Roadha Mihaaru
ކޭބަލް ޕްރޮޖެކްޓް ކުރިޔަށް ގެންދަން އޭސީސީން ހުއްދަދީފި

މާލެ-ހުޅުމާލެ ހައި ވޮލްޓޭޖް ކޭބަލްގެ މަސައްކަތް ކުރަން އޭސީސީން ހުއްދަ ދީފި

18 ޖެނުއަރީ 2018

ހުޅުމާލެއިން މާލެއަށް ހައި ވޮލްޓޭޖް ކޭބަލެއް އަޅަން ޗައިނާގެ ޑޮންފެން އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަނާ ހަވާލުކުރުން މަޑުޖައްސާލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން އެންގުމަށް ފަހު އެ މަސައްކަތް އަލުން ކުރިޔަށް ގެންދަން ހުއްދަ ދީފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ހުޅުމާލެއިން މާލެއަށް ހައި ވޮލްޓޭޖް ކޭބަލެއް އަޅަން ޗައިނާގެ ޑޮންފެން އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަނާ ހަވާލުކުރުން މަޑުޖައްސާލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން އެންގުމަށް ފަހު އެ މަސައްކަތް އަލުން ކުރިޔަށް ގެންދަން ހުއްދަ ދީފި އެވެ.

އެ ކޭބަލް އަޅަން ޑޮންފެން އިން ހުށަހަޅާފައިވާ އަގަކީ ބޭންކް އިންޓަރެސްޓާ ނުލައި 36.8 މިލިއަން ޑޮލަރު (567.4 މިލިއަން ރުފިޔާ) އެވެ. ޑޮންފެންގެ އިތުރުން ޗައިނާ ނެޝަނަލް އިލެޓްރިކް އިންޖިނިއަރިން އިން ވެސް ބިޑް ހުށަހެޅި އެވެ. އެ ކުންފުނިން ހުށަހެޅީ ބޭންކް އިންޓަރެސްޓާއެކު 44.4 މިލިއަން ޑޮލަރު (684.6 މިލިއަން ރުފިޔާ) އެވެ. އަދި އެ ބިޑް ކާމިޔާބު ކުރިކަން، އޭރު އެ ޕްރޮޖެކްޓް ކުރިޔަށް ގެންދިޔަ އެނާޖީ މިނިސްޓްރީން ވަނީ ޗައިނާގެ ނެޝަނަލް އިލެކްޓްރިކް އިންޖިނިއަރިން ކޯޕަރޭޝަން (ސީއެންއީއީސީ) އަށް މިދިޔަ އަހަރުގެ ނޮވެމްބަރު 13 ގައި ސިޓީއަކުން ވެސް އަންގާފައިވެ އެވެ.

ނަމަވެސް ސަރުކާރުން އެ ޕްރޮޖެކްޓް ކުރިޔަށް ގެންދަން މިދިޔަ ޑިސެމްބަރު މަހު ސްޓެލްކޯއާ ހަވާލުކުރުމުން އެ ކުންފުނިން ވަނީ ދެ ކުންފުނިން ހުށަހެޅި ބިޑް އިވެލުއޭޓްކުރުމަށް ފަހު ޑޮންފެންއާ އެ ޕްރޮޖެކްޓް ހަވާލުކުރަން ނިންމައިފަ އެވެ. އަދި އެ ޕްރޮޖެކްޓް ހަވާލުކުރުން މަޑުޖައްސާލަން އޭސީސީން ފިނޭންސް މިނިސްޓްރީއަށް އެންގުމަށް ފަހު، އެ ކޮމިޝަނުގެ ރައީސް ހަސަން ލުތުފީ ސޮއި ކުރައްވައި އިއްޔެ ފޮނުވި ސިޓީގައި ބުނެފައިވަނީ ވަނީ އެ ކަމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާކަން ފާހަގަކުރެވިނުވާ ކަމަށެވެ.

އެ ކޮމިޝަންގެ ގާނޫނުގެ 25 ވަނަ މާއްދާގައިވާ ފަދައިން އެ މައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންނުވާ މައްސަލައެއް ކަމަށް ކަނޑައަޅައި، ނިންމާފައިވާ ކަމަށެވެ. އަދި އެ ޕްރޮޖެކްޓްގެ މަސައްކަތް މިހާރު ވެސް ނިންމާފައިވާ ގޮތަށް ކުރިޔަށް ގެންދިއުމާމެދު އެ ކޮމިޝަނުގެ މައްސަލައެއް ނެތް ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެ އެވެ.

ސްޓެލްކޯ އިން ކުރިން ބުނެފައިވާ ގޮތުގައި ޑޮންފެންއާ ހަވާލުކޮށްގެން ހުޅުމާލޭގައި ހަދާ 50 މެގަވޮޓްގެ ކަރަންޓް އުފައްދާ ޕަވާ ޕްލާންޓުން މާލެ އަށް ކަރަންޓުގެ ޚިދުމަތް ދިނުމަށް ހުޅުމާލެ އިން މާލެ އަށް އަޅަން ހަމަޖެހިފައި ވަނީ 132 ކިލޯވޮޓްގެ ހައި ވޮލްޓޭޖް ކޭބަލެކެވެ. އަދި އެއީ ކުއްލި ހާލަތްތަކުގައި މާލޭގެ އިތުރުން ހުޅުލެ އަށް ކަރަންޓް ދޭން ބޭނުން ކުރަން އަޅާ ކޭބަލެއް ކަމަށް ވެސް އެ ކުންފުނިން ބުނެފައި ވެ އެވެ.

ޑޮންފެން އިން ހުޅުމާލޭގައި ކުރިއަށް ގެންދާ ސްޓެލްކޯގެ ފަސް ވަނަ ޕަވާ ޕްރޮޖެކްޓްގެ 1.2 ބިލިއަން ރުފިޔާގެ މަޝްރޫއު ހިންގަނީ ތިން ބަޔަކަށް ބަހާލައިގެންނެވެ. އެ މަޝްރޫއުގެ ދަށުން 8.9 މެގަވޮޓްގެ ހަ ޖަނަރޭޓަރުގެ އިތުރުން ފިއުލް ފާމަކާއި ވޯޓާ ޑީސެލިނޭޝަން ފެސިލިޓީއެއް ގާއިމުކުރަން ނިންމާފައިވާ ކަމަށް ވެސް ސްޓެލްކޯ އިން ބުންޏެވެ.