Roadha Mihaaru
ވިލާގެ މައްސަލާގައި ރަނގަޅު ނިޝާންތަކެއް ފެނޭ: މަޓީ

ވިލާގެ ރިސޯޓުތަކުގެ މައްސަލާގައި ކުރި މަޝްވަރާއިން ރަނގަޅު ނިޝާންތަކެއް އަންނަނީ ފެންނަމުން: މަޓީ

22 ޖެނުއަރީ 2018

ވިލާ ހޮޓެލްސް އިން ހިންގާ ރިސޯޓުތަކަށް މިހާރު ދިމާވެފައިވާ މައްސަލަ ހައްލުކުރަން ސަރުކާރާ އެކު ކުރަމުން އަންނަ މަޝްވަރާތަކުން ރަނގަޅު ނިޝާންތަކެއް ފެންނަމުން އަންނަ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ން މިއަދު ބުނެފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ވިލާ ހޮޓެލްސް އިން ހިންގާ ރިސޯޓުތަކަށް މިހާރު ދިމާވެފައިވާ މައްސަލަ ހައްލުކުރަން ސަރުކާރާ އެކު ކުރަމުން އަންނަ މަޝްވަރާތަކުން ރަނގަޅު ނިޝާންތަކެއް ފެންނަމުން އަންނަ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ން މިއަދު ބުނެފި އެވެ.

"މިހާރު"އަށް ދެއްވި އިންޓަވިއުއެއްގައި އެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ނަޒީރު ވިދާޅުވީ ވިލާގެ ރިސޯޓުތަކަށް ދިމާވެފައިވާ މައްސަލަ ކޮންމެވެސް ގޮތަކުން ހައްލުކުރެވޭތޯ ސަރުކާރުން މަސައްކަތްކުރާ ކަމަށް މިއަދު ވެސް އެނގިވަޑައިގެންފައިވާ ކަމަށެވެ. އަދި އެއީ "ޕޮޒިޓިވް ސައިންތަކެއް" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަޓީގެ ކުރީގެ ވައިސް ޗެއާމަން އަދި ފައުންޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ގާސިމް އިބްރާހިމްގެ ރޯޔަލް އައިލެންޑް ރިސޯޓުން ބަނގުރަލާއި އޫރުމަސް އޭނާގެ އެހެން ރިސޯޓްތަކަށް ގެންދާ މައްސަލާގައި އެ ރިސޯޓްތަކަށް ކަސްޓަމްސްގެ އޮފިސަރުން އަރައި ވަނީ ފާސްކޮށްފަ އެވެ. އަދި ފަން އައިލެންޑް ރިސޯޓުގައި ހުރި ގިނަ އަދަދެއްގެ ރާ ވެސް ވަނީ ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

ނަޒީރު ވިދާޅުވީ ވިލާއިން ހިންގާ ރިސޯޓުތަކަށް ދިމާވެފައިވާ މައްސަލައާ ބެހޭ ވަރަށް ތަފުސީލް ސިޓީއެއް އެ ކުންފުނިން އިއްޔެ ފޮނުވި ކަމަށެވެ. އަދި އެކަމާ ބެހޭ ގޮތުން މަޓީގެ ބޯޑުގައި މަޝްވަރާކުރުމަށް ފަހު އެ ޖަމިއްޔާގެ ވައިސް ޗެއާމަން ހުސެއިން އަފީފް ޓޫރިޒަމް މިނިސްޓަރާ ބައްދަލުކުރައްވައި އެ މައްސަލައިގެ ތަފުސީލް ދެއްވާފައިވާ ކަމަށް ވެސް ނަޒީރު ވިދާޅުވި އެވެ.

"އެ ސިޓީއާ ބެހޭ ގޮތުން ބޯޑުގައި އިއްޔެ މަޝްވަރާކުރުމަށް ފަހު ވަގުތުން ޓޫރިޒަމް މިނިސްޓަރާ ބައްދަލުކުރި. އެ ކަމުގެ ހުރި މައްސަލަތައް އެމަނިކުފާނަށް ސާފުކޮށް އަރުވައިދީފައިވާނެ. އެމަނިކުފާނު އެޝުއާ [ޔަގީން]ކޮށްދެއްވި އަޅުގަނޑުމެންނަށް އެކަމުގައި ސަރުކާރަށް ކޮށްދެވެން ހުރި ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

ނަޒީރު ވިދާޅުވީ ރިސޯޓުތަކުން ޓޫރިސްޓުންނަށް ދޭ ހިދުމަތްތަކެއް ނުލިބޭ ނަމަ އެކަމުގެ ސަބަބުން "ކޮންމެވެސް ކަންތައްތަކެއް" ކުރިމަތިވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް އެކަމާ މެދު ޓުއާ އޮޕަރޭޓަރުން މިވަގުތު މައްސަލަ ޖައްސައިގެން އުޅޭ ކަން އެނގިފައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ނަމަވެސް ފަހުން އެ މައްސަލަ ދިމާވުން އެކަށީގެންވޭ. އަބަދުވެސް މިކަހަލަ ކަމެއް ދިމާވީމަ ހައްލުކޮށްގެން ކުރިޔަށް ގޮސްފައި އޮތީ މިހާތަނަށް،" ނަޒީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ޖަމިއްޔާއަކީ މެމްބަރުންގެ ކަންބޮޑުވުންތައް ހިއްސާކުރަން އުފައްދާފައިވާ ޖަމިއްޔާއެއް ކަމަށާއި އަދި މެމްބަރަކަށް މައްސަލައެއް ދިމާވެއްޖެ ނަމަ ވަގުތުން އެކަމެއް ހައްލުކުރަން ނުކުންނަވާނެ ކަމަށެވެ.

"އެއީ އަޅުގަނޑުމެންގެ ޕޮލިސީއަކީ. އެ މަސައްކަތްތައް ވަރަށް ގިނަ ފަހަރު އަޅުގަނޑުމެންނަށް ކާމިޔާބުވެފައި ހުރީ،" ނަޒީރު ވިދާޅުވި އެވެ.