Roadha Mihaaru
ކުއްޔަށް ދޭ ފްލެޓްތައް އަތުލާނަން: މުއިއްޒު

އެއްބަސްވުމާ ޚިލާފުވެ، ފްލެޓްތައް ކުއްޔަށްދޭ ނަމަ އަތުލާނަން: މުއިއްޒު

08 ޖެނުއަރީ 2018

އިޖުތިމާއީ ބޯހިޔާވަހިކަމަށް ދޫކުރާ ފްލެޓުތަކުގެ އެއްބަސްވުމާ ޚިލާފުވެ އެ ތަންތަން ކުއްޔަށް ދޭ ނަމަ، އެ މީހެއްގެ އަތުން ފްލެޓް އަތުލާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އިޖުތިމާއީ ބޯހިޔާވަހިކަމަށް ދޫކުރާ ފްލެޓުތަކުގެ އެއްބަސްވުމާ ޚިލާފުވެ އެ ތަންތަން ކުއްޔަށް ދޭ ނަމަ، އެ މީހެއްގެ އަތުން ފްލެޓް އަތުލާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ކުރެއްވި ޓުވީޓެއްގައި މިހެން ވިދާޅުވީ، އެންމެ ފަހުން ހުޅުމާލެއިން ދޫކުރި ފްލެޓްތައް ލިބުނު ބައެއް މީހުން އެ ތަންތަނުގައި ނޫޅެ އެހެން މީހުންނަށް ކުއްޔަށް ދޫކުރާ ކަމުގެ ޝަކުވާ ބޮޑުވެފައި ވަނިކޮށެވެ. ގާތްގަނޑަކަށް 15،000 މީހުން ކުރިމަތިލީ މަޝްރޫއުގައި 600 އަށް ވުރެ ގިނަ މީހުންނަށް ފްލެޓް ދީފައިވެ އެވެ.

މިނިސްޓަރު މުއިއްޒުގެ ޓްވީޓް

ފްލެޓް ކުއްޔަށް ދިނުމަކީ ފްލެޓް ލިބޭ މީހާ އާއި ސަރުކާރާ ދެމެދު ވެފައި އޮންނަ އެއްބަސްވުމާ ޚިލާފު ކަމެކެވެ. އެއްބަސްވުމުގައި ބުނެފައިވާ ގޮތުން، ކުއްޔަށް ދިނަސް ދެވޭނީ ތިން ކޮޓަރީގެ ފްލެޓަކުން އެއް ކޮޓަރި އެެވެ. އަނެއް ދެ ކޮޓަރީގައި ދިރިއުޅެން ޖެހޭނީ ފްލެޓް ލިބުނު މީހުންނެވެ.

ހުޅުމާލޭ ހޮސްޕިޓަލްގެ ކައިރީގައި އިމާރާތް ކޮށްފައިވާ ތިން ކޮޓަރީގެ މި ފްލެޓްތަކުގެ ކުލީގެ ގޮތުގެ ކަނޑައަޅާފައިވަނީ 25 އަހަރަށް ބަހާލައިގެން މަހަކު 7،000 ރުފިޔާ އެވެ. އަދި ޑައުންޕޭމަންޓްގެ ގޮތުގައި ދައްކަން ޖެހެނީ 25،000 ރުފިިޔާ އެވެ. ބައެއް މީހުން މި ފްލެޓްތައް 15،000-20،000ރ ދެމެދުގެ އަގެއްގައި ކުއްޔަށް ދޫކުރެ އެވެ.

ފްލެޓް ލިބުނު ބައެއް މީހުން، އެ ފްލެޓްތައް ކުއްޔަށް ދޫކުރާ މައްސަލަ ބޮޑުވެފައިވާއިރު، މި ފްލެޓް ދޫކުރުމުގައި ބޭއިންސާފުން އަމަލުކޮށްފައިވާ ކަމަށް ބުނެ ބައެއް މީހުން ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) އަށް މައްސަލަ ހުށަހަޅައިފަ އެވެ. ފްލެޓްތަކުގައި މީހުން އުޅެން ފެށި އިރު ވެސް އޭސީސީން މައްސަލަ ބަލައި ނުނިމެ އެވެ.