Roadha Mihaaru
އަހަރުތަކަކަށް ފަހު އިނގިރޭސި ވިލާތަށް އަންހެން ބޮޑު ވަޒީރެއް

އަހަރުތަކަކަށް ފަހު އިނގިރޭސި ވިލާތަށް އަންހެން ބޮޑު ވަޒީރެއް

12 ޖުލައި 2016

ލަންޑަން (ޖުލައި 12) - އަހަރު ތަކަކަށް ފަހު އިނގިރޭސި ވިލާތުގެ ބޮޑު ވަޒީރުގެ މަގާމަށް އަންހެން ބޭފުޅަކު ވަޑައިގަތުމަށް ތައްޔާރުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ލަންޑަން (ޖުލައި 12) - އަހަރު ތަކަކަށް ފަހު އިނގިރޭސި ވިލާތުގެ ބޮޑު ވަޒީރުގެ މަގާމަށް އަންހެން ބޭފުޅަކު ވަޑައިގަތުމަށް ތައްޔާރުވެއްޖެ އެވެ.

ކޮންޒަވެޓިވް ޕާޓީގެ ލީޑަރުގެ މަގާމަށް ވާދަކުރެއްވި އެންޑްރިއާ ލެޑްސަން ރޭހުން ވަކިވެވަޑައިގަތުމާ އެކު ހޯމް ސެކްރެޓަރީގެ މަގާމުގައި ހުންނެވި ތެރެސާ މެއި އަށް ވަނީ ޕާޓީގެ ލީޑަރުކަމާއި ބޮޑު ވަޒީރުކަން މިހާރު ޔަގީންވެފަ އެވެ. ޕާލަމެންޓުގައި މެންބަރުންގެ ސުވާލުތަކަށް މާދަމާ ޖަވާބު ދެއްވުމަށް ފަހު ބޮޑު ވަޒީރު ޑޭވިޑް ކެމަރަންގެ އިސްތިއުފާ ރާނީ އެލިޒަބަތަށް ހުށަހަޅުއްވާނެ އެވެ. އޭގެ ފަހުން މެއި ޕަކިންހަމް ޕެލަސް އަށް ވަޑައިގެން ރާނީއާ ބައްދަލު ކުރައްވާނެ އެވެ. އަދި ސަރުކާރެއް އުފެއްދުމަށް ރާނީ ދެއްވާ ދައުވަތު އެކަމަނާ ގަބޫލް ކުރައްވާނެ އެވެ.

އިނގިރޭސި ވިލާތުގެ ބޮޑު ވަޒީރުކަމުގެ މަގާމަށް ވަޑައިގަންނަވާ ތެރެސާ މޭ ސަޕޯޓަރުންނާ އެކު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ

އިނގިރޭސި ވިލާތުގެ ބޮޑު ވަޒީރުކަމުގެ މަގާމަށް ވަޑައިގަންނަވާ ތެރެސާ މޭ ސަޕޯޓަރުންނާ އެކު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ

ހޯމް ސެކްރެޓަރީގެ މަގާމުގައި 2010 ވަނަ އަހަރުން ފެށިގެން ހުންނެވި މެއި، 59، އަކީ އިނގިރޭސިން ޔޫރަޕިއަން ޔޫނިއަން އިން ވަކިނުވުމަށް ކެމްޕޭން ކުރެއްވި ފަރާތެކެވެ. އީޔޫ އިން ވަކިވުމަށް ކެމްޕޭން ކުރެއްވި ލެޑްސަން ވިދާޅުވީ އިނގިރޭސި ވިލާތަށް މި ވަގުތު ބޭނުން ވަނީ ވަރުގަދަ ލީޑަޝިޕެއް ކަމަށާއި މެއި އަކީ އެފަދަ ފަރާތެއް ކަމަށެވެ.

ކޮންޒަވެޓިވް ޕާޓީގެ ބޯޑާ މަޝްވަރާ ކުރުމަށް ފަހު ޕާޓީގެ ލީޑަރަކީ މެއި ކަމަށް ވަރަށް އަވަހަށް ނިންމާނެ ކަމަށް ކޮންޒަވެޓިވް ޕްރައިވެޓް މެންބާސް ކޮމިޓީ ނުވަތަ 1922 ކޮމިޓީގެ ޗެއާމަން ގްރެހަމް ބްރެޑީ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކެމަރަންގެ ބަދަލުގައި ބޮޑު ވަޒީރުކަމުގެ މަގާމަށް ވަޑައިގަންނަވާ ބޭފުޅެއްގެ ކެމްޕޭނަށް "ނުވަ ހަފުތާ" ހޭދަ ކުރުމުގެ ބޭނުމެއް ނެތް ކަމަށެވެ. ބޮޑު ވަޒީރުކަމުގެ މަގާމަށް ބޭފުޅަކު ހަމަޖެއްސުން ކުރިން ހަމަޖައްސާފައި އޮތީ ސެޕްޓެމްބަރު 9 ގަ އެވެ.

ކޮންޒަވެޓިވް ޕާޓީގެ ލީޑާޝިޕް ރޭހުން ވަކިވެވަޑައިގެންނެވި އެންޑްރިއާ ލެޑްސަން. --ފޮޓޯ:އޭއެފްޕީ

ކޮންޒަވެޓިވް ޕާޓީގެ ލީޑާޝިޕް ރޭހުން ވަކިވެވަޑައިގެންނެވި އެންޑްރިއާ ލެޑްސަން. --ފޮޓޯ:އޭއެފްޕީ

ކުރީގެ ބޮޑު ވަޒީރު ޓޯނީ ބްލެއާ އަށް ފަހު ލޭބާ ޕާޓީގެ ޒައާމަތާ ހަވާލުވެވަޑައިގެންނެވި ގޯޑަން ބްރައުން ބޮޑު ވަޒީރުކަމުގެ މަގާމަށް ވަޑައިގެންނެވީ 38 ދުވަސް ތެރޭގަ އެވެ.

އިނގިރޭސިވިލާތުގައި އެންމެ ފަހުން ބޮޑު ވަޒީރުކަން ކުރެއްވި އަންހެން ބޭފުޅަކީ މާގަރެޓް ތެޗާ އެވެ. އެކަމަނާ މަގާމުން ވަކިވެވަޑައިގަތީ 1990 ވަނަ އަހަރު އެވެ.