Roadha Mihaaru
އަދީބަށް ބޭސްފަރުވާގެ ހައްގު ފޯރުކޮށްދީ: ގާސިމް

ބޭސް ފަރުވާ ނުލިބުމުގެ ހިތްދަތިކަން ތަޖުރިބާކޮށްފިން، އަދީބަށް އެ ހައްގު ދީ: ގާސިމް

05 ޖެނުއަރީ 2018

ބޭސްފަރުވާގެ ފުރިހަމަ ހައްގު ލިބުން ލަސްވުމުގެ ހިތްދަތިކަން ތަޖުރިބާކުރައްވާފައިވާާ ކަމަށާއި އެ ހައްގު، ޖަލުގައި މިހާރު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ވެސް ލިބެން ޖެހޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ބޭސްފަރުވާގެ ފުރިހަމަ ހައްގު ލިބުން ލަސްވުމުގެ ހިތްދަތިކަން ތަޖުރިބާކުރައްވާފައިވާާ ކަމަށާއި އެ ހައްގު، ޖަލުގައި މިހާރު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ވެސް ލިބެން ޖެހޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ގާސިމް ކުރެއްވި ޓުވީޓެއްގައި މިހެން ވިދާޅުވީ އަދީބު ބޭސް ފަރުވާއަށް ބޭރަށް ފޮނުވުމުގެ އަމުރަކަށް އެދި އޭނާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އެ ކޯޓަށް ނުބެލޭނެ ކަމަށް ކަނޑައަޅަން ދައުލަތުން އިއްޔެ އެދިފައި ވަނިކޮށެވެ.

އަދީބުގެ ސިއްހީ ހާލަތު ގޯސްވެ، އެމަނިކުފާނު ރާއްޖެއިން ބޭރަށް ފޮނުވަން ޑޮކްޓަރުން ލަފާ ދީފައިވާ ކަމަށް އާއިލާއިން ވަނީ ބުނެފަ އެވެ. އެގޮތުން ލޮލުގެ ބައްޔެއް ކަމަށްވާ ގްލުކޮމާ އަދީބަށް ޖެހިފައިވާ ކަމަށާއި އެމަނިކުފާނުގެ އެތެރެހަށީގައި ސިސްޓެއް އުފެދިފައިވާ ކަމަށް ވެސް އާއިލާއިން ވަނީ ބުނެފަ އެވެ.

ރިޝްވަތުގެ ކުށް ސާބިތުވެ ތިން އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ގާސިމް، ކުރެއްވި އެ ޓްވީޓުގައި ވިދާޅުވީ ބޭސްފަރުވާގެ ފުރުސަތު އެހެން ގައިދީންނެކޭ އެއްގޮތަށް އަދީބަށް ވެސް ލިބެން ޖެހޭނެ ކަމަށާއި އެއްވެސް ރައްޔިތެއްގެ ބޭސްފަރުވާއަށް ހުރަސް އެޅުމަށް ގާނޫނު އަސާސީ ހުއްދަ ނުކުރާ ކަމަށެވެ.

ގާސިމް ޖަރުމަނަށް ވަޑައިގަތީ، ހިތުގެ އާލާސްކަންފުޅެއްގައި، ރާއްޖެ އިން ދެވެން ނެތް ފަރުވާ އަށް ސިންގަޕޫރަށް ފޮނުވުމުންނެވެ. އެކަމަކު ފަރުވާ ހޯދުމަށް ބޭރަށް ފުރާވަޑައިގަތުމުގައި އޭނާއަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިވެ ވަޑައިގެންނެވި އެވެ.

ގާސިމާއި ނަޝީދު: އަދީބުގެ ބޭސްފަރުވާގެ މައްސަލާގައި ދެ ބޭފުޅުން ވެސް ކަންބޮޑުވުން ފާޅުކުރެއްވި.

ގާސިމާއި ނަޝީދު: އަދީބުގެ ބޭސްފަރުވާގެ މައްސަލާގައި ދެ ބޭފުޅުން ވެސް ކަންބޮޑުވުން ފާޅުކުރެއްވި.

ގާސިމްގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އެކަމާ ގުޅޭގޮތުން ޓްވީޓެއް ކުރައްވާފަ އެވެ.

ނަޝީދު ވިދާޅުވީ އަދީބު ބޭސް ފަރުވާއަށް ރާއްޖޭން ބޭރަށް ނުފޮނުވައި، ފަރުވާ ދޭން ދެކޮޅު ހެދުމަކީ އިންސާނިއްޔަތާ ހިލާފުކަމެއް ކަމަށާއި އެ ފުރުސަތު އެމަނިކުފާނަށް ދޭން ޖެހޭނެ ކަމަށެވެ.

ސިވިލް ކޯޓުގައި އިއްޔެ ކުރިއަށް ގެންދިޔަ ޝަރީއަތުގައި އޮތީ އޭނާ ރާއްޖެއިން ބޭޭރަށް ފޮނުވަން ދައުލަތުގެ މައްޗަށް އަމުރުކޮށްދޭން އެދި އަދީބުގެ ފަރާތުން ހުށަހެޅި މައްސަލާގައި ކޯޓުގައި ލިޔެކިޔުންތައް ބަދަލު ކުރުމެވެ. އެކަމަކު ދައުލަތުން ވަނީ އިޖްރާއީ ނުކުތާއެއް ނަގައި، އެ މައްސަލަ ނުބެލޭނެ ކަމަށް ކަނޑައަޅަން އެދިފަ އެވެ. ދައުލަތުން ނެގި އެ ނުކުތާއާ ގުޅިގެން އަދީބުގެ ފަރާތުން ޖަވާބުދާރީވާން އަންނަ އާދިއްތަ ދުވަހު އަޑުއެހުމެއް ބާއްވާނެ އެވެ.

ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއްކޮށްފައިވާ ކުރީގެ ނައިބު ރައީސް ރާއްޖެއިން ބޭރަށް ފޮނުވޭނީ އޭނާ ދައުލަތަށް ދައްކަންޖެހޭ ފައިސާ ދެއްކުމުން ކަމަށް ސަރުކާރުން އަންނަނީ ބުނަމުންނެވެ.