Roadha Mihaaru

ވިއްސާރައިގައި އެންމެ ބޮޑު ގެއްލުމެއް ނިލަންދު އާއި ހިންމަފުއްޓަށް

ރާއްޖޭގެ ރަށްތަކަށް ކުރަމުންދާ ވިއްސާރައިގައި މިހާތަނަށް އެންމެ ބޮޑު ގެއްލުމެއް ލިބިފައި ވަނީ ފ. ނިލަންދު އާއި ކ. ހިންމަފުއްޓަށް ކަމަށް ނެޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.

އެންމެ ބޮޑު ގެއްލުމެއް ނިލަންދު އާއި ހިންމަފުއްޓަށް
އާސިމާ ނިޒާރު
އާސިމާ ނިޒާރު

03 ޖެނުއަރީ 2025

ރާއްޖޭގެ ރަށްތަކަށް ކުރަމުންދާ ވިއްސާރައިގައި މިހާތަނަށް އެންމެ ބޮޑު ގެއްލުމެއް ލިބިފައި ވަނީ ފ. ނިލަންދު އާއި ކ. ހިންމަފުއްޓަށް ކަމަށް ނެޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.

އެ އޮތޯރިޓީއަށް މިރޭ 8:30 އާ ހަމައަށް ރިޕޯޓްކޮށްފައިވާ ހާދިސާތަކާ ހަވާލާދީ ނެރުނު މައުލޫމާތުތަކުގައި ބުނީ ރަށްތަކުގެ ތެރެއިން ނިލަންދޫގެ 80 ޕަސެންޓް ފެންބޮޑުވި ކަމަށެވެ. އަދި ހިންމަފުށީގައި 60 ޕަސެންޓަށް ފެންބޮޑުވި ކަމަށް އެންޑީއެމްއޭ އަށް ރިޕޯޓްކޮށްފައިވެ އެވެ.

ނިލަންދޫ ކައުންސިލުން ބުނީ މެދުނުކެނޑި އަށެއްކަ ގަޑިއިރުވަންދެން ވެހުނު ވާރޭގައި ރަށުގެ ބޮޑު ބައެއްގައި ފެން ބޮޑުވިއަސް މިހާރު އާއްމު ހާލަތަށް ބަދަލުކުރެވިފައިވާ ކަމަށެވެ. އެކަމަކު، ދެ ވަނައަށް އެންމެ ގެއްލުން ލިބުނު ހިންމަފުށީ ކައުންސިލުން ބުނީ އަދި ވެސް އެއްކޮށް ފެންގަނޑު ނުހިންދޭ ކަމަށެވެ.

ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހުމަދު ވިދާޅުވީ ހެނދުނު 6:00 އިން މެންދުރު ފަހު 2:00 އާ ހަމައަށް ކުރި ވިއްސާރައިގައި ރަށުގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެފައިވާ ކަމަށެވެ. މިއީ، ފަހުގެ ތާރީހެއްގައި ވިއްސާރައަކުން ރަށަށް އެންމެ ބޮޑަށް ގެއްލުން ލިބުނު ފަހަރު ކަމަށް އޭނާ ވިދާޅުވި އެވެ.

އަލީ ވިދާޅުވީ ރަށުގެ އެކި ހިސާބުތަކުގައި ދެ ފޫޓަށް ފެންބޮޑުވި ކަމަށެވެ. އެކަމަކު، ކޯރު ކަނޑައިގެން ފެން ބޭރުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

"އާއްމު ހާލަތަށް ބަދަލުކުރެވިއްޖެ މިރޭ 8:00 ހާއިރު. އެކަމަކު ލިބުނު ގެއްލުންތައް އަދި ސާފެއް ނުވޭ،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

ނިލަންދޫގައި ފެންބޮޑުވެފައި.- ފޭސްބުކް ފޮޓޯ: އަހުމަދު ސައީދު

ނިލަންދޫގައި ފެންބޮޑުވެފައި.- ފޭސްބުކް ފޮޓޯ: އަހުމަދު ސައީދު

އެންޑީއެމްއޭއިން ބުނީ އުދަ އަރައިގެން ދެ ރަށަކުން ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެއީ ށ. ނަރުދޫ އަދި ރ. އިނގުރައިދު އެވެ.

ފެންބޮޑުވެގެން ރިޕޯޓުކޮށްފައިވަނީ ނިލަންދޫގެ އިތުރުން މަގޫދު އާއި ފީއައްޔާއި ކ. ގުރައިދު އާއި ހިންމަފުއްޓާއި އދ. މާމިގިއްޔާއި ދ. ކުޑަހުވަދޫގެ އިތުރުން މީދޫ އެވެ. އެ ރަށްރަށުގައި ވެސް ގޭގެއަށް ފެން ވަދެ ގެއްލުންތައް ލިބިފައިވެ އެވެ.

މި ރަށްތަކުގެ ތެރެއިން ހިންމަފުށީގެ 60 ޕަސެންޓުގައި ފެންބޮޑުވެ، ނަޖިސް ލީކުވުމާއި ބައެއް ހިސާބުތަކުން ކަރަންޓު ކަނޑައިގެން ގޮސްފައިވާ ކަމަށް، ކައުންސިލާ ހަވާލާދީ އެންޑީއެމްއޭއިން ބުންޏެވެ.

ކައުންސިލްގެ އިސް އޮފިޝަލަކު ވިދާޅުވީ ރަށުގެ އެއް ދިމާލަކުން ކޯރު ކަނޑައި، ވަރަށް ބޮޑަށް ފެން ހިންދާފައިވާ ކަމަށެވެ. އިތުރު ކޯރެއް ކެނޑުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަދިވެސް އެއްކޮށް މައްސަލަ ހައްލެއް ނުވޭ،" އޮފިޝަލް ވިދާޅުވި އެވެ.

ފެންބޮޑުވެފައިވާތީ އިރުއޮއްސި 6:30 އިން ފެށިގެން ރަށުގެ އެކި ހިސާބުތަކުން ދަނީ ކަރަންޓު ކަނޑަމުންނެވެ. އަދިވެސް ހުރިހާ ހިސާބުތަކަށް އެއްކޮށް ކަރަންޓެއް ނުދެ އެވެ.