Roadha Mihaaru
ހަތަރު ލީޑަރުންގެ ސިޓީއެއް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

މެމްބަރުންގެ މައްސަލަ އަވަސް ކޮށްދިނުމަށް ލީޑަރުންގެ ސިޓީއެއް ސުޕްރީމް ކޯޓަށް

17 ޖެނުއަރީ 2018

ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައަޅާފައިވާ މެމްބަރުންނާ ގުޅޭ ގޮތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ގޮތެއް ނުނިމި ލަސްވާތީ، އިދިކޮޅު ހަތަރު ލީޑަރުންގެ ސިޓީއެއް އެ ކޯޓުގެ ފަނޑިޔާރުންނަށް މިއަދު ހުށަހަޅުއްވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައަޅާފައިވާ މެމްބަރުންނާ ގުޅޭ ގޮތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ގޮތެއް ނުނިމި ލަސްވާތީ، އިދިކޮޅު ހަތަރު ލީޑަރުންގެ ސިޓީއެއް އެ ކޯޓުގެ ފަނޑިޔާރުންނަށް މިއަދު ހުށަހަޅުއްވައިފި އެވެ.

ސުޕްރީމް ކޯޓަށް ސިޓީ ހުށަހެޅުއްވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފަރާތުން ދަރިކަނބަލުން ޔުމްނާ މައުމޫނާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ފަރާތުން އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު، ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲގެ ފަރާތުން އެ ޕާޓީގެ ނައިބު ލީޑަރު އަލީ ޒާހިރެވެ.

އެކަމަކު، ހަތަރު ލީޑަރުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ސިޓީގެ ތަފްސީލެއް ހާމައެއް ނުކުރެ އެވެ. އިދިކޮޅު ފަރާތްތަކުން ބުނީ ކުރި އަށް އޮތް ދުވަސްތަކުގައި އެ ސިޓީގެ ތަފްސީލްތައް މީޑިއާއާ ހިއްސާ ކުރާނެ ކަމަށެވެ.

މަޖިލީހުގެ، އިދިކޮޅު 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އީސީން ވަނީ ކަނޑައަޅައިފަ އެވެ. މިއީ، ގާނޫނުއަސާސީއާ ކަނޑައެޅިގެން ހިލާފަށް ނިންމި ނިންމުމެއް ކަމަށް ވިދާޅުވެ ހައްލެއް ހޯއްދައިދޭން އެ މެމްބަރުން ވަނީ ސުޕްރީމް ކޯޓަށް މައްސަލަތަކެއް ހުށަހަޅުއްވައިފަ އެވެ.

ކޯޓާ ސިޓީ ހަވާލު ކުރުމަށް ފަހު، ނިކުމެވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި އިބޫ ވިދާޅުވީ މެމްބަރުން އަދާކުރައްވަން ޖެހޭ މަސްއޫލިއްޔަތުތަކަށް ހުރަސް އަޅައި، އެތައް ރައްޔިތުންނެއްގެ ހައްގުތަކެއް ގާނޫނުއަސާސީއާ ހިލާފަށް ނިގުޅައިގެންފައިވާ ކަމަށެވެ.

މަޖިލީހުގެ މަސައްކަތްތައް އަލުން ފަށަން ތައްޔާރުވާއިރު، ގިނަ މެމްބަރުންގެ ބައިވެރިވުމެއް ނެތި ގާނޫނުތައް ފާސްވެގެން ދިއުމަކީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފު ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އުންމީދު ކުރަނީ ލަސްނުކޮށް، ސުޕްރީމް ކޯޓުން ފަހު ބަސް އިއްވާނެ ކަމަށް،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވި ގޮތުގައި އިދިކޮޅު ލީޑަރުންގެ ސިޓީ ސުޕްރީމް ކޯޓުން ވަނީ ބަލައިގެންފަ އެވެ. އަދި ތިން ދުވަސް ތެރޭގައި ޖަވާބެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޔުމްނާ ވިދާޅުވީ ބައެއް މުއައްސަސާތަކުން މަޖިލީހުގެ މެމްބަރުންތަކެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ އިރު، ގާނޫނުއަސާސީގައިވާ ގޮތުން ގޮނޑިތަކާ މެދު ގޮތެއް ނިންމޭނީ ސުޕްރީމް ކޯޓަށް ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ނިންމުންތަކުން މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަން ހާމަވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސުޕްރީމް ކޯޓުން ގޮނޑި ނުގެއްލޭ ކަމަށް ބުނާހާ ހިނދަކު، ދައުލަތުގެ އެއްވެސް މުއައްސަސާއަކަށް މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅައި އެ މެމްބަރުންގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކަށް ހުރަހެއް ނޭޅޭނެ. މިކަމުގެ ސަބަބުން 70،000 ރައްޔިތުންގެ ހައްގު ވަނީ ގެއްލިފައި،" ޔުމްނާ ވިދާޅުވި އެވެ.

އަލީ ޒާހިރު ވިދާޅުވީ ސުޕްރީމް ކޯޓުގެ ނިންމުމުގެ މަފްހޫމު އޮޅުވާލައިގެން އަމަލު ކުރަމުން ގެންދާތީ އެކަން ކޯޓުގެ ސަމާލު ކަމަށް ގެނެސް، އޮޅުވާލާ ފަރާތްތަކަށް އެކަން ކޯޓުން ސާފުކޮށް ދޭން ޖެހޭ ކަމަށެވެ. އަދި ސުޕްރީމް ކޯޓަށް އިހްތިރާމްކޮށް، މުއައްސަސާތަކުން ހުކުމް ތަންފީޒު ކުރުމަށް އަލީ ޒާހިރު ގޮވައިލެއްވި އެވެ.

ރިޔާޒް ވިދާޅުވީ ހަތަރު ލީޑަރުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ސިޓީގައި މައިގަނޑު ކަންބޮޑުވުމަކީ 12 މެމްބަރަކަށް މަޖިލީހަށް ވަނުން މަނާކޮށްފައި އޮއްވައި، މަޖިލީހުގެ ޖަލްސާތައް އަންނަ މަހުގެ 5 ގައި ފަށަން އުޅޭތީ ކަމަށެވެ. ރިޔާޒް ވިދާޅުވި ގޮތުގައި ޑިމޮކްރަސީއެއްގައި އިދިކޮޅު ފަރާތްތަކާ ނުލައި މަސައްކަތެއް ނުކުރެވޭނެ އެވެ. އަދި ޖަލްސާތައް އިދިކޮޅު ފަރާތްތަކާ ނުލައި ބާއްވައިގެން ނުވާނެ ކަމަށް ވިދާޅުވި އެވެ.

ބައެއް މުއައްސަސާތަކުން މިވަރުގެ ބޮޑު ޖަރީމާއެއް ހިންގާ އިރު، ސުޕްރީމް ކޯޓުން ހަނު ހުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ވެސް ކުރީގެ ޕޮލިސް ކޮމިޝަނަރު ރިޔާޒް ވިދާޅުވި އެވެ.

މެމްބަރުން ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި ގޮތެއް ނުނިންމާ ލަސްވާތީ، މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ބައްދަލު ކުރެއްވުމަށް ކޮންމެ ދުވަހަކު މެމްބަރުން ކޯޓަށް ވަޑައިގަންނަވަ އެވެ. އެކަމަކު، އެއްވެސް މެމްބަރަކަށް ފަނޑިޔާރުންނާ ބައްދަލު ކުރެއްވޭ ގޮތެއް އަދިއެއް ނުވެ އެވެ.

މަޖިލީހުން ހުސްވެފައިވާ ކަމަށް އީސީ އިން ކަނޑައެޅި ދާއިރާތަކުގެ ބައި އިލެކްޝަން ބާއްވަން، ސަޕްލިމެންޓްރީ ބަޖެޓުން ފައިސާ ހަމަޖައްސައިދީ، މިދިޔަ އަހަރު ނިމުނުއިރު ވެސް އެ އިންތިޚާބުތަކެއް ނުބޭއްވެ އެވެ. އެކަމަކު، އިދިކޮޅު ފަރާތްތަކުން ތަކުރާރުކޮށް ބުނަނީ މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށެވެ.