Roadha Mihaaru
އިލްހާމާއި ސިނާން ހޯދަން ފުލުހުން އިއުލާން ކޮށްފި

އިލްހާމާއި ސިނާން ހޯދަން ފުލުހުން އިއުލާން ކޮށްފި

31 ޖެނުއަރީ 2018

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ މެމްބަރުންގެ ތެރެއިން، ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހްމަދާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން ހޯދަން ފުލުހުން މިރޭ އިއުލާން ކޮށްފި އެވެ.

އަހުމަދު އަބުދުﷲ ސައީދު އަހުމަދު އަބުދުﷲ ސައީދު

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ މެމްބަރުންގެ ތެރެއިން، ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހްމަދާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން ހޯދަން ފުލުހުން މިރޭ އިއުލާން ކޮށްފި އެވެ.

ފުލުހުން ކުރި ޓުވީޓް

ފުލުހުންގެ ވެބްސައިޓްގައި ބުނެފައިވާ ގޮތުގައި އެ ދެ ބޭފުޅުން ހޯދަނީ، މަޖިލީހުގެ ބައެއް މެމްބަރުންނަށް ރިޝްވަތު ދިނުމުގެ ތުހުމަތުގައި، ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫންގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ފުލުހަށް ހާޒިރު ކުރުމަށް ބޭނުންވެ ރާއްޖޭގައި މި ވަގުތު ނެތުމުގެ ސަބަބުން އެ ދެ މެމްބަރުން ހާޒިރު ކުރެވިފައިނުވާތީ އެވެ.

ސިނާން އާއި އިލްހާމް ފުލުހަށް ހާޒިރު ކުރުމަށް ޗިޓް ހަވާލުކުރުމަށް ފުލުހުން މަސައްކަތްކުރި ނަމަވެސް އެ ދެ ބޭފުޅުން އުޅުއްވާ ވަކި ތަނެއް ނޭނގި މި ވަގުތު ރާއްޖެ އިން ބޭރުގައި ތިއްބެވުމުގެ ސަބަބުން ފުލުހުންގެ ތަޙުގީގަށް ހާޒިރުވުމަށް އަންގާ ޗިޓް ވަނީ ހަވާލުނުކުރެވި ކަމަށް ފުލުހުންގެ ވެބްސައިޓްގައިވެ އެވެ.

އެހެންކަމުން މިއަދުން ފެށިގެން 14 ދުވަހުގެ ތެރޭގައި ފުލުހަށް ހާޒިރުވުމަށް ސިނާނާއި އިލްހާމަށް ވަނީ މުހުލަތެއް ދީފަ އެވެ. އެއީ އެ ދެ ބޭފުޅުންގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ތަހުގީގަށް ކުރަންޖެހޭ ސުވާލުތައް ކުރުމަށާއި އެ ތުހުމަތުތަކަށް ޖަވާބުދާރީވުމުގެ ގޮތުންނެވެ.

އަދި އެ މުއްދަތުގެ ތެރޭގައި ތަހުގީގަށް ހާޒިރު ނުވެއްޖެނަމަ އަޅަންޖެހޭ ގާނޫނީ އެހެނިހެން ފިޔަވަޅުތައް ފުލުހުން އަޅާނެ ކަމަށް ފުލުހުންގެ ވެބްސައިޓްގައި ބުނެފައިވެ އެވެ.

ސިނާނާއި އިލްހާމަކީ ކުރިން ރައީސް އަބްދުﷲ ޔާމީން އަދި ފަސްޓް ލޭޑީ ފާތިމަތު އިބްރާހީމްގެ ވަރަށް އަރިސް ދެބޭފުޅުން ކަމަށް ވިޔަސް، އެ ބޭފުޅުންގެ މެދުގައި އުފެދުނު ހިޔާލު ތަފާތުވުންތަކާ ގުޅިގެން ރާއްޖެއިން ބޭރުގައި އުޅުއްވާތާ 11 ވަރަކަށް މަސް ވަނީ ވެފަ އެވެ. އަދި ރާއްޖެއިން ބޭރަށް ވަޑައިގެންނެވި ފަހުން، އެ ދެ ބޭފުޅުން ވެސް ޕީޕީއެމުން ވަކި ކުރުމާއެކު، އެ ޕާޓީގެ އެދުމަކަށް މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ކަނޑައަޅައިފަ އެވެ.

އިލްހާމް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އޭނާގެ އާއިލާ މާލޭގައި ދިރިއުޅޭ ގެއަށް ފުލުހަކު އޭނާއާ ބައްދަލުކުރުމަށް މިރޭ ދިޔަ ކަމަށެވެ. އެކަމަކު ރާއްޖޭގައި ނޫޅޭ ކަމަށް ބުނުމުން، ކޮއްކޮގެ މައުލޫމާތު ނޯޓު ކުރުމަށް ފަހު، ފުލުހުން ގޮސްފައިވާ ކަމަށް އިލްހާމް ވިދާޅުވި އެވެ.

އިލްހާމް ވިދާޅުވީ، ފުލުހުން ކުރާ ކޮންމެ ސުވާލަކަށް ޖަވާބު ދެއްވުމަށްޓަކައި ވަރަށް އަވަހަށް މާލެ ވަޑައިގަންނަވާނެ ކަމަށެވެ. އެކަމަކު އޭނާ ވިދާޅުވީ ސިޔާސީ ބޭނުމަށްޓަކައި އާއިލާ އަށް ބިރު ދެއްކުން ހުއްޓާލުމަށް ފުލުހުންނަށް ގޮވާލައިފަ އެވެ.

އިލްހާމާއި ސިނާން ހޯދުމަށް ފުލުހުން މިރޭ އާންމުކޮށް އާންމުކޮށް އިއުލާންކުރީ، އިލްހާމްގެ މި ޓުވީޓަށް ފަހު އެވެ.