Roadha Mihaaru
މައުމޫން ދިރިއުޅުއްވާ ބައި ފާހެއް ނުކުރެވުނު

މައުމޫން ދިރިއުޅުއްވާ ބައި ފާހެއް ނުކުރެވުނު

27 ޖެނުއަރީ 2018

ދިއްގަރު ދާޢިރާގެ މެމްބަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫންގެ މައްސަލާގައި ފުލުހުން ފާސްކުރަން އުޅުނު މ. އެންދެރިމާގޭގެ މައުމޫންގެ އެޕާޓްމަންޓް ފާސްނުކުރެވިގެން ފުލުހުން އެނބުރި ހިނގައްޖެ އެވެ.

މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޯޓު އަމުރުގައި އެމަނިކުފާނާއި އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ދިރިއުޅުއްވާ ބައި ފާސްކުރަން ނެތް ކަމަށާއި އެ ދެ ބޭފުޅުންގެ ނަން ފުޅު ވެސް އެ އަމުރުގައި ނެތް ކަމަށެވެ. އަދި މައުމޫން ކުރިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ގެއަކީ ފާރިސްގެ ކޮޓަރިއެއް އަދި އޮފީހެއް ވެސް ހުންނަ ގެއެއް ނޫން ކަމަށް ބުނެފައި ވަނިކޮށް އެ ގެއަށް ފުލުހުން ވަދެގަތީ ކަމަށެވެ. އެންދެރިމާގެ އަކީ ފާރިސްގެ މަންމާފުޅު ނަސްރީނާ އިބްރާހީމްގެ ގެ އެވެ. ފާރިސް ދިރިއުޅުއްވަމުން ގެންދަވަނީ އަނބިކަނބަލުންގެ ގެ މ. ސްނޯރޯޒް ގަ އެވެ. ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން އެ ގެ މިއަދު ފާސްކޮށްފަ އެވެ. އަދި ރިޝްވަތުގެ ތުހުމަތުގައި ފާރިސް ވަނީ މިއަދު ހަވީރު ހައްޔަރުކޮށްފަ އެވެ.

ފާރިސްގެ ދައްތަ ޔުމްނާ މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ފުލުހުން އެ ގެ ފާސްކުރަން ދިއުމުން، ފާރިސްއާ ގުޅޭ ތަންތަން ބަލާ ފާސްކުރާ ނަމަ އެންމެ ފުރަތަމަ ފާސްކުރަންވީ މާފުށީ ޖަލު ކަމަށް މައުމޫން ފުލުހުން ކައިރީގައި ވިދާޅުވި ކަމަށެވެ.

ފުލުހުން އެންދެރިމާގެ އިން ދިޔައީ އެކަމާ ބެހޭ ގޮތުން މަޝްވަރާ ކުރަން ކަމަށް ބުނެ ކަމަށް ވެ އެވެ. އެންދެރިމާގޭގައި މައުމޫން އުޅުއްވާ އެޕާޓްމަންޓް ފާސް ކުރެވޭތޯ ފުލުހުން އެ ގޭ ތެރޭގައި ވަރަށް ގިނައިރު މަޑުކުރި އެވެ.