Roadha Mihaaru
އިދިކޮޅު ލީޑަރުންގެ ކަންބޮޑުވުންތައް އީސީ އަށް

މެމްބަރުންގެ ގޮނޑީގެ މައްސަލައިގައި އިދިކޮޅު ލީޑަރުންގެ ކަންބޮޑުވުން އީސީ އަށް

21 ޖެނުއަރީ 2018

ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު 12 މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައަޅާފައިވާ މައްސަލާގައި އިދިކޮޅު ސިޔާސީ ލީޑަރުންގެ ކަންބޮޑުވުންތައް ހިމެނޭ ސިޓީއެއް އެ ކޮމިޝަނަށް މިއަދު ހުށަހަޅައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު 12 މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައަޅާފައިވާ މައްސަލާގައި އިދިކޮޅު ސިޔާސީ ލީޑަރުންގެ ކަންބޮޑުވުންތައް ހިމެނޭ ސިޓީއެއް އެ ކޮމިޝަނަށް މިއަދު ހުށަހަޅައިފި އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމްގެ އިބްރާހީމްގެ އިތުރުން އަދާލަތުު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ ފަރާތްޕުޅުން އެ ސިޓީ ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުންނާއި ލީޑަރުންގެ މަންދޫބުންނެވެ.

އެ ސިޓީގައި، ލީޑަރުން ކަންބޮޑުވުން ފާޅުކުރައްވާފައި ވަނީ، ގާނޫނުއަސާސީއާ ޚިލާފަށް މެމްބަރުންގެ ގޮނޑި ގެއްލުވާލައި އެ ދާއިރާތަކަށް ނިސްބަތްވާ 60،000 ރައްޔިތުންގެ ހައްގުތައް ގެއްލިފައިވާ މައްސަލައިގަ އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާ އަންނަ މަހުގެ ފަހެއްގައި ބާއްވާއިރު، މަޖިލީހުގެ ޖަލްސާތަކުގައި އެ މެމްބަރުންނަށް ބައިވެރިވެވަޑައިގެންނެވޭތޯ ސާފުކޮށްދޭން ވެސް ލީޑަރުން އެ ސިޓީގައި އެދިވަޑައިގެންނެވި އެވެ.

ގޮނޑި ގެއްލުނު މައްސަލާގައި ލީޑަރުންގެ ފަރާތްޕުޅުން، ސުޕްރީމް ކޯޓަށް ވެސް ވަނީ ސިޓީއެއް ހުށަހަޅައިފަ އެވެ.

އީސީއަށް ސިޓީ ހުށަހެޅުއްވުމަށް ފަހު، އެ ކޮމިޝަންގެ މެމްބަރުންނާ އެކު ބައްދަލުވުމަކަށް، ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުން އެދިވަޑައިގަތެވެ. އެކަމަކު، އެއްވެސް މެމްބަރަކު ބައްދަލު ނުކުރެއްވުމުން، އީސީ ތެރޭގައި ކޮންމެވެސް ވަރަކަށް ހިތްހަމަނުޖެހުންފާޅުކުރި އެވެ.

އީސީ އަށް ވަޑައިގަތް މެމްބަރުން ވިދާޅުވި ގޮތުގައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކަންކަން ކުރަމުންދާ ގޮތުން، "ގާނޫނޫއަސާސީ މަރުވެ، ގައުމު އޮތީ އައިސީޔޫގަ" އެވެ. އެ ހާލަތުގައި، ވެސް ރައްޔިތުންގެ ހައްގުގައި ބަސް ބުނަން ތިބީ ރައްޔިތުންގެ މެމްބަރުން ކަމަށްވާއިރު، އެ މެމްބަރުންގެ ގޮނޑި ގެއްލުވާލައި މަޖިލީހަށް ވެންނެވުމަށް ހުރަސްއަޅައިގެން ތިބުމަކީ އިންސާފެއް ނޫން ކަމަށް ވެސް މެމްބަރުން ވިދާޅުވި އެވެ.

"ސުޕްރީމް ކޯޓުން މިހާތަނަށް ނެތް އަޅުގަނޑުމެންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅާފައި، މިއީ އެތައް ހާސް ރައްޔިތުންގެ ހައްގު ނިގުޅައިގަތުން،" އީސީ ތެރޭގައި ހުންނަވައި ތުލުސް ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ވައްޑެ) ވިދާޅުވި އެވެ.

ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތޮފާ ވިދާޅުވީ ގާނޫނުއަސާސީ އާއި ގާނޫނުތަކުގައި ވަކި ގޮތަކަށް ކަނޑައަޅާފައި ވަނިކޮށް، ވަކި ބަޔަކު އަންގައިގެން އީސީ އަށް ވެސް މެމްބަރުންނާ މެދު ބޭނުން ގޮތެއް ހެދުމުގެ ހައްގެއް ނޯންނާނެ ކަމަށެވެ. އޭނާ އެދިވަޑައިގަތީ، 12 މެމްބަރުންގެ ގޮނޑި ގެއްލިޖެ ކަމަށް ކަނޑައެޅީ ކޮން އުސޫލަކުންތޯ ސާފުކޮށްދޭށެވެ.

"އަޅުގަނޑަކަށް އަދިވެސް ނާންގާ އަޅުގަނޑު ގޮނޑި ގެއްލިއްޖެ ކަމަށް، މަޖިލީހަށް ދިޔައީމަ ސިފައިން ބުނަނީ ވަދެގެން ނުވާނެއޭ. އިލެކްޝަންސް ކޮމިޝަނަށް އައީމަ ބުނަނީ، ތިމަންނަމެންނަކަށް ނޭނގެއޭ،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މުސްތޮފާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ގޮނޑި ގެއްލުވާލި މެމްބަރުން "ހަދާނެ ގޮތެއް، އިންސާފު ހޯދަން ދާންވީ ތަނެއް" ސާފެއް ނޫނެވެ. އެހެންވެ، އެ ޖަވާބު ހޯދަން އަދިވެސް އިލެކްޝަންސް ކޮމިޝަނަށް ވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އީސީން ކަނޑައަޅާފައި ވަނީ، ވިލިނގިލީ ދާއިރާގެ ސައުދު ހުސައިނާއި ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހީމާއި މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާނާއި ދަގެނތީ ދާއިރާގެ އިލްހާމް އަހްމަދާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ އާއި ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ އާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހުމަދާއި ފުވައްމުލަކު އުތުރު ދާއިރާގެ އަލީ ޝާހުގެ ގޮނޑި ގެއްލިފައިވާ ކަމަށެވެ.

މެމްބަރުންގެ ގޮނޑިއާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުގެ ހުކުމާ ޚިލާފަށް ބައެއް މެމްބަރުން ވަކިކޮށްފައިވާތީ، މި މެމްބަރުންގެ ގޮނޑި ނުގެއްލޭނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނިކޮށް، އިންތިޚާބުތައް ބާއްވަން ތައްޔާރުވަމުން އަންނަ ކަމަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ. އެކަމަކު އަދިވެސް އިންތިހާބު ބާއްވާނެ ތާރީހު އިއުލާންކޮށްފައި ނުވާތީ ވެސް އެ ކޮމިޝަނަށް ވަނީ ފާޑުކިއުން އަމާޒުވެފަ އެވެ.