Roadha Mihaaru
ފާރިސްގެ އިސްތިއުނާފް މައްސަލަ، ބޮޑު ކަންބޮޑުވުމެއް

ފާރިސްގެ އިސްތިއުނާފް މައްސަލަ، އެންމެ ބޮޑު ކަންބޮޑުވުން

24 ޖެނުއަރީ 2018

ރައްޔިތުންގެ މަޖިލީހުުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ބަންދުގައި ހުންނަތާ ހަ މަސް ވީ އެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރަނީ މަޖިލީހުގެ މެމްބަރަކަށް ރިޝްވަތު ހުށަހެޅުމެވެ. އެ މައްސަލާގައި ފާރިސްގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ކޯޓުގައި ޝަރީއަތް މިހާރު ދަނީ ހިނގަމުންނެވެ. ފާރިސްގެ މައްސަލާގައި ގިނަ ބައެއްގެ ފާޑުކިޔުން އެންމެ ބޮޑަށް އަމާޒުވި އެއް ކަމަކީ، އަދި މިވަގުތު އޭނާއާ ގުޅޭ އެންމެ ބޮޑު ކަންބޮޑުވުމަކީ ވެސް ބަންދުގައި ހުންނަވަން ޖެހުމެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލީހުުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ބަންދުގައި ހުންނަތާ ހަ މަސް ވީ އެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރަނީ މަޖިލީހުގެ މެމްބަރަކަށް ރިޝްވަތު ހުށަހެޅުމެވެ. އެ މައްސަލާގައި ފާރިސްގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ކޯޓުގައި ޝަރީއަތް މިހާރު ދަނީ ހިނގަމުންނެވެ. ފާރިސްގެ މައްސަލާގައި ގިނަ ބައެއްގެ ފާޑުކިޔުން އެންމެ ބޮޑަށް އަމާޒުވި އެއް ކަމަކީ، އަދި މިވަގުތު އޭނާއާ ގުޅޭ އެންމެ ބޮޑު ކަންބޮޑުވުމަކީ ވެސް ބަންދުގައި ހުންނަވަން ޖެހުމެވެ.

ފާރިސްގެ ވަކީލުން ވެސް އެންމެ ބޮޑު އިސްކަމެއް ދެމުން އައީ ފާރިސް ބަންދުން މިނިވަން ކުރުމަށެވެ. ފާރިސް ބަންދުގައި ބަހައްޓަން ކުރި އަމުރު ފާރިސްގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފްކޮށް، އެ މައްސަލަ ހިނގަމުން ދަނިކޮށް ފާރިސް މިނިވަންވާނެ ކަމުގެ އުއްމީދު އޭނާގެ ވަކީލުންނަށް ލިބުނީ ފާރިސްއާ އެއް މައްސަލައެއްގައި ހައްޔަރުކުރި އަހުމަދު ޝާފިއުއަށް ހައި ކޯޓުން ކުރި ހުކުމުންނެވެ.

ޝާފިއު ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމި ނިންމުމަށް ހައި ކޯޓުން ތާއީދު ކުރުމާ އެކު، ފާރިސްގެ ވަކީލުން ބުނަމުން ގެންދިޔައީ ފާރިސްގެ މައްޗަށް ވެސް ކުރަނީ ޝާފިއުގެ މައްޗަށް ކުރި ތުހުމަތު ކަމަށާއި އެހެންވެ، އެ ހުކުމް އޮތް ގޮތުން ހައި ކޯޓުން ފާރިސް މިނިވަންވާނެ ކަމުގެ އުއްމީދު ވަރަށް ބޮޑު ކަމަށެވެ.

"ރިޝްވަތުގެ މައްސަލައަކީ އެއީ ޖިނާއީ ބޮޑު މައްސަލައެއް ނޫން ކަން ހައި ކޯޓުން ކަނޑައަޅުއްވާފައިވޭ. އަދި ޖިނާއީ ބޮޑެތި މައްސަލަތައް ނޫން އެހެން މައްސަލަތަކުގައި މީހަކު ބަންދުގައި ބެހެއްޓޭނީ އެންމެ ގިނަވެގެން 15 ދުވަހަށް ކަމަށް. އަޅުގަނޑުމެން ނުދެކެން މިދެންނެވި މައްސަލައަށް ބަލާފައި ފާރިސްގެ މައްސަލަ ވެސް އެ ނޫން ގޮތަކަށް ނިމޭނެ ކަމަކަށް،" ޝާފިއުގެ މައްސަލާގައި ހައި ކޯޓުން ކުރި ހުކުމަށް އިޝާރާތް ކުރައްވައި، ފާރިސްގެ ވަކީލް މައުމޫން ހަމީދު ކުރިން ވިދާޅުވެފައިވެ އެވެ.

އެކަމަކު ފާރިސްގެ މައްސަލަ އިސްތިއުނާފް ކުރިތާ ފަސް މަހަށް ވުރެ ގިނަ ދުވަސް ވީއިރު ވެސް ހައި ކޯޓުން ގޮތެއް ނުނިމި އޮތުމަކީ ފާރިސްގެ ވަކީލުންގެ މިހާރުގެ އެންމެ ބޮޑު ކަންބޮޑުވުމެވެ. ފާރިސްގެ މައްޗަށް ދައުވާކޮށް، ކްރިމިނަލް ކޯޓުގައި ދެ މައްސަލައެއް ހިނގަމުން ދާއިރު އެ މައްސަލަތަކާ ގުޅިގެން ވެސް ދިފާއުވުމަށް އެކަށީގެންވާ ފުރުސަތު ނުލިބެނީ ބަންދުގައި ހުންނަން ޖެހުމުން ކަމަށް ބުނެ، އެކަމުގެ ޝަކުވާ ފާރިސް އާއި ވަކީލުން ކުރިން ވަނީ ކޮށްފަ އެވެ.

ފާރިސް ބަންދުކުރި މައްސަލާގެ އިސްތިއުނާފް އަޑުއެހުންތައް ހައި ކޯޓުން ފުރަތަމަ ނިންމާލީ މިދިޔަ އޮގަސްޓް މަހު ކުރީކޮޅު އެވެ. އޭރު އަޑުއެހުން ނިންމާލީ ވަރަށް އަވަހަށް އެ މައްސަލާގައި ގޮތެއް ނިންމާނެ ކަން އިއުލާން ކުރުމަށް ފަހު އެވެ. އޮގަސްޓް މަހު ފަހުކޮޅު އެ މައްސަލައިގެ ހުކުމް އިއްވަން ތާވަލް ކުރުމަށް ފަހު ވަނީ ކެންސަލްކޮށްފަ އެވެ.

އޭގެ ފަހުން، ޖެހިގެން އައި ސެޕްޓެމްބަރު މަހު ފަހުކޮޅު އެ މައްސަލައިގެ އަޑުއެހުމެއް ބޭއްވިއިރު އެ މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗް އޮތީ ބަދަލުވެފަ އެވެ. އެ މައްސަލަ ބަލާ ބެންޗުގެ ރިޔާސަތު އެންމެ ފުރަތަމަ ބެލެހެއްޓެވި ފަނޑިޔާރު އަލީ ސަމީރުގެ ބަދަލުގައި ފަނޑިޔާރު ޝުޖާއު އުސްމާނު އެ ބެންޗުގެ ރިޔާސަތަށް ވަނީ ހަމަޖައްސައިފަ އެވެ. ބެންޗް ބަދަލުކުރީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ، އެކަމުގެ ޝަކުވާ ވަކީލުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާތީ އެކަމުގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމަންދެން އިސްތިއުނާފް އަޑުއެހުންތައް އޭރު ހައި ކޯޓުން މަޑުޖައްސާލި އެވެ.

ބެންޗް ބަދަލުކުރި މައްސަލާގައި ވަކީލުން ހުށަހެޅި ޝަކުވާއާ ގުޅިގެން ސުޕްރީމް ކޯޓުން ޖަވާބު ދިނީ ބެންޗް ބަދަލުކުރި ކުރުމުގެ ސައްހަކަމާ މެދު ގޮތެއް ނިންމަން ޖެހޭނީ ހައި ކޯޓުން ކަމަށެވެ. ސުޕްރީމް ކޯޓުގެ އެ އެންގުމާ ގުޅިގެން، މަހެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު އިސްތިއުނާފް އަޑުއެހުންތައް ހައި ކޯޓުން ފެށީ އޮކްޓޫބަރު މަހުގެ ފަހުކޮޅު އެވެ. ބެންޗް ބަދަލުކުރީ ރަނގަޅަށް ކަމަށް ހައި ކޯޓުން ކަނޑައެޅުމުން ފާރިސްގެ ވަކީލުން އެދުނީ މައްސަލައާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށްޓަކައި އިތުރު ފުރުސަތަކަށެވެ. އެ ފުރުސަތު ދިނުމަށް ފަހު ނޮވެމްބަރު މަހު ބޭއްވި އަޑުއެހުމުގައި، އެ ބެންޗާ އެކު އިތުރު ވާހަކައެއް ދައްކަން ބޭނުން ނުވާ ކަމަށް ފާރިސް ވިދާޅުވުމުން އެދުވަހު ވަނީ އަނެއްކާވެސް އެ މައްްސަލައިގެ އަޑުއެހުންތައް ނިންމާލައިފަ އެވެ.

ނޮވެމްބަރު މަހުގެ ފަހުން އަޑުއެހުމެއް ތާވަލް ނުކޮށް އޮއްވާ، އެ މައްސަލަ ބަލަމުން އައި ބެންޗު މިހާރު ވަނީ އުވިފަ އެވެ. އެ ބެންޗު އުވެން މެދުވެރިވި ސަބަބަކީ އެ ބެންޗުގެ ރިޔާސަތު އެންމެ ފަހުން ބެލެހެއްޓެވި ފަނޑިޔާރު ޝުޖާއު މާލޭގެ ހައި ކޯޓުގައި މަސައްކަތް ކުރެއްވުމުގެ މުއްދަތު މިދިޔަ މަހު ހަމަވުމެވެ. އައްޑޫގައި ހުންނަ ހައި ކޯޓުގެ ދެކުނު ގޮފީގައި މަސައްކަތް ކުރައްވާ ފަނޑިޔާރު ޝުޖާއު މާލޭގައި އޭރު މަސައްކަތް ކުރެއްވީ މާލޭގައި ހުރި މައްސަލަތައް އަވަސް ކުރުމަށްޓަކައި ސުޕްރީމް ކޯޓުން ހަމަޖެއްސި ގޮތުގެ މަތިން، ސެޕްޓެމްބަރު މަހުން ފެށިގެން ތިން މަހަށެވެ. އެ މުއްދަތު މިދިޔަ ޑިސެމްބަރު މަހު ވަނީ ހަމަވެފަ އެވެ.

އެހެންވުމުން ދެން އެ މައްސަލަ ކުރިއަށް ގެންދެވެން އޮތީ ބެންޗުގެ ރިޔާސަތަށް އާ ފަނޑިޔާރަކު ހަމަޖައްސައިގެންނެވެ. ސަބަބަކީ ހައި ކޯޓުން އާންމުކޮށް އަމަލުކުރާ އުސޫލަކީ އަޑުއެހުންތައް ނިންމާލާފައި އޮތަސް، ބެންޗުގެ ފަނޑިޔާރަކު ބަދަލުވެއްޖެ ނަމަ ހުކުމުގެ ކުރިން އިތުރު އަޑުއެހުމެއް ބޭއްވުމެވެ. އެކަމަކު ފާރިސްގެ ވަކީލުން ބުނަމުން ގެންދަނީ އެންމެ ފުރަތަމަ އެ މައްސަލަ ބެލި ބެންޗުން އެ މައްސަލައިގެ އަޑުއެހުންތައް އޮތީ ނިންމާލާފައި ކަމަށް ވާތީ، އެ މައްސަލައިގެ ހުކުމް އެ ބެންޗަށް މިހާރު އިއްވޭނެ ކަމަށެވެ.

ފާރިސްގެ ވަކީލު މައުމޫން ހަމީދު:.---މިހާރު ފޮޓޯ/ހުސެއިން ވަހީދު

ފާރިސްގެ ވަކީލު މައުމޫން ހަމީދު:.---މިހާރު ފޮޓޯ/ހުސެއިން ވަހީދު

އާންމުކޮށް ބަންދާ ގުޅޭ މައްސަލަތައް ހައި ކޯޓުން ވަރަށް އަވަހަށް ނިންމަ އެވެ. ނަމަވެސް، އެކި ސަބަބުތަކާ ހުރެ ފާރިސްގެ އިސްތިއުނާފްގެ މައްސަލަ ލަސްވަމުން ގޮސް މިހާރު މިވަނީ ފަސް މަހަށް ވުރެ ގިނަ ދުވަސް ވެފަ އެވެ. ފާރިސްގެ ވަކީލުން އެންމެ ބޮޑު ކަންބޮޑުވުމަކީ ވެސް އެއީ އެވެ. ބަންދުގައި ފާރިސް ހުންނެވުމުން އެތައް ހައްގެއް ގެއްލެމުންދާ ކަމަށް ބުނެ، ފާރިސްގެ އިސްތިއުނާފް މައްސަލަ އަވަހަށް ނިންމައިދޭން ހައި ކޯޓާއި ސުޕްރީމް ކޯޓުގައި ވަކީލުން ވަނީ އެދިފަ އެވެ.

"ވަކި ބޭފުޅެއްގެ މައްސަލައެއް ނޫން. އާންމު އުސޫލެއްގެ ގޮތުން އަޅުގަނޑުމެންނަށް މިހާތަނަށް ފާހަގަވެފައި އޮތީ ދިވެހިރާއްޖޭގެ ހައި ކޯޓުގައި އެންމެ އަވަސް މައްސަލަތަކުގެ ގޮތުގައި. ހަގީގަތުގައި އެއީ އެންމެ ރަނގަޅު ގޮތް ވެސް މެ. މީހެއްގެ ބަންދާ މެދު ދެއްތޯ މި ގޮތެއް މި ނިންމަނީ. އެހެންވީމަ އެންމެ އަވަސް މައްސަލަތަކުގެ ގޮތުގައި ހައި ކޯޓުން ނިންމަވާ މައްސަލަތައް މިއީ. ފާރިސްގެ މައްސަލާގައި މިހެން ލަސްވާތީ އެއީ އަޅުގަނޑުމެންގެ ކަންބޮޑުވާ ކަމަކީ،" ވަކީލް މައުމޫން ހަމީދު ވިދާޅުވެފައިވެ އެވެ.

ފާރިސް ބަންދުގައި ހުންނަ ހުރުމަކީ ހަމައެކަނި ފާރިސްއާ ހަމައިން ނިމޭ ކަމެއް ވެސް ނޫނެވެ. ފާރިސް ބަންދުގައި ހުންނަން ޖެހޭތޯ ނުވަތަ ނޫންތޯ އޮތް ބަހުސަށް ވުރެ ބޮޑަށް، މިއީ ފާރިސް ތަމްސީލު ކުރައްވާ ދިއްގަރު ދާއިރާގެ ރައްޔިތުންގެ ހައްގާ ގުޅުން އޮތް ކަމެކެވެ. އެހެނީ، މަޖިލީހުގައި ދިއްގަރު ދާއިރާ ތަމްސީލު ކުރުމުގެ ފުރުސަތު ފާރިސަށް މިހާރު ގެއްލިފައި އޮތް އެންމެ ބޮޑު ސަބަބަކީ ވެސް އޭނާ ބަންދުގައި ހުންނަ ހުރުމެވެ. ބަންދުގައި ހުރުމުގެ ސަބަބުން މަޖިލީހަށް ހާޒިރުވުމުގެ އެއްވެސް ފުރުސަތެއް ފާރިސަށް މިހާތަނަކަށް ނުލިބެ އެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ކުށުގެ ތުހުމަތުގައި ބަންދުގައި ތިބޭ މެމްބަރުން ވެސް މަޖިލީހުގެ ޖަލްސާތަކާއި ކޮމެޓީތަކަށް ހާޒިރު ކޮށްދޭން ޖެހޭނެ އެވެ. އެކަމަކު ކަރެކްޝަނަލް ސާވިސުން ކުރިން ބުނެފައިވަނީ ކުށުގެ ތުހުމަތުގައި ބަންދުގައި ތިބޭ މެމްބަރުން މަޖިލީހަށް ހާޒިރުކޮށް ނުދެނީ ސުޕްރީމް ކޯޓުން ކުރިން ކުރި ހުކުމެއްގެ ސަބަބުން ކަމަށެވެ. ކަރެކްޝަންސުން ހަވާލާދޭ އެ ހުކުމަކީ މަޖިލީހުގެ އިމްތިޔާޒްގެ ގާނޫނުގައި، ކުށުގެ ތުހުމަތުގައި ތިބޭ މެމްބަރުން މަޖިލީހަށް ހާޒިރުކޮށްދޭން ޖެހޭނެ ކަމަށް އޮތް މާއްދާ ބާތިލްކޮށް، 2013 ގައި ސުޕްރީމް ކޯޓުން ކުރި ހުކުމެވެ.

އެކަމަކު ގާނޫނީ ބައެއް ބޭފުޅުންނާއި ފާރިސްގެ ވަކީލުން ވެސް ބުނާ ގޮތުގައި އެ ހުކުމުގެ މަގްސަދަކީ ކުށުގެ ވެށިން ހައްޔަރުކުރެވޭ މެމްބަރުންނާއި ކުށް ސާބިތުވެ، ހުކުމް ތަންފީޒު ކުރަމުންދާ މެމްބަރުން މަޖިލީހަށް ހާޒިރު ނުވެވޭނެ ކަމަށް ކަނޑައެޅުމެވެ. އެހެންވެ، ކުށުގެ ވެށިން ނޫން ގޮތަކަށް ހައްޔަރު ކުރާ މެމްބަރުން މަޖިލީހަށް ހާޒިރު ކޮށްދޭން ޖެހޭނެ ކަމަށް ވަކީލުން ދެކެ އެވެ. އަދި ގާނޫނުގެ އެ މާއްދާ ބާތިލް ކުރިޔަސް، މަޖިލީހުގެ ގަވާއިދުގައި އޮތް މާއްދާ އަދިވެސް އެގޮތަށް އޮތުމުންނާއި ފާރިސަކީ ކުށުގެ ވެށިން ހައްޔަރު ކޮށްފައިވާ މެމްބަރަކަށް ނުވާތީ އޭނާ މަޖިލީހަށް ހާޒިރުކޮށް ދޭން ޖެހޭނެ ކަމަށް އޭނާގެ ވަކީލުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.

އެކަމަކު ހައްޔަރު ކުރިތާ ހަ މަސް ވީއިރު ވެސް، މަޖިލީހަށް ހާޒިރުވުމުގެ ފުރުސަތެއް ފާރިސަކަށް ނުލިބެ އެވެ. ދައުލަތުގެ ބަޖެޓް ފަދަ މުހިންމު ކަންކަން މަޖިލީހުން ދާދި ފަހުން ނިންމިއިރު ވެސް އެއިން އެއްވެސް ކަމެއްގައި ފާރިސަކަށް ބައިވެރިއެއް ނުވެވުނެވެ. ކުރުކޮށް ބުނާ ނަމަ، ފާއިތުވި ހަ މަސް ދުވަހު މަޖިލީހުގައި ކަންކަން ނިމިގެން ދިޔައީ މަޖިލީހުގެ ދިއްގަރު ދާއިރާ ދާއިރާގެ ބަހެއް ނެތި އެވެ. މިކަން ވެސް ގުޅިފައި އޮތީ ފާރިސްގެ ބަންދާ އެވެ. މިކަމަށް ވެސް ހައްލެއް ގެނެވެން އޮތީ ވެސް އިސްތިއުނާފް މައްސަލާގައި ގޮތެއް ނިމިގެންނެވެ.

ފާރިސްގެ އިސްތިއުނާފް މައްސަލައާ މެދު ފާރިސްގެ ވަކީލުންގެ އުއްމީދު ވަރަށް ބޮޑެވެ. އެއް ބައެއްގެ ސަމާލުކަން މިވަގުތު އޮތީ ވެސް އެ މައްސަލަ ނިމޭނެ އިރަކާ މެދު އެވެ. ފާރިސްގެ ބަންދުގެ މައްސަލައަކީ އޭނާ ތަމްސީލުކުރާ މަޖިލީހުގެ ދިއްގަރު ދާއިރާގެ ރައްޔިތުންގެ ހައްގާ ވެސް ގުޅުން ހުރި ކަމަކަށް ވާއިރު، އެ މައްސަލާގައި ހައި ކޯޓުން އަވަހަށް ގޮތެއް ނިމިގެން ދިއުން މުހިންމެވެ.