Roadha Mihaaru
ވިލާ އިން ދައްކަންޖެހޭ ފައިސާއިން ބައެއް ދައްކައިފި

ވިލާ ޝިޕިން އިން ދައްކަންޖެހޭ ފައިސާ އިން ބައެއް ދައްކައިފި

31 ޖެނުއަރީ 2018

ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީން ދައުލަތަށް ދައްކަން ޖެހޭ ފައިސާއިން ބައެއް ދައްކައި ހަލާސްކޮށްފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީން ދައުލަތަށް ދައްކަން ޖެހޭ ފައިސާއިން ބައެއް ދައްކައި ހަލާސްކޮށްފި އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ސިވިލް ކޯޓުގައި ދައުވާ ކުރި، 1.2 މިލިއަން ޑޮލަރު އެ ކުންފުނިން ދެއްކުމުން އެ މައްސަލަ އެ ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން ސެކްޝަނުން އިއްޔެ ވަނީ ނިންމައި ހުކުމްކޮށްފަ އެވެ. މީރާ އިން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ މިދިޔަ މަހުގެ 19 ވަނަ ދުވަހު އެވެ.

ސިވިލް ކޯޓުން އެ މައްސަލަ ނިންމީ، ވިލާ އިން މީރާ އަށް އެ ފައިސާ ދެއްކުމުން އެ މައްސަލަ ހައްލުވެފައިވާ ކަމަށް މިދިޔަ ހޯމަ ދުވަހު ކޯޓުގައި ބަޔާން ދިނުމުން ކަމަށް ވެސް އެ ހުކުމުގައި ބުނެފައިވެ އެވެ.

މީރާ އިން ދައުވާ ކުރީ ވިލާ ޝިޕިން އިން ގްރީން ޓެކްސްގެ ގޮތުގައި، ވިލާގެ ހަތަރު ރިސޯޓަކުން ދައްކަން ޖެހޭ 1،188،585 ޑޮލަރު ހޯދުމަށާއި ކަނޑައެޅިފައިވާ ތާރީހަށް އެ ފައިސާ ދައްކާފައި ނުވާތީ އޭގެ ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ 89،880 ޑޮލަރާ އެކު ޖުމްލަ 1،278.465 ޑޮލަރު (19.7 މިލިއަން ރުފިޔާ) އެއްފަހަރާ ހޯދުމަށެވެ.

ވިލާ ޝިޕިން އިން ދައުލަތަށް ދައްކަންޖެހޭ ފައިސާއިން ބައެއް ދެއްކި ނަމަވެސް، އެ ކުންފުނިން ދައްކަންޖެހޭ ފައިސާގެ އިތުރު މައްސަލަތަކެއް ސިވިލް ކޯޓުގައި ކުރިއަށް އެބަގެންދެ އެވެ.

ރާއްޖޭގެ އެންމެ ބޮޑު އަމިއްލަ ޓޫރިޒަމް ކުންފުނިން ދައުލަތަށް ދައްކަން ޖެހޭ 2.9 ބިލިއަން ރުފިޔާ ނުދައްކައިގެން ކަމަށް ބުނެ، އެ ކުންފުނީގެ ރިސޯޓުތަކަށް ދީފައިވާ އޫރުމަހާއި ރާ ވިއްކުމުގެ ހުއްދަ ސަރުކާރުން ވަނީ ހިފަހައްޓައިފަ އެވެ. އަދި އެ މައްސަލައާ ގުޅިގެން ވިލާގެ ބައެއް ރިސޯޓުތަކަށް ކަސްޓަމާއި ފުލުހުން އަރައި، ފަން އައިލެންޑްގައި ހުރި ރާ ސްޓޮކް ވަނީ ގެންގޮސްފަ އެވެ.

ވިލާ ޝިޕިންގުން ދައްކަން ޖެހޭ ފައިސާއިން ބައެއް މިދިޔަ ހޯމަ ދުވަހު ދައްކާފައި ވަނިކޮށް، ޓޫރިޒަމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ވިލާ އިން ދައުލަތަށް ދައްކަންޖެހޭ ފައިސާތައް ދައްކާނެ ކަމުގެ އުންމީދުގައި، އެ ކުންފުނީގެ ރިސޯޓްތަކަށް، ރާ ވިއްކުމުގެ ވަގުތީ ލައިސެންސެއް ދީފައި ވިޔަސް، އެ ފައިސާ ދެއްކުމުގައި ވިލާ އިން އެއްބާރުލުން ނުދޭ ކަމަށެވެ. އެކަމަކު އެ ކުންފުނީގައި އެ ނިޔަތެއް ނެތް ކަން ހާމަވާތީ ކުރިމަގުގައި އިތުރު ލުއިތަކެއް ނުދޭނެ ކަމަށާއި ރާ ވިއްކަން ދީފައިވާ ވަގުތީ ހުއްދައިގެ މުއްދަތު ހަމަވުމުން އިތުރު މުއްދަތެއް ނުދޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

އަދި އެކަމާ ގުޅިގެން ވިލާގެ ރިސޯޓުތަކުން ދެމުން އަންނަ ހިދުމަތްތައް ހުއްޓުމަކަށް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް އެ މިނިސްޓްރީން ނެރުނު ބަޔާނުގައިވެ އެވެ.

މީރާއިން މި މަހުގެ 21 ގައި ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ވިލާ ޝިޕިންގެ ފަރާތުން ހިންގާ ހަތަރު ރިސޯޓަކުން މިދިޔަ އަހަރުގެ މާޗު މަހުން ފެށިގެން ޖީއެސްޓީ އާއި ގްރީން ޓެކްސް ނުދައްކާ ކަމަށާއި އޭގެ އަދަދު 5.1 މިލިޔަން ޑޮލަރަށް އަރާ ކަމަށެވެ.