Roadha Mihaaru
ޕްލާންޓުގެ ހޮޅި ފެޅި ލައިފް ފެން އުފެއްދުން ހުއްޓިއްޖެ

ހިންމަފުށީ ބިން ހިއްކަނިކޮށް "ލައިފް" ޕްލާންޓުގެ ހޮޅި ފެޅި، ފެން އުފެއްދުން އެއްކޮށްހެން ހުއްޓިއްޖެ

13 ޖުލައި 2016

ކ. ހިންމަފުށީ ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދަނިކޮށް، އެ ރަށުގައި ހުންނަ "ލައިފް" ފެން އުފައްދާ ޕްލާންޓުތަކަށް ލޮނު ނަގާ ހޮޅި ފެޅި، ފެން އުފެއްދުން ގާތްގަނޑަކަށް އެއްކޮށް ހުއްޓިއްޖެ އެވެ.

ކ. ހިންމަފުށީ ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދަނިކޮށް، އެ ރަށުގައި ހުންނަ "ލައިފް" ފެން އުފައްދާ ޕްލާންޓުތަކަށް ލޮނު ނަގާ ހޮޅި ފެޅި، ފެން އުފެއްދުން ގާތްގަނޑަކަށް އެއްކޮށް ހުއްޓިއްޖެ އެވެ.

އެ ރަށުގައި ހުންނަ ފެކްޓްރީގެ މެނޭޖަރު މުހައްމަދު އިމްތިޔާޒު "މިހާރު" އަށް ވިދާޅުވީ މިދިޔަ ހަފުތާގެ ބުދަ ދުވަހު ހޮޅި ފަޅައިގެން ދިއުމާ ގުޅިގެން ފެން އުފެއްދުން ހުއްޓާލި ކަމަށެވެ. އަދި ވަގުތީ ހައްލެއް ގެނެސް މިއަދު މަދުމަދުން ފެން އުފައްދަން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ ލަފާކުރަން ވެސް ނޭނގޭ ވަރުގެ ބޮޑު ގެއްލުމެއް. އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް އަޅުގަނޑުމެންގެ އިންޖިނިއަރުން ދަނީ ކުރަމުން. ކުރިއެކޭ އެއްގޮތަށް ފެން އުފައްދަން އަދި ދެ ހަފުތާވަރު ނަގާނެ،" އިމްތިޔާޒު ވިދާޅުވި އެވެ.

ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ފުޅީގައި ބަންދުކޮށްގެން ފެން ވިއްކަމުން އަންނަ އެއް ކުންފުނީގެ ޕްލާންޓުން މޫދަށް އަޅާފައިވާ ހޮޅި ފަޅައިގެން ދިޔައީ އެކްސްކެވޭޓަރަކުން ޖެހިގެން ކަމަށް ލަފާކުރެވޭ ކަމަށް އެ ކުންފުނިން ބުންޏެވެ.

ފަޅައިގެން ދިޔަ 298 މީޓަރު ދިގު ހޮޅިއަކީ ހިންމަފުށިން ފެށިގެން ގިލި ލަންކަންފުށި ރިސޯޓާ ދިމާލަށް ގެންގޮސް 30 މީޓަރު އަޑިން ފެން ނަގަން އަޅާފައިވާ ހޮޅިއެކެވެ. އަދި އެ ހޮޅި ފެޅިފައި ވަނީ ގާތްގަނޑަކަށް 100 ވަރަކަށް މީޓަރާ ހިސާބުން ކަމަށްވެ އެވެ.

މެނޭޖަރު އިމްތިޔާޒު ވިދާޅުވީ ހިއްކަން ފެށުމުގެ ކުރިން، އެ ހޮޅި އަޅާފައިވާ ސަރަހައްދު ފާހަގަކޮށް އެ މައުލޫމާތު ރަށު ކައުންސިލާ ހިއްސާކޮށްފައި ވާނެ ކަމަށެވެ.

"ހުރިހާ މައުލޫމާތެއް ދީފައި ވަނިކޮށް މިކަން މި ދިމާވީ،" އޭނާ ވިދާޅުވި އެވެ.

ލައިފް ފެން އުފެއްދުމަށް އެ ފެކްޓްރީގައި ހަތަރު ޕްލާންޓް ހުރެ އެވެ. މި މައްސަލައާ ގުޅިގެން އެ ރަށުން ފެން ހުސްވެ، ރައްޔިތުން ވަނީ ފެނަށް ޖެހިފަ އެވެ. އަދި މާލެ އަށް ވެސް މިހާރު ގެންނަނީ ގުދަނުގައި ހުރި ފެނެވެ.