Roadha Mihaaru
ތެރޭސާ މޭ ޔޫކޭގެ ބޮޑު ވަޒީރުކަމާ ހަވާލުވެވަޑައިގެންފި

ތެރޭސާ މޭ އިނގިރޭސި ބޮޑު ވަޒީރުކަމާ ހަވާލުވެވަޑައިގެންފި

13 ޖުލައި 2016

ލަންޑަން (ޖުލައި 13) - އިނގިރޭސިވިލާތުގެ ބޮޑު ވަޒީރުކަމުގެ މަގާމާ ތެރޭސާ މޭ ރަސްމީކޮށް މިއަދު ހަވާލުވެވަޑައިގެންފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ލަންޑަން (ޖުލައި 13) - އިނގިރޭސިވިލާތުގެ ބޮޑު ވަޒީރުކަމުގެ މަގާމާ ތެރޭސާ މޭ ރަސްމީކޮށް މިއަދު ހަވާލުވެވަޑައިގެންފި އެވެ.

ކުރީގެ ހޯމް ސެކްރެޓަރީ ވަނީ ޕަކިންހަމް ޕެލަސް އަށް ވަޑައިގެން ސަރުކާރެއް އެކުލަވާލެއްވުމަށް ރާނީ އެލިޒަބަތު ދެއްވި ދައުވަތު ގަބޫލް ކުރައްވައިފަ އެވެ. މޭ ބަކިންހަމް ޕެލަސް އަށް ވަޑައިގަތުމުގެ ކުރިން ބޮޑު ވަޒީރު ޑޭވިޑް ކެމަރަންގެ އިސްތިއުފާ ރާނީ ވަނީ ގަބޫލް ކުރައްވައިފަ އެވެ.

ބޮޑު ވަޒީރުގެ ރަސްމީ ގެކޮޅަށް މޭ ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ. --ފޮޓޯ:ބީބީސީ

ބޮޑު ވަޒީރުގެ ރަސްމީ ގެކޮޅަށް މޭ ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ. --ފޮޓޯ:ބީބީސީ

ތެރޭސާ މޭ އަކީ މާގަރެޓް ތެޗާ އަށް ފަހު އިނގިރޭސި ވިލާތުގެ ބޮޑު ވަޒީރުކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ފުރަތަމަ އަންހެން ބޭފުޅާ އެވެ. ބޮޑު ވަޒީރުކަމާ ހަވާލުވެވަޑައިގަތުމަށް ފަހު މޭގެ ފުރަތަމަ މަސައްކަތަކަށް ވާނީ ވަޒީރުންގެ ޓީމު އެކުލަވާލެއްވުމެވެ.

ބޮޑު ވަޒީރުގެ ރަސްމީ ގެކޮޅު ޑޯނިން ސްޓްރީޓުގެ ބޭރުގައި ކެމަރަން ދެއްވި ވަދާއީ ތަގުރީރުގައި ވަނީ މޭގެ ޒައާމަތުގައި ހަމަޖެހުމާއި ކުރިއެރުން ގެނެސްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އިނގިރޭސި ވިލާތް ޔޫރަޕިއަން ޔޫނިއަން އިން ވަކިވުމުގެ މަޝްވަރާތައް ކާމިޔާބުކަމާ އެކު ކުރިއަށް ގެންދަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

އިނގިރޭސި ވިލާތުގެ އާ ބޮޑު ވަޒީރު ތެރޭސާ މޭ އާއި ފިރިކަލުން ފިލިޕް ޑޯނިން ސްޓްރީޓުގެ ބޭރުގައި. --ފޮޓޯ:ބީބީސީ

އިނގިރޭސި ވިލާތުގެ އާ ބޮޑު ވަޒީރު ތެރޭސާ މޭ އާއި ފިރިކަލުން ފިލިޕް ޑޯނިން ސްޓްރީޓުގެ ބޭރުގައި. --ފޮޓޯ:ބީބީސީ

ބަކިންހަމް ޕެލަސް އިން ޑޯނިން ސްޓްރީޓަށް ވަޑައިގަތުމަށް ފަހު މޭ ދެއްވި ފުރަތަމަ ތަގުރީރުގައި ވަނީ ކޮންމެ ރައްޔިތަކަށްޓަކައި ވެސް މަސައްކަތް ކުރާ މިހާރަށް ވުރެ ރަނގަޅު ގައުމެއް ބިނާ ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. ބޮޑު ވަޒީރުކަމުގެ މަގާމުން ވަކިވެވަޑައިގެންނެވި ކެމަރަން އަށް ވެސް މޭ ވަނީ ތައުރީފް ކުރައްވައިފަ އެވެ. ފިރިކަލުން ފިލިޕް ވެސް އަރިހުގައި ހުންނަވައިގެން އެކަމަނާ ވިދާޅުވީ ކެމަރަން އަކީ "ވަރުގަދަ ޒަމާނީ ބޮޑު ވަޒީރެއް" ކަމަށެވެ.

ޑޭވިޑް ކެމަރަން އާއިލާއާ އެކު ޑޯނިން ސްޓްރީޓުން ނުކުމެވަޑައިގަންނަވަނީ. --ފޮޓޯ:ބީބީސީ

ޑޭވިޑް ކެމަރަން އާއިލާއާ އެކު ޑޯނިން ސްޓްރީޓުން ނުކުމެވަޑައިގަންނަވަނީ. --ފޮޓޯ:ބީބީސީ

މޭ، 59، އަށް ކޮންޒަވެޓިވް ޕާޓީގެ ލީޑަރުކަން ލިބިވަޑައިގެންނެވީ އަންދުރިއާ ލެޑްސަން ބޮޑު ވަޒީރުކަމުގެ ރޭހުން ވަކިވެވަޑައިގަތުމާ ގުޅިގެންނެވެ.

ބޮޑު ވަޒީރުކަމުގެ މަގާމުން އިސްތިއުފާ ދެއްވުމަށް ކެމަރަން ނިންމެވީ އިނގިރޭސިވިލާތް އީޔޫގައި އޮތުމަށް ފެނޭތޯ ބެލުމަށް މިދިޔަ މަހު 23 ވަނަ ދުވަހު ނެގި ވޯޓުގައި އީޔޫ އިން ވަކިވުމަށް ރައްޔިތުން ނިންމުމާ ގުޅިގެންނެވެ. ކެމަރަން ކެމްޕޭން ކުރެއްވީ އިނގިރޭސި ވިލާތް އީޔޫގައި ދެމި އޮތުމަށެވެ. އީޔޫގައި އޮތުމަށް ފެނޭތޯ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓެއް ނެގީ ކެމަރަންގެ އިންތިޚާބީ ވައުދު ފުރިހަމަކުރެއްވުމުގެ ގޮތުންނެވެ.