Roadha Mihaaru
ކޭބަލް އެޅުން ހަވާލުކުރުން މަޑުޖައްސާލަން އަންގައިފި

މާލެ-ހުޅުމާލެއާ ދެމެދު ހައި ވޮލްޓޭޖް ކޭބަލް އެޅުމުގެ މަސައްކަތް ހަވާލުކުރުން މަޑުޖައްސާލަން އޭސީސީން އަންގައިފި

11 ޖެނުއަރީ 2018

މާލެ-ހުޅުމާލެއާ ދެމެދު ހައި ވޮލްޓޭޖް ކޭބަލް އަޅަން ޗައިނާގެ ޑޮންފެން އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަނާ ހަވާލުކުރުން މަޑުޖައްސާލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން އަންގައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

މާލެ-ހުޅުމާލެއާ ދެމެދު ހައި ވޮލްޓޭޖް ކޭބަލް އަޅަން ޗައިނާގެ ޑޮންފެން އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަނާ ހަވާލުކުރުން މަޑުޖައްސާލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން އަންގައިފި އެވެ.

އެ ކޭބަލް އަޅަން ޑޮންފެންއިން ހުށަހަޅާފައި ވަނީ ބޭންކް އިންޓަރެސްޓާ ނުލައި 38.6 މިލިއަން ޑޮލަރު (567.4 މިލިއަން ރުފިޔާ) އެވެ. ޑޮންފެންގެ އިތުރުން ޗައިނާ ނެޝަނަލް އިލެޓްރިކް އިންޖިނިއަރިން އިން ވެސް ބިޑް ހުށަހެޅި އެވެ. އެ ކުންފުނިން ހުށަހެޅީ ބޭންކް އިންޓަރެސްޓާއެކު 44.4 މިލިއަން ޑޮލަރު (684.6 މިލިއަން ރުފިޔާ) އެވެ. އަދި އެ ބިޑް ކާމިޔާބު ކުރިކަން، އޭރު އެޕްރޮޖެކްޓް ކުރިޔަށް ގެންދިޔަ އެނާޖީ މިނިސްޓްރީން ވަނީ ޗައިނާ ނެޝަނަލް އިލެކްޓްރިކް އިންޖިނިއަރިންއަށް މިދިޔަ އަހަރުގެ ނޮވެމްބަރު 13 ގައި ސިޓީއަކުން ވެސް އަންގާފައިވެ އެވެ.

އޭސީސީގެ ނައިބު ރައީސް މުއައްވިޒް ރަޝީދު ސޮއިކުރައްވައި މިދިޔަ އާދީއްތަ ދުވަހު ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ ކޭބަލް އެޅުމުގެ ޕްރޮޖެކްޓް ވަކި ފަރާތަކަށް އެވޯޑުކޮށްފައި ވަނިކޮށް، ޕްރޮޖެކްޓް އެވޯޑް ކުރިތާ 17 ދުވަސް ފަހުން، އެ ކޮންޓްރެކްޓް އެވޯޑްކުރި ސިޓީ އަނބުރާ ގެންގޮސް، ޕްރޮޖެކްޓްގެ މަސައްކަތް ސަރުކާރު ހިއްސާވާ ކުންފުންޏަކާ ހަވާލުކުރުމަށްޓަކައި ސްޓެލްކޯއާ ހަވާލުކޮށްފައިވާ ކަމަށެވެ.

އަދި ސްޓެލްކޯ އިން އެ ޕްރޮޖެކްޓް ޓެންޑާ ކުރުމެއް ނެތި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެހެން ފަރާތަކަށް ހަވާލުކޮށްފައިވާ ކަމަށް ބުނެ އޭސީސީއަސް ޝަކުވާ ލިބިފައިވާ ކަމަށް ވެސް އެ ކޮމިޝަނުން ފިނޭންސް މިނިސްޓަރަށް ފޮނުވި ސިޓީގައި ވެ އެވެ.

"މިހާރު" އަށް ކޮޕީއެއް ލިބިފައިވާ އެ ސިޓީގައި މާލިއްތަތު ގަވާއިދާ ހަވާލާދީ ބުނެފައިވަނީ، ދައުލަތުގެ ފަރާތުން ރައްޔިތުންނަށް ދޭން ޖެހޭ ޚިދުމަތެއް ބީލަމަށް ނުލައި، ސަރުކާރުގެ އަޣުލަބިއްޔަތު ހިއްސާ އޮންނަ ކުންފުންޏަކާ ނުވަތަ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގައި ލިސްޓް ކޮށްފައިވާ ސަރުކާރުގެ ހިއްސާ ހިމެނޭ ކުންފުންޏަކާ ނުވަތަ ގައުމީ ޖަމިއްޔާއެއް ނުވަތަ ޖަމާއަތެއް ކަމަށް ސަރުކާރުން ގަބޫލު ކުރާ މުއައްސަސާއަކާ ހަވާލުކޮށްގެން އެ މަސައްކަތް ކުރިޔަށް ގެންދެވިދާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. އެކަމަކު އެ މާއްދާގައި އެގޮތަށް ބަޔާން ކުރުމުގެ މަފްހޫމަކީ އެ ޕްރޮޖެކްޓެއްގެ މަސައްކަތް ކުރެވޭވަރުގެ ފެންވަރު ހުރި ގާބިލް ފަރާތަކާ އެ މަސައްކަތް ހަވާލުކޮށްގެން ކުރިއަށް ގެންދިއުން ކަމުގައި ދެކޭ ކަމަށް ކޮމިޝަނުން ބުނެ އެވެ.

"ނަމަވެސް މި ޕްރޮޖެކްޓް ސްޓެލްކޯއާ ހަވާލުކުރުމުން، އެއްވެސް އިއުލާނެއް ކުރުމެއް ނެތި އެހެން ފަރާތަކާ ހަވާލުކޮށްފައި ވުމުން، މާލިއްޔަތު ގަވައިދުގެ 10.27 (ހ) މަގުސަދު ގެއްލޭކަން މި ކޮމިޝަނުން ދެކޭތީ އާއި އަދި އެކަމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަން ހިނގައި ދިއުމުގެ ފުރުސަތު އޮތުމުން އެ މައްސަލާގައި ކަން ހިނގާފައިވާ ގޮތެއް މި ކޮމިޝަނުން މިގެންދަނީ ބަލަމުންނެވެ،" އޭސީސީގެ ސިޓީގައިވެ އެވެ.

"ވީމާ، މި މައްސަލަގައި ކަން ހިނގާފައިވާ ގޮތެއް މި ކޮމިޝަނުގެ ފަރާތުން ބަލަމުންދާތީ، މައްސަލަ ބެލުމަށް ފަހު، މި ކޮމިޝަނުން ވަކި އެއްޗެއް އަންގަންދެން، މި ޕްރޮޖެކްޓްގެ ޕްރޮސެސް އިތުރަށް ކުރިޔަށް ނުގެންދަވައި މަޑުޖައްސަވާލަ ދެއްވުމަށް ދަންނަވަމެވެ."

މި މައްސަލާގައި މުއައްވިޒް މިއަދު "މިހާރު" އަށް ވިދާޅުވީ ކޭބަލް ޕްރޮޖެކްޓް އެވޯޑުކުރުމާ ބެހޭ މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ. އަދި އެ މައްސަލައާ މެދު އިތުރު އެއްޗެއް މިވަގުތު ދެންނެވެން ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

ސްޓެލްކޯގެ އިސް އޮފިޝަލަކު "މިހާރު" އަށް މިއަދު ވިދާޅުވީ، ފިނޭންސް މިނިސްޓްރީން ވަކި ގޮތެއް މިހާތަނަށް އަންގާފައި ނުވާ ކަމަށެވެ. އެހެންވެ ކޭބަލް ޕްރޮޖެކްޓް ހުއްޓާނުލައި ކުރިއަށް ގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕްރޮޖެކްޓާ ގުޅޭ ޑޮކިއުމެންޓްތަކެއް އޭސީސީން ގެންދިޔަ. އެކަމަކު ޕްރޮޖެކްޓް ހުއްޓާލަން ފިނޭންސް މިނިސްޓްރީން އަންގާފައި ނުވާތީ، ޕްރޮޖެކްޓް ކުރިއަށް އެބަގެންދަން،" އޮފިޝަލް ވިދާޅުވި އެވެ.

ސްޓެލްކޯއިން ކުރިން ބުނެފައި ވަނީ ޑޮންފެންއާ ހަވާލުކޮށްގެން ހުޅުމާލޭގައި ހަދާ 50 މެގަވޮޓްގެ ކަރަންޓް އުފައްދާ ޕަވާ ޕްލާންޓުން މާލެއާ ދެމެދު އެޅުމަށް ހަމަޖެހިފައި ވަނީ 132 ކިލޯވޮޓްގެ ހައި ވޮލްޓޭޖް ކޭބަލެކެވެ. އަދި އެއީ ކުއްލި ހާލަތްތަކުގައި މާލޭގެ އިތުރުން ހުޅުލެއަށް ކަރަންޓް ދޭން ބޭނުންކުރަން އަޅާ ކޭބަލެއް ކަމަށް ވެސް އެ ކުންފުނިން ބުނެފައި ވެ އެވެ.

ސްޓެލްކޯގެ އޮފިޝަލަކު އިއްޔެ ވިދާޅުވެފައި ވަނީ މާލެ އާއި ހުޅުމާލެއާ ދެމެދު ހައި ވޮލްޓޭޖް ކޭބަލް އަޅަން ޑޮންފެންއާ ހަވާލުކުރަން ނިންމި ނަމަވެސް އެ ކުންފުންޏާއެކު އެއްބަސްވުމުގައި ސޮއިކުރާނެ ދުވަހެއް ނޭނގޭ ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓަރު މުނައްވަރުގެ ބަހެއް މިއަދު ލިބޭ ގޮތެއްނުވި އެވެ. ފިނޭންސް މިނިސްޓަރަށް ގުޅާލުމުން ވިދާޅުވީ މިވަގުތު ހުންނެވީ ބޭސްފަރުވާއަކަށް ރާއްޖެއިން ބޭރުގައި ކަމަށާއި އަންނަ އާދީއްތަ ދުވަހު ރާއްޖެ ވަޑައިގަންނަވާނެ ކަމަށެވެ. އަދި އެސްއެމްއަކުން އެ ސުވާލު ފޮނުވުމުން ވެސް ޖަވާބެއް ނުދެއްވި އެވެ.

ހުޅުމާލޭގައި ސްޓެލްކޯއިން ކުރިއަށް ގެންދާ ފަސްވަނަ ޕަވާ ޕްރޮޖެކްޓްގެ 1.2 ބިލިއަން ރުފިޔާގެ މަޝްރޫއު ހިންގަނީ ތިން ބަޔަކަށް ބަހާލައިގެންނެވެ. އެ މަޝްރޫއުގެ ދަށުން 8.9 މެގަވޮޓްގެ ހަ ޖަނަރޭޓަރުގެ އިތުރުން ފިއުލް ފާމަކާއި ވޯޓާ ޑީސެލިނޭޝަން ފެސިލިޓީއެއް ގާއިމުކުރަން ނިންމާފައިވާ ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.