Roadha Mihaaru
ފުޅަނދު ބުރު ވާދަވެރިވާނެ، ތަފާތުވާނެ: ސަލީމް

މިފަހަރުގެ ފުޅަނދު ބުރު ވާދަވެރިވާނެ، ތަފާތުވާނެ: ސަލީމް

12 ޖުލައި 2016

މި އަހަރުގެ މިނިވަން ދުވަހާ ގުޅުވައިގެން ބާއްވާ ފުޅަނދުބުރުގެ ވާދަވެރިކަން ބޮޑުވުމުގެ އިތުރުން ވަރަށް ތަފާތު ވާނެ ކަމަށް ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސަލީމް (މާޒް ސަލީމް) މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މި އަހަރުގެ މިނިވަން ދުވަހާ ގުޅުވައިގެން ބާއްވާ ފުޅަނދުބުރުގެ ވާދަވެރިކަން ބޮޑުވުމުގެ އިތުރުން ވަރަށް ތަފާތު ވާނެ ކަމަށް ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސަލީމް (މާޒް ސަލީމް) މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވީ ޖުލައި 28 ވަނަ ދުވަހުގެ ރޭ އޮންނަ ފުޅަނދު ބުރުގައި މި އަހަރު 15 ފުޅަނދު ދައްކާލާނެ އެވެ. އެ އެއްޗެހި ތައްޔާރުކުރަމުން އަންނަނީ ސަރުކާރުގެ ބައެއް އޮފީސްތަކާއި ކުންފުނިތަކާއި އަމިއްލަ ބައެއް ކުންފުނިތަކުންނެވެ.

"ވަރަށް ތަފާތު ފުޅަނދު ދައްކާލާނެ. ވަރަށް ވާދަވެރިކޮށް މިފަހަރު މިދަނީ. އެހެންވެެ އެއްބަޔަކު ހަދާ ކޮންސެޕްޓެއް އަނެއް ބަޔަކަށް ވެސް ނުދައްކާނެ،" ސަލީމް ވިދާޅުވި އެވެ.

"ސަރުކާރުގެ ވިސްނުން ހުރީ އަމިއްލަ ފަރުދުން މިކަމުގައި ވީހާ ވެސް ބޮޑަށް ބައިވެރިކުރުވުން. އެހެންވެ އަޅުގަނޑުމެންނަށް ވިސްނުނީ މިކަންް އެންމެ ރަނގަޅުވާނީ ވާދަވެރިގޮތަކަށް ހުޅުވާލީމައޭ."

މިދިޔަ އަހަރުގެ މިނިވަން ދުވަސް ފާހަގަކުރަން ބޭއްވި ފުޅަނދު ބުރުގައި ފުޅަނދެއް ދައްކާލަނީ --ފޮޓޯ:ރައީސް އޮފީސް

މިދިޔަ އަހަރުގެ މިނިވަން ދުވަސް ފާހަގަކުރަން ބޭއްވި ފުޅަނދު ބުރުގައި ފުޅަނދެއް ދައްކާލަނީ --ފޮޓޯ:ރައީސް އޮފީސް

ސަލީމް ވިދާޅުވީ އެންމެ ރީތި ފުޅަނދަށް 50،000ރ. އާއި ޓްރޮފީއެއް ދޭން ހަމަޖައްސާފައިވާ ކަމަށެވެ. އެކަން އިންސާފުކުރާނީ އާޓްސްގެ ދާއިރާގެ ތަޖުރިބާކާރުންގެ ބޯޑަކުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ވަރަށް މިނިވަންކޮށް ބޯޑުގެ މަސައްކަތް ދާނީ،" ސަލީމް ވިދާޅުވި އެވެ.

ރާއްޖޭގެ މިނިވަންކަމުގެ ރަން ޔޫބީލް މިދިއަ އަހަރު ކުލަގަދަކޮށް ފާހަގަކުރި އިރު ވަރަށް ތަފާތު ފުޅަނދުތައް ދައްކާލައިފައިވެ އެވެ. އެ ފުޅަނދުތައް ބަލަން އާންމުންގެ އެތައް ހާސް ބަޔަކު މަގުތަކަށް ނުކުތެވެ.

މިނިވަން ދުވަހާ ގުޅުވައިގެން ފަންނާނުންގެ މިއުޒިކީ އީދެއް ބާއްވަން ވެސް ހޯމް މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.