަހީދު

ފްލެޓްތަކަށް ނުވަދެވި ތިބި މީހުންގެ އަނެއް ކަންބޮޑުވުމަކީ، ދެ ތަނަކަށް އެ މީހުން މި މަހު ކުލި ދައްކަން ޖެހުމެވެ. ކުއްޔަށް ހިފައިގެން ތިބި ތަންތަން މި މަހުގެ 1 ގައި ދޫކޮށްލަން ނިންމާފައި އޮތަސް ފްލެޓްތަކަށް ނުވަދެވުމުން އެތަންތަން އަދި ދޫކޮށްލެވޭކަށް ނެތެވެ.

ހުޅުމާލޭ ހޮސްޕިޓަލްގެ ކައިރީގައި އިމާރާތް ކޮށްފައިވާ މި ފްލެޓްތަކުގެ ކުލީގެ ގޮތުގެ ކަނޑައަޅާފައިވަނީ 25 އަހަރަށް ބަހާލައިގެން މަހަކު 6،000 ރުފިޔާ އެވެ. އަދި ޑައުންޕޭމަންޓްގެ ގޮތުގައި ދައްކަން ޖެހެނީ 25،000 ރުފިިޔާ އެވެ.

"އެހެންވީމަ މިހާރު ތިބި ތަނާއި ފްލެޓަށް ވެސް މި މަހު ކުލި ދައްކަން ޖެހޭނެ. މިއީ ކިހާ ބޮޑު ތަކުލީފެއްތޯ އަޅުގަނޑުމެންނަށް ޖެހޭ؟ ސްކޫލް ހުޅުވޭއިރު ވެސް ހަމަޖެހިނުލެވިގެން އުޅެން މި ޖެހެނީ،" އެކަކު ބުންޏެވެ.

އާ ފްލެޓްތައް އަދި ހުރީ ވަށައިގެން ޓިނު ޖަހައި ބަންދުކޮށްފަ އެވެ. ވަދެ ނުކުތުމަށް އެންމެ ދޮރެއް ހުޅުވާފައި ހުރުމުން، އެތަނުގައި މިހާރު ދިރިއުޅޭ މީހުންނަށް ވެސް އުނދަގޫތަކެއް ދަނީ ކުރިމަތިވަމުންނެވެ.

އެހެން މީހަކު ބުނިގޮތުގައި، ފްލެޓް އިމާރާތުން ވަދެ ނުކުމެ އުޅެން ޖެހެނީ ވެސް ހުރިހާ ފްލެޓެއް ވަށާލައިފަ އެވެ.

މި ޝަކުވާތަކަށް އަދި ފްލެޓްތަކުގައި މީހުން ދިރިއުޅެން ނުފެށި ލަސްވާ ސަބަބާ ގުޅޭ ގޮތުން ހައުސިން މިނިސްޓްރީން ވަކި އެއްޗެކޭ ނުބުންޏެވެ. އެތަނުގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެކަން ސާފުކުރުމަށް ފަހު ޖަވާބެއް ދެއްވާނެ ކަމަށެވެ.

ހުޅުމާލޭން ދޫކުރި މި ފްލެޓްތަކަށް 15،000 އަށް ވުރެ ގިނަ މީހުން ކުރިމަތިލި އެވެ. އެކަމަކު ފްލެޓް ލިބުނު މީހުންގެ ލިސްޓު ހަތަރު އަހަރު ފަހުން އާއްމު ކުރި އިރު، އެކަން ކޮށްފައިވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ބުނެ ގިނަ ބަޔަކު ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) އަށް މައްސަލަ ހުށަހަޅައިފަ އެވެ. ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރިއިރު މި މައްސަލައިގެ ތަހުގީގެއް އަދި ނުނިމެ އެވެ.

ފްލެޓް ދިން ގޮތާ ގުޅޭ ގޮތުން ބޮޑެތި ތުހުމަތުތަކެއް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކަށް ވަނީ އަމާޒުވެފަ އެވެ. ފްލެޓްތަކަށް ކުރިމަތިލީ އެއް ބަޔަކު ބުނާ ގޮތުގައި، ފްލެޓް ލިބުނު މީހުން އިއުލާން ކުރުމުގެ ކުރިން، ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކުރަންތޯ އަހަން ޕީޕީއެމްގެ ކެމްޕޭން އޮފީހަކުން ފޯނު ކޯލްތަކެއް އައެވެ. އަދި ފްލެޓްތައް ބަހާފައި ވަނީ އެ ކެމްޕޭން އޮފީހުގެ ނުފޫޒާ އެކު ކަމަށާއި 100 ޕޮއިންޓް ލިބުނު މީހުން ތިއްބައި އެއަށް ވުރެ މާ މަދުން ޕޮއިންޓް ލިބުނު މީހުންނަށް ވެސް ފްލެޓް ދީފައިވާ ކަމަށް ތުހުމަތުކުރެ އެވެ. ހެއްކެއްގެ ގޮތުގައި ބައެއް ލިއުންތައް ސޯޝަލް މީޑިއާގައި ވެސް އާއްމުކޮށްފައިވެ އެވެ.