Roadha Mihaaru
މެޖޯރިޓީ ނެތަސް ކަންކަން ކުރަން އެނގޭ: ޕީޕީއެމް

މަޖިލީހުގެ މެޖޯރިޓީ ނެތަސް ކަންކަން ކުރަން އެނގޭ، މިއީ ބޮޑު ވާހަކައެއް: ރިޔާޒް

03 ފެބުރުއަރީ 2018

ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމަށް މެޖޯރިޓީ ނެތަސް، މަޖިލީސް މެދުވެރިކޮށް ކަންކަން ކުރަން އެ ޕާޓީ އަށް އެނގޭ ކަމަށް ޕާލަމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު ރިޔާޒް ރަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމަށް މެޖޯރިޓީ ނެތަސް، މަޖިލީސް މެދުވެރިކޮށް ކަންކަން ކުރަން އެ ޕާޓީ އަށް އެނގޭ ކަމަށް ޕާލަމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު ރިޔާޒް ރަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

ވެރިކަން ކުރާ ޕީޕީއެމްގެ އޮފީހުގައި، ހަމައެކަނި ޕީއެސްއެމް އާއި ޗެނަލް 13 އަށް ދައުވަތު ދީގެން ބޭއްވި ޕްރެސް ކޮންފަރެންސްގައި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅުވައިގެން، މަޖިލީހުގައި އެ ޕާޓީގެ މެޖޯރިޓީ ގެއްލިފައިވާ ކަމަށް ވާހަކަ ދައްކަމުންދާ ކަމަށެވެ. މެޖޯރިޓީ ނެތަސް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕަށް ކަންކަން ކުރަން އެނގޭ ކަމަށް ވިދާޅުވި އެވެ.

"މިއީ، ވަރަށް ބޮޑު ވާހަކައެއް މި ދައްކަނީ. އަޅުގަނޑުމެންނަކީ އަލަށް ރައްޔިތުންގެ މަޖިލީހަށް އައިސްގެން އުޅޭ ބައެއް ނޫން. ޕީޕީއެމް ފުރަތަމަ މަޖިލީހަށް އައިއިރުގައި ވެސް ޕީޕީއެމްގެ މެޖޯރިޓީއެއް ނެތް. އެހެން ނަމަވެސް އޭރު ވެސް ރައްޔިތުންނަށް ބޭނުންވާ މުހިއްމު ކަންކަން އަޅުގަނޑުމެން ހުންނާނީ މަޖިލިސް ތެރެއިން ފާސްކޮށްފައި،" ރިޔާޒް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އެނގޭނެ ރައްޔިތުންގެ މަޖިލީހުގައި މެޖޯރިޓީ ނެތަސް ރައްޔިތުން ބޭނުންވާ ކަންކަން ކުރަން. އަދި މި ސަރުކާރު ހިންގުމަށްޓަކައި ބޭނުންވާ ބަދަލުތަކާއި ބޭނުންވާ ބިލްތައް ފާސްކުރަން."

އޭނާ ވިދާޅުވި ގޮތުގައި ޕީޕީއެމުން އެއްވެސް ގާނޫނަކަށް މިހާތަނަށް ބަދަލު ގެނެސްފައިވާ ނަމަ، އެކަން ކޮށްފައި ވާނީ ކަމާގުޅޭ މުއައްސަސާތަކަށް ހުރި ދަތިތަކަކާ ގުޅިން އެކަން ހައްލުކޮށްދިނުމަށެވެ. މުއައްސަސާތަކާ ގުޅޭ ގާނޫނުތަކަށް، ޕީޕީއެމުގެ ޕާލަމެންޓްރީ ގްރޫޕުން އިސް ނަގައިގެން ބޮޑެތި އިސްލާހުތަކެއް ގެނެސްފައި ނުވާނެ ކަމަށް ރިޔާޒް ވިދާޅުވި އެވެ.

ރިޔާޒް މިހެން ވިދާޅުވިއަސް، ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ މެޖޯރިޓީ މަޖިލީހުގައި އޮވެގެން، އާ ގާނޫނުތަކާއި ރައްޔިތުންގެ އަސާސީ ހައްގުތަކާ ގުޅުން ހުރި ގާނޫނުތަކަށް ވެސް ވަނީ ބޮޑެތި އިސްލާހުތަކެއް ގެނެސްފަ އެވެ. އޭގެތެރޭގައި އަބުރު ރައްކާތެރިކުރުމުގެ ނަމުގައި ނޫސްވެރިކަމާއި ހިޔާލުފާޅުކުރަން ހުރަސްއެޅޭ ގޮތަށް ފާސްކުރި ގާނޫނުގެ އިތުރުން ބިދޭސީންނަށް ރާއްޖެ އިން ދިގު މުއްދަތަކަށް ބިން މިލްކުރެވޭ ގޮތަށް ފާސްކުރި ގާނޫނާއި އެއްވެ އުޅުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ހިމެނެ އެވެ.

އޭނާ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް ގާނޫނުތަކަށް ގެންނާނީ މުއައްސަސާތަކުން ބޭނުންވާ އިސްލާހުތައް ކަމަށެވެ.

މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ކުރި ހުކުމާ ގުޅިގެން އިދިކޮޅު ޕާޓީތަކަށް ވަނީ މަޖިލީހުގެ އަޣުލަބިއްޔަތު ލިބިފަ އެވެ. މަޖިލީހުގައި ހިމެނޭ 85 މެމްބަރުންގެ ތެރެއިން ވެރިކަން ކުރާ ކޯލިޝަންގައި މިހާރު ތިއްބެވީ 42 މެމްބަރުންނެވެ. އެއީ ރިޔާސަތުގައި އިންނަވާ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވެސް ހިމަނައިގެންނެވެ. ސަރުކާރާ އިދިކޮޅު ފަރާތްތަކުގެ ގޮތުގައި 43 މެމްބަރުން މިހާރު އެބަތިއްބެވި އެވެ.