Roadha Mihaaru
"ފާރިސްގެ ފޯނު ދެވަނަ ފަހަރަށް ހިފެހެއްޓީ ގޯސްކޮށް"

ފާރިސްގެ ފޯނު ދެވަނަ ފަހަރަށް ހިފެހެއްޓީ ގާނޫނާ ޚިލާފަށް: ހައި ކޯޓް

19 މެއި 2021

ރައްޔިތުންގެ މަޖިިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ ފޯން މީގެ ތިން އަހަރު ކުރިން ހިފެހެއްޓީ ގާނޫނާ ޚިލާފަށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައްޔިތުންގެ މަޖިިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ ފޯން މީގެ ތިން އަހަރު ކުރިން ހިފެހެއްޓީ ގާނޫނާ ޚިލާފަށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިސްގެ ފޯނު ޖެނުއަރީ، 2018 ގައި ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ތިން މަހަށް ހިފެހެއްޓީ ސަރުކާރު ވައްޓާލަން މަޖިލިސް މެމްބަރުންތަކަކަށް ރިޝްވަތު ދިން ކަމުގެ ތުހުމަތުގަ އެވެ. އޭގެކުރިން 2017 ގައި ރިޝްވަތުގެ ތުހުމަތެއްގައި ފާރިސްގެ ފޯނު އަތުލައި އަދި އޭނާ ހަ މަސް ވަންދެން ބަންދުގައި ބެހެއްޓި އެވެ. ދެވަނަ ފަހަރަށް އޭނާގެ ފޯނު ހިފެހެއްޓީ ޝަރުތުތަކާ އެކު ކޯޓުން އޭނާ މިނިވަން ކުރިތާ ދެ ދުވަސް ފަހުންނެވެ.

ދެވަނަ ފަހަރަށް ފޯނު ހިފަހައްޓަން ނެރުނު އަމުރު ފާރިސްގެ ފަރާތުން އިސްތިއުނާފް ކުރިތާ ތިން އަހަރު ފަހުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ފާރިސްގެ ފޯނު ހިފެހެއްޓީ ސިއްރު ހެކިވެރިއެއްގެ ބަޔާނަށް ރިއާޔަތްކޮށް ކަމަށް ކްރިމިނަލް ކޯޓުގައި އަމުރުގައި ބުނެފައިި އޮތަސް، އެފަދަ ބަޔާނެއް ލިބިފައި ނެތް ކަމަށެވެ. އަދި އޭގެކުރިން ސިއްރު ހެކިވެރިއެއްގެ ބަޔާނަށް ރިއާޔަތްކޮށް، ފާރިސްގެ ފޯނު 2017 ގައި ހިފަހައްޓާފައި ވަނިކޮށް އެ ބަޔާނަށް ރިއާޔަތްކޮށް ދެވަނަ ފަހަރަށް އެ ފޯނު ހިފަހައްޓަންޖެހޭ ސަބަބެއް ނެތް ކަމަށް އެ ހުކުމުގައިވެ އެވެ.

އެ ހުކުމުގައިވަނީ ދެވަނަ ފަހަރަށް ފާރިސްގެ ފޯނު ހިފެހެއްޓުމުގައި ކްރިމިނަލް ކޯޓުން ރިއާޔަތްކުރި ހެއްކެއް ފެންނަން ނެތް ކަމަށެވެ. އެހެންވެ، އެއީ ހެއްކެއް ނެތި، ގާނޫނާ ޚިލާފަށް ނެރެފައިވާ އަމުރެއް ކަމަށްވާތީ އެ އަމުރު ބާތިލްކުރީ ކަމަށް އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެ އެވެ.

އެ މައްސަލަ ހައި ކޯޓުން ބެއްލެވީ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު ފާތިމަތު ފަރުހީޒާ އަދި ފަނޑިޔާރު އަބްދުﷲ ހަމީދެވެ. އެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ޝަފީއު އެވެ.

ރިޝްވަތުގެ ތުހުމަތުގައި 2017 ގައި ފާރިސް ހައްޔަރުކޮށް، ހަ މަސް ވަންދެން ބަންދުގައި ބެހެއްޓުމަށްފަހު ކޯޓުން ޝަރުތުތަކާ އެކު އޭނާ ދޫކޮށްލީ ޖެނުއަރީ، 2018 ގަ އެވެ. އެކަމަކު އޭނާ ދޫކޮށްލިތާ ދެ ދުވަސް ފަހުން އިތުރު ކޯޓު އަމުރެއްގެ ދަށުން ދެވަނަ ފަހަރަށް ހައްޔަރުކުރި އެވެ. ދެވަނަ ފަހަރު ބަންދުގައި ހުންނަވަނިކޮށް ސުޕްރީމް ކޯޓުގެ 1 ފެބްރުއަރީގެ އަމުރާ ގުޅިގެން އޭނާ ދޫކޮށްލުމަށްފަހު ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އަނެއްކާވެސް ހައްޔަރުކުރި އެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ބަންދުގައި ބެހެއްޓުމަށްފަހު ޖޫން، 2018 ގައި އޭނާ ހަތަރު މަހަށް ޖަލަށްލާން ހުކުމްކުރީ ޕީޕީއެމްގެ ދިދަ އާއި ލޯގޯ ހުއްދަ ނެތި ބޭނުންކުރެއްވި ކަމަށް ބުނެ އެވެ. އެ ހުކުމް ހައި ކޯޓުން ފަހުން ބާތިލްކުރި އެވެ. އަދި އޭނާގެ މައްޗަށް ރިޝްވަތުގެ ދައުވާ އާއި ޓެރަރިޒަމްގެ ދައުވާ އުފުލާފައިި ވިޔަސް، ވެރިކަން ބަދަލުވުމުން އެ ހުރިހާ ދައުވާތަކެއް އަނބުރާ ގެނަ އެވެ.