Roadha Mihaaru
ފާރިސް ބަންދުގައި ބެހެއްޓީ ގޯސްކޮށް: ހައި ކޯޓް

ފާރިސް ޝަރީއަތް ނިމެންދެން ބަންދުކުރީ ގާނޫނާ ޚިލާފަށް: ހައި ކޯޓް

28 ޖެނުއަރީ 2021

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ފާރިސް މައުމޫން މީގެ ތިން އަހަރު ކުރިން ހައްޔަރުކޮށް، ހަ މަސް ވަންދެން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓީ ގާނޫނާ ޚިލާފަށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ފާރިސް މައުމޫން މީގެ ތިން އަހަރު ކުރިން ހައްޔަރުކޮށް، ހަ މަސް ވަންދެން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓީ ގާނޫނާ ޚިލާފަށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ޖުލައި، 2017 ގައި ފާރިސް ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކުރީ އޭރު މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓާ ގުޅިގެން މެމްބަރުންނަށް ރިޝްވަތު ދެއްވި ކަމަށް ބުނެ އެވެ. އެ ތުހުމަތުގައި ކްރިމިނަލް ކޯޓުން އޭނާ ޝަރީއަތް ނިމެންދެން ބަންދުކޮށް، ހަ މަސް ވަންދެން ޖަލުގައި ބެހެއްޓުމަށް ފަހު ދޫކޮށްލީ ޖެނުއަރީ، 2018 ގަ އެވެ.

އެ މައްސަލަ ފާރިސް ފަރާތުން އިސްތިއުނާފް ކުރިތާ ތިން އަހަރު ފަހުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ފާރިސް އޭރު ހައްޔަރު ކުރުމަށް ފަހު ކައިރީގައި ހުރި ފުލުހުންގެ މަރުކަޒަކަށް ނުގެންގޮސް، ދޫނިދޫ ޖަލަށް ގެންދިއުމަކީ ޖިނާއީ އިޖްރައާތުގެ ގާނޫނާ ޚިލާފަށް ކޮށްފައިވާ ކަމެއް ކަމަށެވެ. އަދި ކޯޓުގެ އަމުރުގައި އޭނާ ރިމާންޑް ޖަލެއްގައި ބަހައްޓަން އަމުރުކުރީ މައްސަލާގެ ތަހުގީގު ނުނިމެނީސް ކަމަށާއި އެއީ ވެސް ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް ޚިލާފަށް ކުރި ކަމެއް ކަމަށް އެ ހުކުމުގައިވެ އެވެ.

މީގެ އިތުރުން ފާރިސްގެ ބަންދާ މެދު ގޮތެއް ނިންމި މަޖިލިސް ކްރިމިނަލް ކޯޓުން ސިއްރު ކޮށްގެން ގެންދިޔައީ ގާނޫނާ ޚިލާފަށް ކަމަށް ހުކުމުގައިވެ އެވެ. އެކަންކުރީ ދައުލަތުން އެދިގެން ކަމަށް ބުންޏަސް، އެކަން އެނގޭނެ ލިޔުމެއް ނެތް ކަމަށް ހުކުމުގައިވެ އެވެ. އެ މައްސަލަ ހައި ކޯޓުން ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ ފާރިސް ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރު ނެރުނީ ގާނޫނާ ޚިލާފަށް ކަމަށެވެ.

ފަނޑިޔާރު ހަސަން ޝަފީއު ރިޔާސަތު ބެލެހެއްޓެވި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު މުހަައްމަދު ފައިސަލް އަދި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމެވެ.

އެ މައްސަލަ ފާރިސް ފަރާތުން އިސްތިއުނާފް ކުރުމުން 2017 ގައި އެ މައްސަލަ ކުރިއަށް ގެންގޮސް ހައި ކޯޓުން އޭރު އަޑުއެހުންތައް ވެސް ނިންމާލި އެވެ. އެކަމަކު އަޑުއެހުންތައް ނިމި ހުކުމް އިއްވަން ހަމަޖެހިފައި ވަނިކޮށް ސަބަބު ބަޔާން ކުރުމެއް ނެތި އެ މައްސަލަ އޭރު ބެއްލެވި ބެންޗް ބަދަލުކުރި އެވެ. އަދި ދެވަނަ ބެންޗާ އެކު އަޑުއެހުންތައް ކުރިއަށް ގެންދިއުމަށް ފަހު އަނެއްކާވެސް މައްސަލަ މަޑުޖެހުނެވެ.

އެ މައްސަލަ މިއަދު އެ ނިންމީ މިދިޔަ އަހަރު ހައި ކޯޓަށް އައްޔަންކުރި ފަނޑިޔާރު ޝަފީއު ރިޔާސަތު ބަލަހައްޓަވާ ގޮތަށް އެކުލަވާލި ބެންޗަކުންނެވެ.

ރިޝްވަތުގެ ތުހުމަތުގައި ފާރިސް ހަ މަސް ވަންދެން ބަންދުގައި ބެހެއްޓުމަށް ޖެނުއަރީ، 2018 ގައި ބަންދުން ދޫކޮށްލިތާ ދެ ދުވަސް ފަހުން ރިޝްވަތުގެ އެހެން ތުހުމަތެއްގައި އަނެއްކާވެސް ހައްޔަރުކުރި އެވެ. އެކަމަކު 1 ފެބްރުއަރީގެ ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން ދޫކޮށްލުމަށް ފަހު ޖެހިގެން އައި ދުވަހު އަނެއްކާވެސް ފާރިސް ހައްޔަރުކޮށް، ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ބަންދުގައި ބެހެއްޓި އެވެ. އަދި ޖޫން، 2018 ގައި ޝަހްސު އޮޅުވާލުމުގެ ކުށުގައި ހަތަރު މަހުގެ ޖަލު ހުކުމެއް ވެސް ކްރިމިނަލް ކޯޓުން އޭނާއަށް އިއްވި އެވެ. އެ ހުކުމް ހައި ކޯޓުން ފަހުން ވަނީ ބާތިލްކޮށްފަ އެވެ.

ރިޝްވަތުގެ ތުހުމަތުގައި ފާރިސަށް ކުރި ދައުވާ ޖެނުއަރީ، 2019 ގައި ވަނީ އަނބުރާ ގެންގޮސްފަ އެވެ.