Roadha Mihaaru
ޓޫރިސްޓުން ތިބީ ހާސްކަމެއްގައި: ޖަރުމަނު ސަފީރު

ވިލާގެ ރިސޯޓްތަކުގައި ޓޫރިސްޓުން ތިބީ ހާސްކަމެއްގައި: ޖަރުމަނު ސަފީރު

22 ޖެނުއަރީ 2018

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުނިން ހިންގާ ރިސޯޓްތައް ފާސްކުރުމުގެ އޮޕަރޭޝަންތަކާ ހެދި އެ ރިސޯޓްތަކުގައި ޓޫރިސްޓުން ތިބީ ހާސްކަމެއްގެ ތެޜޭގައި ކަމަށް، ޖަރުމަނުން ރާއްޖެ އާއި ސްރީ ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ޖެން ރޮޑާ މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުނިން ހިންގާ ރިސޯޓްތައް ފާސްކުރުމުގެ އޮޕަރޭޝަންތަކާ ހެދި އެ ރިސޯޓްތަކުގައި ޓޫރިސްޓުން ތިބީ ހާސްކަމެއްގެ ތެޜޭގައި ކަމަށް، ޖަރުމަނުން ރާއްޖެ އާއި ސްރީ ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ޖެން ރޮޑާ މިއަދު ވިދާޅުވެއްޖެ އެވެ.

ހުއްދަ ނެތި ވިލާގެ ރިސޯޓްތަކަށް ގެންގޮސްފައި ހުރި ކަމަށް ބުނާ ރަލާއި އޫރު މަސް ހޯދައި އެ ތަކެތި ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންދިއުމަށް ހިންގި އޮޕަރޭޝަނާ ބެހޭ ގޮތުން ސަފީރު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ރިސޯޓުތަކުގެ ފަރާތުން ވާހަކަ ދެއްކި މީހުންނާއި ޓޫރިސްޓުން ވެސް ތިބީ ފާސްކުރުމުގެ އޮޕަރޭޝަންރަކާ ހެދި ހާސްކަމެއްގެ ތެރޭގައި ކަން އެ ފަރާތްތަކުން މައުލޫމާތު ދީފައިވާ ކަމަށެވެ.

މީގެ އިތުރުން ސަފީރު ވިދާޅުވި ގޮތުގައި، މި ކަންކަމާ ގުޅިގެން ޖަރުމަނުން މިހާރު ވަނީ ރާއްޖެއަށް ދަތުރު ކުރުމުގައި ސަމާލުވުމަށް ނެރެފައިވާ ޓްރެވަލް އެޑްވައިޒަރީ ވެސް އަޕްޑޭޓްކޮށްފަ އެވެ. އެކަމަކު ޖަރުމަން ފޮރިން މިނިސްޓްރީގެ ވެބްސައިޓުން ދައްކާ ގޮތުން ރާއްޖެއާ ބެހޭ ގޮތުން އެންމެ ފަހުން ޓްރެވަލް އެޑްވައިޒަރީއެއް ނެރެފައި ވަނީ މިދިޔަ އަހަރުގެ އޭޕްރީލް 6 ގަ އެވެ. އޭގެ ފަހުން އެއަށް ބަދަލެއް ގެނެސްފައެއް ނުވެ އެވެ.

ޓްރެވަލް އެޑްވައިޒަރީ އަޕްޑޭޓްކޮށްފައިވާ ކަމަށް ސަފީރު ވިދާޅުވިޔަސް އެކަމާ ބެހޭ ތަފްސީލެއް ޓްވީޓްގައި ވިދާޅުވެފައެއް ނުވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ހުށަހެޅި ކަމުގެ ކުށުގައި ތިން އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައި ވަނިކޮށް ބޭސްފަރުވާ އަށް ސިންގަޕޫރަށް ވަޑައިގަތުމަށް ފަހު ގާސިމް މިހާރު އުޅުއްވަނީ ޖަރުމަން ސަރުކާރުގެ ހާއްސަ ހުއްދައެއްގެ ދަށުން ޖަރުމަނުގަ އެވެ.

ޖަރުމަން ސަފީރުގެ ޓްވީޓް

ވިލާގެ ސަން އައިލެންޑާއި ޕެރަޑައިސް އައިލެންޑް އަދި ފަން އައިލެންޑުގެ އިތުރުން ހޮލިޑޭ އައިލެންޑް ރިސޯޓަށް ރަލާއި އޫރު މަސް އެތެރެކުުރުމުގެ ހުއްދަ މިދިޔަ އަހަރުގެ މާޗު 22 އިން ފެށިގެން ވަނީ ހިފަހައްޓައިފަ އެވެ. އޭގެ އިތުރުން ރޯޔަލް އައިލެންޑް ރިސޯޓަށް ރަލާއި ބަނގުރާ އެތެރެކުރުމަށް ދީފައިވާ ހުއްދަ އިކޮނޮމިކް މިނިސްޓްރީން ހަ މަސް ދުވަހަށް ހިފަހައްޓާފަ އެވެ. ކަސްޓަމްސް އިން ބުނީ އެކަން ކުރީ މީރާއަށް ދައްކަންޖެހޭ ފައިސާ ގަވާއިދާ އެއްގޮތަށް ނުދައްކާތީ، އެތަނުގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުންނެވެ.

ނަމަވެސް ޓޫރިޒަމް މިނިސްޓްރީން މިއަދު ވަނީ، ގާސިމްގެ ރިސޯޓުތަކަށް ރަލާއި އޫރުމަސް އެތެެރެކުރަން 14 ދުވަހުގެ ވަގުތީ ލައިސަންސެއް ދޭން ނިންމައިފަ އެވެ.