Roadha Mihaaru
އެންޓި ޑިފެކްޝަން ގާނޫނު އުވާލަން މަޖިލީހުން ފާސްކޮށްފި

އެންޓި ޑިފެކްޝަން ގާނޫނު އުވައިލަން މަޖިލީހުން ފާސްކޮށްފި

01 ނޮވެމްބަރ 2018

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އަމާޒުކޮށް ހެދި، އެންޓި ޑިފެކްޝަން ގާނޫނު އުވައިލަން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަޣުލަބިއްޔަތަކުން މިރޭ ފާސްކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އަމާޒުކޮށް ހެދި، އެންޓި ޑިފެކްޝަން ގާނޫނު އުވައިލަން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަޣުލަބިއްޔަތަކުން މިރޭ ފާސްކޮށްފި އެވެ.

މަޖިލީހަށް އިންތިޚާބުވި ޕާޓީން ވަކިވެއްޖެ ނަމަ، ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ، މަޖިލީހުން ވަކިވާނެ ކަމަށް ކަނޑައަޅައި މަޖިލީހުން ހެދި އެންޓި ޑިފެކްޝަން ގާނޫނު އުވައިލަން ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 54 މެމްބަރުންގެ ތެރެއިން 37 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

އެންޓި ޑިފެކްޝަން ގާނޫނު އުވައިލުމާ ދެކޮޅަށް 17 މެމްބަރުން ވަނީ ވޯޓު ދެއްވައިފަ އެވެ. ވަކި ގޮތަކަށް ވޯޓު ނުދެއްވާ ފަސް މެމްބަރަކު އިންނެވި އެވެ.

ވިލުފުށީ ދާއިރާގެ ޕީޕީއެމްގެ މެމްބަރު ރިޔާޒް ރަޝީދު ހުށަހެޅުއްވި ބިލް ދިރާސާ ކުރި ހަތް މެމްބަރުންގެ ކޮމިޓީގެ އިއްތިފާގުން އިއްޔެ ނިންމާފައި ވަނީ ބިލަށް އެއްވެސް ބަދަލެއް ނުގެނެސް، ބިލް އުވައިލުމަށެވެ. ބިލަށް ބަހުސް ކުރެއްވި ގިނަ މެމްބަރުން ވެސް ތާއީދު ކުރެއްވީ ގާނޫނު އުވައިލުމަށެވެ.

އިދިކޮޅު މެމްބަރުން ގަބޫލު ކުރެއްވި ގޮތުގައި، އެންޓި ޑިފެކްޝަން ގާނޫނެއް މަޖިލީހުން ފާސް ކުރީ ވަކި މެމްބަރުންތަކަކަށް އަމާޒުކޮށް އެ މެމްބަރުންގެ ގޮނޑި ގެއްލުވާލުމުގެ ނުބައި ނިޔަތެއް އޮވެގެންނެވެ. އެކަމަކު، ޕީޕީއެމްގެ ބައެއް މެމްބަރުން ވިދާޅުވީ އެންޓި ޑިފެކްޝަން ގާނުނު އުވައިލަން ތާއީދު ނުކުރައްވާ ކަމަށެވެ.

ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނާއި (ކ) ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު މަޖިލީހުގެ ގޯތިތެރޭގައި ސަމާސާ ކުރައްވަނީ. --- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނާއި (ކ) ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު މަޖިލީހުގެ ގޯތިތެރޭގައި ސަމާސާ ކުރައްވަނީ. --- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

ހަތް މެމްބަރުންގެ ވަގުތީ ރިޕޯޓަށް ބަހުސް ކުރައްވަމުން ވިލިމާލެ ދާއިރާގެ މެމްބަރު، ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ވިދާޅުވީ ޕީޕީއެމުން 2013 ގެ ރިޔާސީ އިންތިހާބަށް ކުރިމަތިލިއިރު، މެނިފެސްޓޯގައި މަޖިލީހަކީ ނަޒާހަތްތެރި މަޖިލީހެއްގެ ގޮތުގައި ހަދަން ވައުދުވި ކަމަށެވެ. އަދި އެންޓި ޑިފެކްޝަން ގާނޫނު އުވައިލުމަށް ތާއީދު ނުކުރައްވާ ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.

އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވީ އެންޓި ޑިފެކްޝަން ނަމުގައި ގާނޫނެއް އޮތުމަށް ރައްޔިތުން އެދޭ ކަމަށެވެ. އެ ގާނޫނު އުވައިލުމަކީ މަޖިލީހަށް މެމްބަރުން އިންތިހާބު ކުރާ ޕާޓީތަކަށް ހަރާންކޯރުވާން ދެވޭ ފުރުސަތެއް ކަމަށް ފަލާހު ވިދާޅުވި އެވެ.

އެންޓި ޑިފެކްޝަން ގާނޫނަކީ ގާނޫނުއަސާސީއާ ހިލާފަށް ހެދި ގާނޫނެއް ކަމަށް ބައެއް މެމްބަރުން ވިދާޅުވިއިރު، އެ ގާނޫނަކީ ގާނޫނުއަސާސީއާ ހިލާފު ގާނޫނެއް ނޫން ކަން ކޯޓުތަކުގެ ހުކުމުން އެނގެން އޮންނަ ކަމަށް ފަލާހު ވިދާޅުވި އެވެ. އެންޓި ޑިފެކްޝަން ގާނޫނު ބަދަލުތަކަކާއެކު އޮތުން މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ.

މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ އެންޓި ޑިފެކްޝަން ގާނޫނު މިހާރު އޮތް ގޮތާ މެދު ހިތްހަމަނުޖެހޭ ކަމަށެވެ. މަޖިލީހަށް އިންތިހާބުވާ ޕާޓީ ދޫކޮށް، އެހެން ޕާޓީއަކަށް ދިއުމަކީ ރައްޔިތުން އެއްގޮތަކަށް ވެސް ގަބޫލު ކުރާ ކަމެއް ނޫން ކަމަށް ޝަރީފް ވިދާޅުވި އެވެ.

މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު، ރިޔާސަތުގައި. --- ފޮޓޯ: މަޖިލިސް

މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު، ރިޔާސަތުގައި. --- ފޮޓޯ: މަޖިލިސް

"މަޖިލީހުގެ މެމްބަރުންނާ ދިމާލަށް ތަފާތު ފާޑު ކިއުންތައް އަމާޒުވަނީ މި ދެންނެވި ސަބަބުތަކަށްޓަކައި. ދުނިޔޭގެ އެހެން ގައުމުތަކުގައި ޕާޓީ ބަދަލުކުރާނަމަ، ގޮނޑި ދޫކޮށްލުމަށް ފަހު، އަލުން ކުރިމަތިލަނީ. މަގުބޫލު ސަބަބުތަކަށްޓަކައި ޕާޓީ ބަދަލުކުރަން ޖެހޭ ހާލަތްތައް އަންނާނެ. އެހެން ކަމަށްވާނަމަ، ރައްޔިތުންނާ ކުރިމަތިލައިގެން މަޖިލިހަށް އަލުން އިންތިހާބުވެވަޑައިގަތުމުގެ ހިތްވަރާއި ކެރިފޯރުންތެރިކަން ހުންނާނެ،" މިހާރު އަމަލު ކުރަމުން އަންނަ އެންޓި ޑިފެކްޝަން ގާނޫނު އުވައިލަން ތާއީދު ކުރައްވާ ޝަރީފް ވިދާޅުވި އެވެ.

ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ވިދާޅުވީ އެންޓި ޑިފެކްޝަން ގާނޫނަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ދަމަހައްޓަން ހެދި ގާނޫނެއް ކަމަށެވެ. އަދި އެންޓި ޑިފެކްޝަން ގާނޫނު ހެދި މީހުން "ފިލައި ރައްކާވެފައިވާ" ކަމަށްވެސް ލަތީފް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، މަޖިލިސް "ސާފު ކުރުމަށްފަހު" އިދިކޮޅު ފަރާތްތަކުގެ ކޮންޓްރޯލްގެ ދަށަށް އެތަން ވަނީ ގެނެސްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެމްބަރަކު އެ ބޭފުޅަކު އިންތިޚާބުވި ޕާޓީން ވަކިވެއްޖެ ނަމަ، ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ، މަޖިލީހުގެ މެމްބަރުކަމުން ވަކިވާނެ ކަމަށް ޖުލައި 13، 2017 ގައި ސުޕްރީމް ކޯޓުން ހުކުމް ކުރީ ބަންޑާރަ ނައިބު ހުށަހެޅުއްވި ދުސްތޫރީ މައްސަލައަކާ ގުޅިގެންނެވެ. އެ ހުކުމުގައި އެންޓި ޑިފެކްޝަން ގާނޫނެއް ހަދަން މަޖިލީހަށް ލާޒިމް ވެސް ކުރި އެވެ.

އެންޓި ޑިފެކްޝަން ގާނޫނު މަޖިލީހުން ފާސްކޮށް، ރައީސް އަބްދުﷲ ޔާމީން ތަސްދީގު ކުރައްވާފައި ވަނިކޮށް އެ ގާނޫނާ މެދު އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ސަބަބުން، އެއީ ބާތިލް ގާނޫނެއްގެ ގޮތުގައި ކަނޑައަޅަން އިދިކޮޅު ފަރާތްތަކުން ސުޕްރީމް ކޯޓަށް މައްސަލައެއް ވެސް ހުށަހެޅި އެވެ. އެކަމަކު، ސުޕްރީމް ކޯޓުން ކަނޑައަޅާފައި ވަނީ އެންޓި ޑިފެކްޝަން ގާނޫނަކީ ސައްހަ ގާނޫނެއްގެ ގޮތުގަ އެވެ.